އިންގްލެންޑުގެ ކޭމްޕް ތެރެއިން ލިވަޕޫލުގެ ޖޯ ގޯމޭޒާ ތަޅާފޮޅުމުން، ޔޫރޯ ކޮލިފައިންގައި އެޓީމު ކުރިއަށް ކުޅެން އޮތް މެޗަށް ނެގި ސްކޮޑުން ބާކީކޮށްފައިވާ މެންޗެސްޓާ ސިޓީގެ ފޯވަޑް ރަހީމް ސްޓާލިން އޭނާ އަށް ކުރެވުނު ކުށައް މައާފަށް އެދެފިއެވެ.

ޕްރިމިއާ ލީގުގައި މިދިޔަ އާދިއްތަ ދުވަހު ގޯމޭޒް ކުޅެމުން އަންނަ ލިވަޕޫލް އަތުން ސްޓާލިންގެ ސިޓީ 3-1 އިން ބަލިވި މެޗުގައި މިދެ ކުޅުންތެރިން ވަނީ އެކަކު އަނެކަކަށް ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ. އިނގިރޭސި މީޑިއާ އެއް ކަމަށްވާ ޓެލެގްރާފްގެ ރިޕޯޓްތައް ބުނާ ގޮތުގައި ލީގު މެޗަށްފަހު ގައުމީ ޓީމްގެ ކޭމްޕުގެ ތެރެއިން ގެސް މި ދެކުޅުންތެރިން ގަޔަށް އަތްލައި ޒުވާބުކުރި ކަމަށެވެ.

މި މައްސަލައިގައި އިންގްލެންޑުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނީ ބުރާސްފަތި ދުވަހުގެރޭ މޮންޓެނީގްރޯއާ ދެކޮޅަށް ކުޅޭ މެޗަށް ސްޓާލިން ބޭނުންނުކުރަން ނިންމާފައިވާ ކަމަށެވެ. ސައުތުގޭޓް ބުނީ އެއީ ޓީމުގެ އެކުވެރިކަން ދެމެހެއްޓުމުގެ ގޮތުން މިވަގުތު ކޮންމެހެން ނަގަން ޖެހޭ ފިޔަވަޅެއް ކަމަށެވެ.

ގައުމީ ސްކޮޑުން ސްޓާލިން ބާކީކޮށްފައިވާއިރު އޭނާ ވަނީ އޭނާގެ ރަސްމީ އިންސްޓަގްރަމް އެކައުންޓްގައި ކުރި ޕޯސްޓެއްގައި ގޯމޭޒް އާދެމެދު ހިނގި ކަންތައްތަކަށް ޓީމުގެ ހުރިހާ ކުޅުންތެރިންގެ ކިބައިންނާއި ކޯޗު ސައުތުގޭޓްގެ ކިބައިން މައާފަށް އެދިފައެވެ.

ސްޓާލިން ކުރި ޕޯސްޓްގައި އޭނާ ބުނީ ސިޓީ-ލިވަޕޫލް މެޗަކީ އޭނާ އަށް ކިހާ މުހިއްމު މެޗެއްކަން އެންމެނަށްވެސް އިނގޭނެ ކަމަށާއި ނަމަވެސް އޭނާގެ ފަރާތުން ހަމަނުޖެހުން ހިނގި ގަޑީގައި ފެނުނީ އެންމެ ރަނގަޅު އަހުލާގެއް ނޫން ކަމަށެވެ. އެކަމަށްޓަކައި އެންމެންގެ ކިބައިން މާފަށް އެދޭ ކަމަށާއި އެވަގުތު އޭނާގެ ފަރާތުން އެކަން ކުރެވުނީ މާ ބޮޑަށް ޖަޒުބާތުގައި ޖެހުމުން ކަމަށް އޭނާ ބުނެފައިވެ އެވެ.

ސްޓާލިން އިތުރަށް ބުނީ ގޯމޭޒް އާއި އޭނާ އާއި ދެމެދު އެއްވެސް ރުޅިވެރިކަމެއް މިހާރު ނެތް ކަމަށާއި ބޭނުންވަނީ އެކަން ހަނދާން ނައްތާލައި ގައުމީ ޓީމް ކުރިއަށް ކުޅެން އޮތް މެޗާއިގެން ކުރިއަށްދާން ކަމަށެވެ.

އެއްވަރުކޮށްލައިގެން ވެސް ޔޫރޯ އަށް ކޮލިފައިވެވެން އޮތް މެޗުގެ ސްކޮޑުން ބާކީކުރި ސްޓާލިން އަކީ ކޮލިފައިންގައި އިންގްލެންޑުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ކޮލިފައިންގައި މިހާތަނަށް ހަ މެޗުން އަށް ލަނޑު ޖަހައިފަ އެވެ.