ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގައި މިއަދު ކުޅުނު އަންހެން ޑަބަލްސް އިވެންޓުގެ ފައިނަލް މެޗު ކާމިޔާބުކޮށް ރާއްޖޭގެ ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާގެ ޕެއާ މުބާރާތުން ރަން މެޑަލް ހާސިލްކޮށްފި އެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދާ މުބާރާތުގައި މިއަދު ކުޅުނު ފައިނަލް މެޗުން ނަބާހާ އާއި ނަބީހާގެ ޕެއާ މޮޅުވީ ޕާކިސްތާނުގެ ބުޝްރާ ގައްޔޫމާއި މަހޫރު ޝަހުޒާދުގެ ޕެއާއާއި ވާދަކޮށް ސީދާ ދެ ސެޓުންނެވެ. ދިވެހި ޕެއާ އިން ސެޓުތައް ގެންދިޔައީ 21-17 އަދި 21-13 އިންނެވެ. ނަބާހާ އާއި ނަބީހާގެ ޕެއާ އަކީ އެންމެ ފަހުން ބޭއްވި ގައުމީ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޕެއާ އެވެ.

ރާއްޖެ އިން ޕާކިސްތާން މުބާރާތް ނިންމާލީ ދެ އިވެންޓަކުން ރަން މެޑަލް ހާސިލްކޮށްގެންނެވެ. ޑަބަލްސްގެ އިތުރުން މިކްސް ޑަބަލްސްގައި ރާއްޖޭގެ ޒަޔާން އާއި ނަބާހާގެ ޕެއާ ވަނީ މިބައިން އެއްވަނަ އަށް ސީޑް ކުރެވުނު ނޭޕާލްގެ ޕެއާ ސީދާ ދެ ސެޓުން ބަލިކޮށް ރަން މެޑަލް ހާސިލްކޮށްފައެވެ. މިއީ މި އަހަރު ޖުލައި މަހު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އަންހެން ސިންގަލްސް ބައިން އައިމިނަތު ނަބީހާ ޗެމްޕިއަންކަން ހޯދުމަށްފަހު ރާއްޖެ އަށް ބައިނަލްއަގުވާމީ މުބާރާތަކުން ރަން މެޑަލް ލިބުނު ފުރަތަމަ ފަހަރެވެ.

ޕާކިސްތާން މުބާރާތުގައި ރާއްޖޭގެ ނީލާ ނަޖީބު ވަނީ އަންހެން ސިންގަލްސް ބައިން ލޯ މެޑަލް ހޯދައިފަ އެވެ. އަދި އަންހެން ޑަބަލްސް ބައިން ނީލާ އާއި މައިސާ ފަތުހުﷲގެ ޕެއާ ވަނީ ލޯ މެޑަސް ހާސިލްކޮށްފަ އެވެ.