އިނގިރޭސިވިލާތުގެ ލަންޑަންގައި މިހާރު ކުރިއަށްދާ އޭޓީޕީ ފައިނަލްސް ޓެނިސް މުބާރާތުގައި ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށް އޮސްޓްރިއާގެ ޑޮމިނިކް ތިއެމް މުބާރާތުގެ ގަދަ ހަތަރަކުން ޖާގަ ހޯދައިފިއެވެ.

ތިއެމް މުބާރާތުގައި އޭނާ ކުޅުނު ދެވަނަ މެޗު ކާމިޔާބުކުރީ ފޯރިގަދަ ކުޅުމަކަށްފަހު ދުނިޔޭގެ އެއްވަނަ ކުޅުންތެރިއާ ސާބިއާގެ ނޮވަކް ޖޮކޮވިޗްގެ މައްޗަށް ދެސެޓު އެއް ސެޓުން ކުރިހޯދައިގެންނެވެ. އެންމެ ފަހުގެ ޗެމްޕިއަން ޖޮކޮވިޗް މިމެޗަށް ނުކުތީ ފުރަތަމަ މެޗުގައި އިޓަލީގެ ބެރެޓިނީގެ މައްޗަށް ފަސޭހަ މޮޅެއް ހޯދުމަށްފަހުއެވެ.

ތިއެމް އާއި ޖޮކޮވިޗް ބައްދަލުކުރި މެޗުގެ ފުރަތަމަ ސެޓުގައި މި ދެކުޅުންތެރިންގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު ހާޑް ކޯޓުތަކުގައި އަބަދުވެސް ވަރުގަދަކޮށް ފެންނަ ޖޮކޮވިޗް ވަނީ ނަތީޖާ ނެރެން ކުޅުން ޓައި ބްރެކް ކާމިޔާބުކޮށް 7-6 އިން މިސެޓު ގެންގޮސްފައެވެ.

މެޗުގެ ދެވަނަ ސެޓާއި ތިއެމް ކުރިމަތިލީ އިތުރު ހިތްވަރަކާއެކު އެވެ. ތިއެމްގެ ފަރާތުން މިސެޓުގައި ބޮޑެތި ކުރިއެރުންތަކެއް ފެނުނުއިރު އޭނާ ވަނީ ދެފަހަރެއްގެ މަތިން ޖޮކޮވިޗްގެ ސާވިސް ބީޓްކޮށް 6-3 އިން ސެޓު ގެންގޮސްފައެވެ. ފަހު ސެޓުގައި ދެކުޅުންތެރިންގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނުއިރު ތިއެމް މެޗު ކާމިޔާބުކުރީ ނަތީޖާ ނެރެން ކުޅުނު ޓައިބްރެކްގައި ކުރިހޯދައި 7-6 އިން ސެޓު ގެންގޮސްގެންނެވެ.

މި މޮޅާއެކު ތިއެމް އަށް ސެމީ ފައިނަލުން ޖާގަ ލިބިގެންގޮސްފައިވާއިރު މި ގްރޫޕް އިން ސެމީއަށް ދަތުރުކުރާ ދެވަނަ ކުޅުންތެރިއާ ކަށަވަރު ވާނީ ގްރޫޕްގެ ފަހު މެޗުގައި ސްވިޓްޒަލެންޑްގެ ރޮޖާ ފެޑެރާ އާއި ޖޮކޮވިޗް ކުޅޭ މެޗަށްފަހުއެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި ތިއެމް އާއި ވާދަކޮށް ފެޑެރާ ބަލިވި ނަަމަވެސް އޭނާ ވަނީ ދެވަނަ މެޗުގައި ބެރެޓިނީ ބަލިކޮށްފައެވެ. ފެޑެރާ އާއި ޖޮކޮޗިޗް ވެސް އެއް މެޗު ކާމިޔާބުކޮށްފައިވުމުން މިދެކުޅުންތެރިންގެ ކުރިމަތިލުން ކާމިޔާބުކުރާ މީހަކަށް ސެމީގެ ޖާގައެއް ލިބިގެންދާނެއެވެ.

މި މުބާރާތުގެ ގްރޫޕް ބީގައި ހިމެނެނީ ސްޕެއިންގެ ރަފައެލް ނަޑާލް އާއި ޖަރުމަނުގެ އެލެގްޒާންޑާ ޒްވެރެވް އާއި ގްރީސްގެ ސްޓެފަނޮސްގެ އިތުރުން ރަޝިއާގެ ޑެނިއެލް މެޑްވެޑޭވްއެވެ. މި ގްރޫޕްގެ ފުރަތަމަ މެޗުގައި ޒްވެރެވް ނަޑާލްގެ މައްޗަށް ސީދާ ދެސެޓުން ކުރިހޯދިއިރު ސްޓެފަނޮސް ވަނީ ހަމަ އެ ނަތީޖާއިން މެޑްވެޑޭވް ބަލިކޮށްފައެވެ.

އޭޓީޕީ ފައިނަލްސް އަކީ އަހަރުގެ ރޭންކިންގެ ގަދަ އަށް ކުޅުންތެރިން ވާދަކުރާ މުބާރާތެކެވެ. މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ ފެޑެރާއެވެ. ހަ ފަހަރެއްގެ މަތިން ފެޑެރާ މިމުބާރާތުގެ ތަށި އުފުލާފައިވާއިރު ޖޮކޮވިޗް ވަނީ ފަސް ފަހަރު ޗެމްޕިއަންކަން ހޯދާފައެވެ.