އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއަށްވުރެ މަތިން ސީޒަން ނިންމާލެވިއްޖެނަމަ ތަށި އުފުލާލާނީ ލިވަޕޫލް ކަމަށް އެޓީމުގެ ފުލްބެކް އެންޑީ ރޮބަޓްސަން ބުނެފިއެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އެންމެ ފަހުގެ ޗެމްޕިއަން ސިޓީ 3-1 އިން ބަލިކޮށް ޕްރިމިއާ ލީގުގެ އެއް ވަނައިގައި ލިވަޕޫލުން ވަނީ އަށް ޕޮއިންޓުގެ ލީޑެއް ނަގައި 29 އަހަރަށް ފަހު ލީގު ކާމިޔާބުކުރުމަށް ބޮޑު ފިޔަވަޅެއް ކުރިއަށް އަޅައިފައެވެ.

ފަބީނިއޯއާއި މުހައްމަދު ސަލާހުގެ އިތުރުން ސާދިއޯ މާނޭގެ ލަނޑުތަކުން ޔާގެން ކްލޮޕްގެ ލިވަޕޫލުން، ލީގް ތައްޓަށް ކުރާ ދަތުރުގައި އެޓީމްގެ އެންމެ ބޮޑު ވާދަވެރިން ބަލިކުރިއިރު މި ކާމިޔާބީ ކްލޮޕްގެ އިތުރުން ޓީމުގެ ކުޅުންތެރިން ފާހަގަކޮށްފައިވަނީ ތަށި ހޯދުމަށްޓަކައި ލިވަޕޫލް ކުރަމުން އަންނަ ދިގު ދަތުރަށް ލިބިގެންދިޔަ ބޮޑު ހިތްވަރެއްގެ ގޮތުގައެވެ.

އިނގިރޭސި މީޑިއާއަކަށް މައުލޫމާތު ދެމުން ލިވަޕޫލްގެ ޑިފެންސް ލައިންގައި ހަރަކާތްތެރިވާ އެންމެ މުހިއްމު އެކަކު ކަމުގައިވާ ސްކޮޓްލަންޑްގެ ރޮބަޓްސަން ބުނީ ސީޒަން ފެށުމުގެ ކުރިން ލީގް ތައްޓަށް ގިނަ ޓީމްތަކަކުން ވާދަކުރާނެކަމަށް ބެލެވުނު ކަމުގައިވިޔަސް ފަހުދުވަހު ތަށި އުފުލާލާނެ ކަމަށް ބެލެވެނީ ލިވަޕޫލް ނޫނީ ސިޓީ ކަމަށެވެ. އަދި މިދިޔަ ސީޒަންގައިވެސް ފެނުނު ގޮތަށް ލިވަޕޫލް އާއި ސިޓީ ފެނިގެންދަނީ ތަފާތުކޮށް ކަމަށާއި ލީގް ތާވަލުގައި ސިޓީއަށްވުރެ މަތިން ނިންމާލެވިއްޖެނަމަ ލިވަޕޫލަށް ތަށި ލިބުމަށް ދެން އެއްވެސް ހުރަހެއް އޮތް ކަމަކަށް ނުބެލެވޭ ކަމަށެވެ.

“ މިދިޔަ ސީޒަންގައިވެސް އަހަރެމެންނާއި ސިޓީ ފެނުނީ ތަފާތުކޮށް. މިފަހަރު އެހެން ޓީމްތަކަށް ފުރުސަތު އޮންނާނެ ކަމަށް ބެލެވުނަސް އަހަރެންގެ ނަޒަރުގައި މިއީ މިދެޓީމްގެ ފައިޓެއް. ސިޓީ އަށްވުރެ މަތިން އަހަރެމެންނަށް ނިންމާލެވިއްޖެ ނަމަ އަހަންނަށް ހީވާގޮތުން ލިވަޕޫލަށް ޗެމްޕިއަންކަން ލިބޭނެ، “ ރޮބަޓްސަން ބުންޏެވެ.

ރޮބަޓްސަން އިތުރަށް ބުނީ އެންފީލްޑްގައި އެންމެ ފަހުން ސިޓީގެ މައްޗަށް ލިވަޕޫލުން ހޯދި ކާމިޔާބީ އަކީ މުޅި ޓީމަށްވެސް ލިބިގެންދިޔަ ބޮޑު ހިތްވަރެއް ކަމަށާއި އުއްމީދަކީ ލީގުގެ ބާކީހުރި މެޗުތަކުގައިވެސް އެ ކުޅުން ތަކުރާރުކުރެވި ލީގް ޗެމްޕިއަންކަން ޓީމަށް ލިބުން ކަމަށެވެ.

މިފަހަރުގެ ޕްރިމިއާ ލީގް ސީޒަންގެ ފުރަތަމަ 12 މެޗު މިހާރު ކުޅެފައިވާއިރު ލިވަޕޫލް އެއް ވަނައިގައި އޮތީ 34 ޕޮއިންޓް އެއްކޮށްގެންނެވެ. އެ ޓީމަށް ގެއްލުނު ދެ ޕޮއިންޓަކީ މެންޗެސްޓާ ޔުނައިޓެޑާ އެއްވަރުވެގެން ގެއްލުނު ދެ ޕޮއިންޓެވެ. ލިވަޕޫލާއި އެންމެ ގާތުގައި އޮތީ 26 ޕޮއިންޓް ހޯދައިގެން ލެސްޓާ ސިޓީ އެވެ. އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ލަނޑުގެ ތަފާތުން ތިން ވަނައިގައި އޮތީ ޗެލްސީ އެވެ. މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ސިޓީ މިވަގުތު މަޑުޖެހިފައި އޮތީ 25 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.