ދަރުބާރުގޭގައި ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގައި ގައުމަށް ރީތި ނަން ހޯދައިދޭ އެކި ފަރާތްތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާ މަތީ ދަރަޖައިގެ ހާއްސަ އިނާމު ގައުމީ ޓީމުގެ ގޯލް ކީޕަރު މުހައްމަދު ފައިސަލަށް ނުލިބުމުން ގިނަބައެއް ވަނީ އެކަމާއި ސުވާލު އުފައްދާފައެވެ.

ގައުމަށް ރީތި ނަން ހޯދައިދީގެން ރައީސް ދެއްވާ ހާއްސަ އިނާމް ރޭ ޖުމްލަ 39 ފަރާތަކަށް ލިބުނުއިރު ވަކިވަކި ފަރުދުންނަށް އިނާމު ލިބުނު އެންމެ މުހިންމު ކެޓަގަރީއަކީ ބައިނަލްއަޤްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވައިގެން ލިބުނު ހާއްސަ އިނާމުގެ ކެޓަގަރީ އެވެ. އެގޮތުން މި ސަރަހައްދުގެ ބޭރުން އެކި މުބާރާތްތަކުންނާއި މައުރަޒުތަކުން އެންމެ މަތީ ވަނަ ހާސިލްކުރި ހަތް ފަރާތަކަށް ރޭ އިނާމު ލިބިގެން ދިޔަ އެވެ.

އެ ހުރިހާ ފަރާތްތަކަށް އިނާމް ލިބިގެންދިޔަ ނަމަވެސް ގައުމީ ފުޓްބޯޅަ ޓީމްގެ ގޯލް ބަލަހައްޓަމުން އަންނަ ކީޕަރު ފައިސަލް އަށް އިނާމް ނުލިބުނީ ކީއްވެ ހެއްޔެވެ؟ ފައިސަލްގެ ކެރިއަރުގައި މިދިޔަ އަހަރަކީ ރަން އަކުރުން ފަވާލެވޭ އަހަރެކެވެ. އޭނާ ވަނީ މިދިޔަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްގެ އިތުރުން މުބާރާތުގެ ރަން މެޑަލް ވެސް ކަރުގައި އަޅުވާފައެވެ.

ސާފް ޗެމްޕިއަންޝިޕްގެ 26 އަހަރުވީ ތާރީހުގައި ކީޕަރަކަށް މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް މީގެ ކުރިން ލިބުނީ ދެ ފަހަރު އެވެ. އެއީ 2009 ވަނަ އަހަރު އެވޯޑް ހޯދި އިންޑިއާގެ ކުރީގެ ކީޕަރު އަރިންދަމް ބަޓްޗާރިޔާ އާއި 2013 ވަނަ އަހަރު އަފްގާނިސްތާންގެ އޭރުގެ ކީޕަރު މަންސޫރު ފަގިޔާރެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ފައިސަލް ވަނީ ރާއްޖެ ކުޅުނު ހުރިހާ މެޗެއްގައިވެސް މޮޅު ކުޅުމެއް ދައްކައިފައެވެ. ސަރަހައްދުގައިވެސް ބޭއްވޭ އެންމެ ބޮޑު މުބާރާތުން ދެވަނަ ފަހަރަށް ރަން މެޑަލް ހޯދައިދިނުމަށްޓަކައި ފައިސަލް ކުރެއްވި ހިތްވަރު އަހަރެމެންނަށް ފެނިގެންދިޔައެވެ. ހާއްސަކޮށް މުބާރާތުގެ ފައިނަލް މެޗުގައި ވަރުގަދަ އިންޑިއާ އަތުން ދިވެހި ޓީމް މޮޅުވި މެޗުގައި ފައިސަލްގެ ފަރާތުން ފެނުނު ހުޝިޔާރުކަން ދިވެހި ސަޕޯޓަރުންގެ ހަނދާނުގައި ހުންނާނެކަން ކަށަވަރެވެ.

ގައުމަށް ރީތި ނަން ހޯދައިދީގެން އެވޯޑް ލިބުނު ފަރާތްތަކުގެ ތެރޭގައި ފައިސަލް ހިމެނިފައިނުވުމުން އެކަމާއި ސުވާލު އުފެދުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. ބައިނަލްއަގުވާމީ މުބާރާތަކުން ރާއްޖޭގެ ފުޓްބޯޅަ ޓީމް ދެވަނަ ފަހަރަށް ރަން މެޑަލް ހޯދިއިރު އެ ކާމިޔާބީގެ ފަހަތުގައިވާ އެންމެ މުހިއްމު ފަރާތަށް ހަމަގައިމުވެސް މަތީ ދަރަޖައިގެ އިނާމް ހައްގެވެ.

ރޭގެ ޖަލްސާގައި ރައީސްގެ ހާއްސަ އިނާމް ލިބުނު ފަރާތްތަކުގެ ތެރޭގައި އިންޑިއަން އޯޝަން އައލެންޑް ގޭމްސްގެ ޓޭބަލްޓެނިސްގެ ޓީމު އިވެންޓުން ރަން މެޑަލް ހޯދި ރާއްޖޭގެ އަންހެން ޓީޓީ ޓީމަށާއި ޑަބަލްސް ކެޓަގަރީން ރަން މެޑަލް ހޯދި އައިޝާތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ ހިމެނުނު އިރު ބެޑްމިންޓަން އިން ރަން މެޑަލް ހޯދިި އާމިނަތު ނަބީހާ އަށް ވެސް ވަނީ ހާއްސަ އިނާމުގެ އެވޯޑް ލިބިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ޒާތީ ވެލީ ކިނބޫ

    19
    3
  2. ހެެެހެ

    ތިވާނީ ބަލަންވާ ވަރަށް ނުބެލުނީ ކަމަށް.

    18
    5
  3. ފަލަޑޭ ގެ ހިކިޑޭ

    ކަލޯ ދިޔާނާ އަށްވެސް މިފަހަރު ލެއްގި ތިޔަ އިނާމެއް... ފައިސަލް އަށް ތި އިނާމު ކިތަންމެ ހާވެސް ހައްގު.

    20
    1
  4. މުރާދު

    ރާއްޖެއަށް ހޯދާދެއްވާފައިވާ ރީތިނަމަށްބަލާއިރު ފައިސަލްއަކީ އެކަށީގެންވާ ފަރާތެއް ވީމާ، ފައިސަލްއަށް ހައްގުކަމުގައިދެކެން މިކަންއިންސާފުވެރިވެ ފުރިހަމަވަނީ ފައިސަލް ވެސް
    އިނާމުދެއްވުމުގައި ބާކީނުކުރެއްވުމުން

  5. އަހްމަދު

    މައުލޫމާތަށް ޓަކައި ދަންނަވަލަން. މިއިނާމުތައްދެނީ މިކަމަށްފުރުޞޮތު ހުޅުވާލީމާ އެފަދަ ފަރާތްތަކުން ފުރަންޖެހޭފޯމަކާއި ލިޔުންތަކެއް ހުށަހެޅީމާ އޭގެމައްޗަށް ބިނާކޮށް. ފައިސަލް ފޯމު ހުށަނާޅަނީކަމަށް ވެދާނެ..

    7
    2