އަނިޔާގެ ސަބަބުން އެފްރިކަން ކަޕް އޮފް ނޭޝަންސް ކޮލިފައިންގައި މިސްރު މިހަފްތާ ބަންދުގައި ކުޅެން ހަމަޖެހިފައިވާ ދެ މެޗަށް ނެގި ސްކޮޑުން އެޓީމުގެ ފޯވަޑް މުހައްމަދު ސަލާހު ވަކިވެއްޖެ އެވެ.

އިންގްލަންޑްގެ ލިވަޕޫލަށް ކުޅެމުން އަންނަ އުމުރުން 27 އަހަރުގެ ސަލާހު އޭނާގެ ފައިގެ ކުޑަހުޅަށް ލިބުނު ގެއްލުމަކާއި ގުޅިގެން ގައުމީ ސްކޮޑުން ވަކިވެ ފަރުވާއަށްޓަކައި ކްލަބާއި މިހާރު ވަނީ ގުޅިފައެވެ. ސަލާހުގެ ފަޔަށް އަނިޔާވެފައިވަނީ ލީގުގައި މިދިޔަ އާދިއްތަ ދުވަހު ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގެ ފުރަތަމަ ޙާފުގައި ސިޓީގެ މިޑްފީލްޑަރު ފަނަންޑީނިއޯ ކުރި ޓެކުލެއްގައެވެ. އެ ޓެކުލާއި ގުޅިގެން އެވަގުތު ފަރުވާ ހޯދުމަށްފަހު ސަލާހު ވަނީ މެޗުގެ ބާކީބައި ފުރިހަމަކޮށްފައެވެ.

އެ މެޗަށްފަހު ސަލާހު ގައުމީ ޓީމާއި ގުޅުނު ނަމަވެސް ކުރިއަށްގެންދެވުނު ޓެސްޓް ތަކަށްފަހު ސަލާހު ފިޓްނޫން ކަމަށް ފާހަގަވެ، ރިކަވާ ވާން އޭނާ އަށް ވަގުތު ދިނުމަށް މިސްރުގެ އެފްއޭ އިން ވަނީ ނިންމާފައެވެ. ސަލާހުގެ ފަޔަށް އަނިޔާވެފައިވާއިރު މިއީ ކިހާ ސީރިއަސް އަނިޔާއެއްކަމެއް އަދި މިސްރުގެ ގައުމީ ޓީމުގެ އިތުރުން ލިވަޕޫލުން ހާމަކޮށްފައިނުވި ނަމަވެސް މިސްރުގެ ގައުމީ ޓީމްގެ ޑޮކްޓަރާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާގޮތުން ސަލާހުގެ ފައިގެ ކުޑަހުޅަށް ލިބުނު ގެއްލުމަކީ މިދިޔަ މަހު ލެސްޓާއާއި ލިވަޕޫލް ބައްދަލުކުރި މެޗުގަައި އޭނާގެ ފަޔަށް ލިބުނު އަނިޔާގެ އަސަރެއް ކަމަށެވެ.

އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހު ލެސްޓާ އާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގައި ލެސްޓާގެ ހަމްޒާ ޗޯދްރީ ސަލާހުއަށް ކުރި ނުރައްކާތެރި ޓެކުލުގެ ސަބަބުން އޭނާ ވަނީ ދަނޑުން ބާލާފައެވެ. އެ އަނިޔާގެ ސަބަބުން ސަލާހުއަށް ޖެހިގެން އައި މެޗު ގެއްލުނު ނަމަވެސް ލިވަޕޫލްގެ މެޑިކަލް ޓީމުން ސަލާހުގެ އަނިޔާ ސީރިއަސް ނޫން ކަމަށް ބުނެ އޭނާ އަށް ކުޅެވޭނެ ކަމުގެ ފެހި ސިގްނަލް ދިނެވެ. އެކަމަކު ސަލާހު ކުޅުމުގެ ތެރެއަށް އެނބުރި އައީ ކުޑަހުޅަށް ލިބުނު އަނިޔާއިން %100 ފިޓްނުވަނީސް ކަމަށް އިނގިރޭސި މީޑިއާތަކުން އެއިރު ރިޕޯޓްކޮށްފައިވެއެވެ.

އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ކޮމޮރޮސް އައިލޭންޑްސް އާއި ކެންޔާ އާއި ދެކޮޅަށް ކުޅެން އޮތް ދެމެޗުގައި ސަލާހުއަށް ނުކުޅެވޭއިރު އޭނާ އަކީ ކޮލިފައިންގައި އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިއާއެވެ. މިސްރު ޓީމަށް ފަހަކަށް އައިސް ގިނަ ލަނޑުތަކެއް ޖަހަމުން އަންނަ ސަލާހު އަންނަނީ ޕްރިމިއާ ލީގުގައިވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ.

މިދިޔަ ދެސީޒަންގައިވެސް ލީގުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ރަން ބޫޓު ޙާސިލްކުރި ސަލާހު ވަނީ އާދިއްތަ ދުވަހު އަމިއްލަ ދަނޑުގައި ސިޓީ އަތުން 3-1 އިން ލިވަޕޫލް މޮޅުވި މެޗުގައިވެސް ލަނޑު ޖަހައިފައެވެ.