ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް މާދަމާ ނުކުންނާނީ ދިވެހި ޓީމަށް ފުރިހަމަ އަށް އިހުތިރާމް ކޮށްގެން ކަމަށް ފިލިޕީންސް ޓީމުގެ ކޯޗު ސްކޮޓް ކޫޕާ ބުނެފި އެވެ.

2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕާއި 2023 ވަނަ އަހަރު ޗައިނާގައި އޮންނަ އޭޝިއަން ކަޕްގެ އޭޝިއާ ބައްރުގެ ކޮލިފައިންގެ ގްރޫޕް އޭގައި ހިމެނެނީ ރާއްޖެ އާއި ފިލިޕީންސްގެ އިތުރުން ޗައިނާ އާއި ސީރިއާ އަދި ގުއާމެވެ. ކޮލިފައިންގައި ކޮންމެ ޓީމަކުންވެސް މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު ގްރޫޕްގެ އެއް ވަނައިގައި ނުވަ ޕޮއިންޓާ އެކު ސީރިއާ އޮތްއިރު ދެ ވަނައިގައި ހަތް ޕޮއިންޓާ އެކު އޮތީ ޗައިނާ އެވެ. މި ގްރޫޕްގެ ތިންވަނައިގައި މިވަގުތު ހަތަރު ޕޮއިންޓް ލިބިގެން ފިލިޕީންސް އޮތްއިރު ރާއްޖެ އަށް ހަތަރު ވަނަ ލިބެނީ ގައުމުން ބޭރުގައި ގުއާމް ބަލިކޮށް ލިބުނު ތިން ޕޮއިންޓާއެކުއެވެ. ގްރޫޕްގެ ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ލިބިފައިނުވެ އެވެ.

ރާއްޖެ އިން މިފަހަރު އަމާޒަކަށް ހިފާފައިވަނީ ދަށްވެގެން ގްރޫޕްގެ ތިންވަނަ ހޯދައި އޭޝިއަން ކަޕްގެ ޖާގައެއް ހޯދުމަށެވެ. މި ގްރޫޕްގެ އެއް ވަނަ އާއި ދެ ވަނަ މަގާމަށް ސީރިއާ އާއި ޗައިނާ ވާދަކުރާއިރު، ބެލެވޭ ގޮތުގައި ތިން ވަނަ މަގާމަށް ދިވެހި ޓީމަށް އެންމެ ބޮޑު ފައިޓެއް ދޭނީ ފިލިޕީންސް އެވެ.

ގްރޫޕްގެ ތިންވަނަ އަށް އަމާޒު ހިފާފައިވާ ރާއްޖެ އާއި ފިލިޕީންސްގެ ކުރިމަތިލުން މާދަމާ ހަވީރު މާލޭގައި އޮންނައިރު މެޗުގެ ކުރިން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަމުން ފިލިޕީންސް ޓީމްގެ ކޯޗު ބުނީ ކޮލިފައިންގައި ރާއްޖޭން ނެރެފައިވާ ނަތީޖާތަކާއި ދައްކާފައިވާ ކުޅުމަށް ބަލާއިރު ރާއްޖެ އަށް ވަރަށް ބޮޑަށް އިހުތިރާމް ކުރާ ކަމަށެވެ.

އިނގިރޭސި ކޯޗު ސްކޮޓް ކޫޕާ ބުނީ ގްރޫޕުގައި މިހާތަނަށް ދެ ޓީމުން ކުޅުނު މެޗުތަކުގެ ތަފާތު ހިސާބުތަކަށް ބަލައިގެން ދެޓީމްގެ ފެންވަރު ވަޒަން ނުކުރެވޭނެ ކަމަށާއި ރާއްޖޭން މިދިޔަ އަހަރެއްހާ ދުވަހު ނެރުނު ނަތީޖާތަކާއި ދައްކާފައިވާ ޕާފޯމެންސަށް ބަލާއިރު އޭނާ އަށް ދިވެހި ޓީމް ފާހަގަކުރެވެނީ ވަރަށް ވަރުގަދަ ޓީމެއް ގޮތުގައި ކަމަށެވެ.

"ރާއްޖޭން ވަނީ ގުއާމް ބަލިކޮށްފަ ރަށުން ބޭރުގައި. ޗައިނާ މެޗުގެ ފުރަތަމަ 30 މިނެޓުގައި އެޓީމާއި އެއްވަރުކޮށް ވަރަށް އޯގަނައިޒްޑް ކޮށް ކުޅުނު. އެ މެޗުގައި ރާއްޖޭގެ ނަސީބު ދެރައީ. ސީރިއާ މެޗުގައި ވެސް މިޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުން އަހަންނަށް ވަރަށް ބޮޑަށް ފާހަގަވި. އަހަރެމެންނަށް ވުރެ ރަނގަޅު ނަތީޖާއެއް ރާއްޖޭން ސީރިއާއާ ދެކޮޅަށް ނެރުނު. މި ޓީމަކީ ވަރަށް ފެންވަރު ރަނގަޅު ކޯޗެއްގެ ދަށުން ކުޅޭ ވަރަށް އޯގަނައިޒް ޓީމެއް، ” ކޫޕާ ބުންޏެވެ.

ރާއްޖެ އާއި ފިލިޕީންސް އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގެ ތިން ވަނަ ހޮވި މެޗުގައި މާލޭގަ އެވެ. ވަރަށް ވާދަވެރި ކުޅުމަކަށް ފަހު އެ މެޗުން 3-2 އިން މޮޅުވީ ފިލިޕީންސް އެވެ. އެ މެޗަށް ރިއާޔަތް ކޮށް ކޫޕާ ބުނީ ފަސް އަހަރު ކުރީގެ މެޗެއްގެ އެއްވެސް އަސަރެއް މާދަމާގެ މެޗުގައި އޭނާގެ ޓީމްގެ އިތުރުން ދިވެހި ޓީމަށްވެސް ނުކުރާނެ ކަމަށެވެ.

ރާއްޖެ އާއި ފިލިޕީންސް ވާދަކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:00 ގައި ގަލޮޅު ފުޓްބޯޅަ ދަނޑުގައެވެ. ސަލާމަތީ ގޮތުން ރައްކާތެރި ނުވާތީ ބޭނުންކުރުން މަނާކޮށްފައިވާ، ގަލޮޅު ދަނޑުގެ ސަހާރާ ފަޅީގެ ސިޑިބަރި އަދި ބޮޑުގޭޓް ފަޅީގެ ސިޑިބަރި ބޭނުންކުރުމަށް ކުރި މަސައްކަތް ކާމިޔާބުނުވުމުން މާދަމާގެ މެޗަށް ވިއްކަން ހަމަޖެހިފައިވަނީ 3000 ޓިކެޓެވެ. އޭގެ ތެރެެއިން ރާއްޖޭގެ ސަޕޯޓަރުންނަށް ވިއްކާނީ 2550 ޓިކެޓެވެ. ބާކީ ޓިކެޓް ވިއްކާނީ ފީފާ ގަވައިދުގައިވާ ގޮތަށް ފިިލިޕީންސް ސަޕޯޓަރުންނަށެވެ.