އޭޝިއަން ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭ ކުޅުނު ދެވަނަ މެޗުގައި ބަންގުލަދޭޝް އަތުން ވެސް މޮޅުވެއްޖެއެވެ.

މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝްއާ ދެކޮޅަށް މިއަދު ކުޅުނު މެޗުން ރާއްޖެ މޮޅުވީ ސީދާ ތިން ސެޓުންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ސެޓު ތަފާތު ބޮޑު ނަތީޖާއަކާއެކު ރާއްޖެއިން ކާމިޔާބުކުރީ 25-16 އިންނެވެ. ދެވަނަ ސެޓުގައި ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ރާއްޖެ އިން މިސެޓު ކާމިޔާބުކުރީ ފަހުވަގުތު މޮޅު ކުޅުމެއް ދައްކައިގެންނެވެ. ރާއްޖެއިން މި ސެޓު ގެންދިޔައީ 27-25 އިންނެވެ.

މިއަދުގެ މެޗުގެ ފަހު ސެޓުގައި ވެސް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. މި ސެޓުގެ ކުރީކޮޅު ބަންގުލަދޭޝް ޓީމުން ލީޑު ނެގި ނަމަވެސް ރާއްޖެއިން ވަނީ ފަހަތުން އަރައި 25-22 އިން ސެޓު ކާމިޔާބުކޮށް މެޗުން މޮޅުވެފައެވެ.

ރާއްޖެއިން ވަނީ މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ ކިރްގިސްތާން އަތުން ވެސް މޮޅުވެފައެވެ. އެ މެޗު ރާއްޖެއިން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 3-2 ސެޓުންނެވެ. މިއީ ރާއްޖޭގެ އަންހެން ޓީމުން ކިރިގިސްތާން ބަލިކުރި ފުރަތަމަ ފަހަރެވެ.

މި މުބާރާތުގައި މިއަދު ރާއްޖެ އަތުން ބަލިވުމުގެ ކުރިން ބަންގްލަދޭޝް ވަނީ އިއްޔެ އަފްޣާނިސްތާން އަތުން މޮޅުވެފައެވެ. އަދި މިއަދު ކުޅުނު މެޗުގައި ނޭޕާލުން ވަނީ އަފްޣާނިސްތާން ބަލިކޮށްފައެވެ. މިހާތަނަށް ކުޅުނު މެޗުތަކުގެ ނަތީޖާތަކަށް ބަލާ އިރު، ރާއްޖެ ކުޅުނު ދެ މެޗުން މޮޅުވެފައިވުމުން މުބާރާތުގެ ފައިނަލަށް ދިއުމުގެ އުންމީދު ބޮޑެވެ.

ލީގު ބުރުގައި ރާއްޖެއިން ކުޅޭ ތިންވަނަ މެޗުގައި މާދަމާ ނުކުންނަން ޖެހޭނީ އަފްޣާނިސްތާންއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި އަންނަ ބުދަ ދުވަހު ރާއްޖެ ކުޅެން ޖެހޭނީ ނޭޕާލާ ދެކޮޅަށެވެ.

މުބާރާތުގެ ލީގް ބުރުގެ މެޗުތައް ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު ބުރާސްފަތި ދުވަހު ކުޅޭ ފުރަތަމަ މެޗަކީ ލީގުގެ ތިންވަނައާއި ހަތަރުވަނަ ހޮވުމަށް ކުޅޭ މެޗެވެ. އެ މެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ ތިންވަނަ އަދި ހަތަރުވަނަ ހޯދާ ޓީމެވެ. ބުރާސްފަތި ދުވަހު ކުޅޭ ދެވަނަ މެޗަކީ ފައިނަލް މެޗެވެ. އެ މެޗުގައި ވާދަކުރާނީ ލީގު ބުރުގެ އެއްވަނަ އަދި ދެވަނަ ހޯދާ ޓީމެވެ.