ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި އަންނަ ބުރާސްފަތި ދުވަހު ފިލިޕީންސް އާއި ރާއްޖެ ވާދަކުރާ މެޗަށް ގަލޮޅު ރަސްމީ ދަނޑުގައި ބަންދުކޮށްފައިވާ ސަރަހައްދުގެ ސިޑިބަރިތައް ބޭނުން ކުރެވެން ނެތް ކަމަށް އެފްއޭއެމް އިން އަންގައިފިއެވެ.

ދަނޑުގެ އިރުމަތީ ފަރާތު ސިޑިބަރިތަކުގައި ރެނދުލާފައިވާތީ އެ ސަރަހައްދު ބޭނުންކުރުން ހުއްޓާލުމަށް ހައުސިން މިނިސްޓްރީން އަންގާފައިވުމުން އެންމެ ފަހުން ކޮލިފައިންގައި މާލޭގައި ޗައިނާ އާއި ދެކޮޅަށް ގައުމީ ޓީމް ކުޅުނު މެޗަށް ވިއްކާފައިވަނީ 3500 ޓިކެޓެވެ.

ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އެފްއޭއެމްގެ ގައުމީ ޓީމު ކޮމިޓީގެ ޗެއާމަން އަދި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވަނީ ކުރިއަށް އޮތް ދެމެޗަށް ގަލޮޅު ދަނޑަށް ވީހާވެސް ގިނަ ސަޕޯޓަރުން ވެއްދުމަށް މަސައްކަތްކުރާނެ ކަމަށާއި ދަނޑުގައި ބޭނުންކުރުން މަނާކޮށްފައިވާ ސަރަހައްދުގެ ސިޑިބަރިތައް އަލުން ހުޅުވާލެވޭތޯ މަސަތްކަތް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު އަލީ ވަހީދު މިހެން ވިދާޅުވެފައިވަނިކޮށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް ވިދާޅުވީ ދަނޑަށް ވީހާވެސް ގިނަ ސަޕޯޓަރުން ވެއްދުމަށްޓަކައި ބަންދުކޮށްފައިވާ ސަރަހައްދުގެ ސިޑި ބަރިތައް ބޭނުން ކުރެވޭތޯ މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ސަލާމަތާއި ރައްކާތެރިކަމަށްތަކައި އެތަން މިވަގުތަށް ހުޅުވެން ނެތްކަމަށެވެ.

މި ސަބަބާއި ހުރެ މި މެޗަށް ސަޕޯޓަރުންނަށް ވިއްކުމަށް ހަމަޖެހިފައިވަނީ 3000 ޓިކެޓް ކަމަށާއި ފީފާ ގަވާއިދުގެ ދަށުން އޭގެ 15 ޕަސެންޓް ޓިކެޓް ހާއްސަކޮށްފައިވަނީ ފިލިޕީންސް ސަޕޯޓަރުންނަށް ކަމަށް ޖަވާޒް ވިދާޅުވިއެވެ. އެހެންކަމުން ދިވެހި ސަޕޯޓަރުން ލިބޭނީ 2550 ޓިކެޓްއެވެ.

ރާއްޖެއާއި ފިލިޕީންސް އަންނަ ބުރާސްފަތި ދުވަހު ކުޅޭ މެޗުގެ ޓިކެޓް ވިއްކަން މިއަދު ހަވީރު އެފްއޭއެމް އެއް ނަންބަރު ޓާފު ދަނޑުގައި ފަށާއިރު ޓިކެޓާއެކު ޤައުމީ ޓީމުގެ ޖާޒީ ވެސް ވިއްކުމަށް ހަމަޖެހިފައިވެއެވެ. ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 100 އާއި 150 ރުފިޔާ އަށެވެ. ކޮންމެ މީހަކަށް އެންމެ ގިނަވެގެން ގަނެވޭނީ ތިން ޓިކެޓެވެ. އެފްއޭއެމް އިން މައުލޫމާތުދޭ ގޮތުގައި ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މިއަދުއެވެ.

ޓިކެޓު ވިއްކުމުގެ ހަރަކާތް މިއަދު ހަވީރު ފަށާއިރު މި ހަރަކާތުގެ ތެރެއިން ޤައުމީ ފުޓުބޯޅަ ޓީމުގެ ކުޅުންތެރިންނާއި ބައްދަލުކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށްވެސް އެފްްއޭއެމް އިން މަޢުލޫމާތުދެއެވެ.

ބުރާސްފަތި ދުވަހު ހަވީރު 4:00ގައި ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު، މިމަހުގެ 19 ވަނަ ދުވަހު ރާއްޖެ ނުކުންނަން ޖެހޭނީ ގުއާމްއާ ދެކޮޅަށެވެ. މި ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ޓީމް މިފަހަރު ކޭމްޕު ކޮށްފައިވަނީ މެލޭޝިއާގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބަޖެޓު

    ދިވެހި ފުޓުބޯޅައިގެ ހާލަތު. ބަޖެޓުން އަޅެ ކީއްތަކުރަނީ. ބައްސާމު އިސްތިއުފާދީ.

  2. ޚިކީ

    ދެން ކޮން މޮޅެތި ކެމްޕެއިނެއްތަ މި ޖައްސަނީ.. މި 3000 ޓިކެޓު ނުވިކިދާނެތީތަ