އިނގިރޭސިވިލާތުގެ ލަންޑަންގައި މިހާރު ކުރިއަށްދާ އޭޓީޕީ ފައިނަލްސް ޓެނިސް މުބާރާތުގައި ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށް ދުނިޔޭގެ ތިން ނަންބަރު ޓެނިސް ކުޅުންތެރިއާ ސްވިޓްޒަލެންޑްގެ ރޮޖާ ފެޑެރާ ސެމީ ފައިނަލުގެ އުއްމީދު އާކޮށްފިއެވެ.

ފެޑެރާ މުބާރާތުގައި އޭނާ ކުޅުނު ދެވަނަ މެޗު ކާމިޔާބުކުރީ އިޓަލީގެ މަޓެއޯ ބެރެޓިނީގެ މައްޗަށް ސީދާ ދެސެޓުން ކުރިހޯދައިގެންނެވެ. ފެޑެރާ މިމެޗުގެ ސެޓުތައް ގެންދިޔައީ 7-6 އަދި 6-3 އިންނެވެ. މި މޮޅާއެކު ފެޑެރާ އަށް ސެމީ ފައިނަލުން ޖާގަ ލިބުމުގެ އުއްމީދު އާވެފައިވާއިރު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ފެޑެރާ ވާދަކުރާނީ ދުނިޔޭގެ އެއްވަނަ ކުޅުންތެރިއާ ސާބިއާގެ ނޮވަކް ޖޮކޮވިޗާއެވެ. މި ގްރޫޕްގެ ފުރަތަމަ މެޗުގައި އޮސްޓްރިއާގެ ޑޮމިނިކް ތިއެމް އާއި ވާދަކޮށް ފެޑެރާ ވަނީ ބަލިވެފައެވެ. އަދި ޖޮކޮވިޗް ވަނީ އޭނާގެ ފުރަތަމަ މެޗުގައި ބެރެޓިނީގެ މައްޗަށް ކުރިހޯދާފައެވެ.

މި މުބާރާތުގެ ގްރޫޕް ބީގައި ހިމެނެނީ ސްޕެއިންގެ ރަފައެލް ނަޑާލް އާއި ޖަރުމަނުގެ އެލެގްޒާންޑާ ޒްވެރެވް އާއި ގްރީސްގެ ސްޓެފަނޮސްގެ އިތުރުން ރަޝިއާގެ ޑެނިއެލް މެޑްވެޑޭވްއެވެ. މި ގްރޫޕްގެ ފުރަތަމަ މެޗުގައި ޒްވެރެވް ނަޑާލްގެ މައްޗަށް ސީދާ ދެސެޓުން ކުރިހޯދިއިރު ސްޓެފަނޮސް ވަނީ ހަމަ އެ ނަތީޖާއިން މެޑްވެޑޭވް ބަލިކޮށްފައެވެ.

އޭޓީޕީ ފައިނަލްސް އަކީ އަހަރުގެ ރޭންކިންގެ ގަދަ އަށް ކުޅުންތެރިން ވާދަކުރާ މުބާރާތެކެވެ. މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ ފެޑެރާއެވެ. ހަ ފަހަރެއްގެ މަތިން ފެޑެރާ މިމުބާރާތުގެ ތަށި އުފުލާފައިވާއިރު ޖޮކޮވިޗް ވަނީ ފަސް ފަހަރު ޗެމްޕިއަންކަން ހޯދާފައެވެ.