ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗަކަށް މުހައްމަދު އާދަމް ހަމަޖައްސައިފި އެވެ.

މި ސީޒަނުގައި އެންމެ ފުރަތަމަ ވިކްޓްރީ ސްޕޯޓްސް ކްލަބަށް އިރުޝާދުދިން މުހައްމަދު އާދަމް، ޔޫވީގެ ކޯޗަކަށް ހަމަޖެއްސީ އެޓީމުގެ ކޯޗުކަމުގެ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން ހުރި މުހައްމަދު ނަޒީހު އެ މަގާމުން އިސްތިއުފާ ދިނުމުންނެވެ.

ނަޒީހުގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ވިކްޓްރީ އެންމެ ފަހުން ދިވެހި ލީގުގައި ވިކްޓަރީއާ ދެކޮޅަށް ކުޅެން އޮތް މެޗަށް އެޓީމު ހާޒިރުނުވުމުން، އެ މެޗުން ޔޫވީއަށް 3 ޕޮއިންޓު ލިބުނުއިރު، މެޗަށްފަހު ނަޒީހު ވަނީ މަގާމުން އިސްތިއުފާދީފައެވެ.

އިސްތިއުފާ ދިނުމަށްފަހު ނަޒީހު ބުނީ އެ މެޗަކީ ޔޫވީ އަށް އޭނާ އިރުޝާދު ދިން ފަހު މެޗު ކަމަށްވިޔަސް މި ސީޒަނުގައި ބާކީ އޮތް ދުވަސްތަކު އެހެން ޓީމަކުން ނުފެންނާނެޔޭ ބުނަން ނޭނގޭ ކަމަށެވެ. އަދި ޔޫވީއާ ދުރަށް ދިޔަ ނަމަވެސް އުއްމީދަކީ ރަނގަޅު އެހެން ކޯޗަކާއެކު ކުރިއަށް އޮތް ތާނގައި ޔޫވީން ލީގުގައި ނެރޭ ނަތީޖާތައް ރަނގަޅުވުން ކަމަށާއި އޭނާ އަބަދުވެސް އެދެނީ ކްލަބަށް ކާމިޔާބީ އަށް ކަމަށެވެ.

މި ފަހަރުގެ ސީޒަނާ ވިކްޓަރީން ޒުވާން ސްކޮޑަކާއެކު ކުރިމަތިލިއިރު، މުހައްމަދު އާދަމް ވަނީ އެޓީމާއެކު ރަނގަޅު ނަތީޖާތަކެއް ނެރެން މަސައްކަތްކޮށްފައެވެ. އެކަމަކު އޭނާގެ އިރުޝާދުގެ ދަށުން ވިކްޓްރީ މި ސީޒަނުގައި އެއްވެސް މެޗަކުން މޮޅުވެފައެއް ނުވެއެވެ.

ވިކްޓަރީގެ ކޯޗުކަމުގެ މަގާމުން މުހައްމަދު އާދަމް އޯގަސްޓް މަހު އިސްތިއުފާ ދިންއިރު، އޭނާ ބުނެފައިވަނީ އެ ކްލަބުގެ ހާލަތު އޮތީ ވަރަށް ދެރަކޮށް ކަމަށެވެ. އެގޮތުން ވިކްޓްރީގެ ސްކޮޑުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އެޓީމަށް ބިދޭސީ ކުޅުންތެރިންގެ އިތުރުން ތަޖުރިބާކާރު ދިވެހި ދެތިން ކުޅުންތެރިއެއް ގެންނާނެ ކަމަށް ކްލަބުގެ މެނޭޖުމެންޓުން އޭނާގެ ގާތުގައި ބުނެފައިވީ ނަމަވެސް ސީޒަން ފެށުނުއިރު ވެސް އެކަމުގެ އިޝާރާތެއް މެނޭޖްމަންޓުގެ ފަރާތުން ފެނިފައިނުވާ ކަމަށެވެ.

މީގެ އިތުރުން މުހައްމަދު އާދަމް ބުނީ މި އަހަރުގެ ސީޒަން ފެށުނުއިރުވެސް މުސާރައިގެ މައްސަލަތައް ކުރިމަތިވެފައިވާ ވިކްޓްރީގައި ކުޅުންތެރިންނަށް މުސާރަ ނުދެވުމުގެ އިތުރަށް ކެއުމަށް ދޭން ޖެހޭ ކޮއްތު ފައިސާވެސް ޓީމުގެ ކުޅުންތެރިންނަށް ހަމަ އަށް ދީފައިނުވާ ކަމަށެވެ.

ޔޫވީގެ ކޯޗުކަމާ މުހައްމަދު އާދަމް ހަވާލުވިއިރު، އޭނާގެ އިރުޝާދުގެ ދަށުން އެ ކްލަބުން ކުޅޭނެ ފުރަތަމަ މެޗަކީ އަންނަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ފޯކައިދޫ ފުޓްބޯލް ކްލަބާ ދެކޮޅަށް ކުޅޭ މެޗެވެ. ލީގު ތާވަލަށް ބަލާއިރު، ޔޫވީ އޮތީ ތާވަލުގެ ހަަތްވަނައިގައި 11 ޕޮއިންޓާއެކު އެވެ. މި ސީޒަނުގައި އެޓީމުން ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވެފައިވަނީ 3 މެޗުންނެވެ.