ސްޕެއިންއާއެކު 2010 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް ކާމިޔާބުކުރި މަޝްހޫރު ފޯވަޑް ޑޭވިޑް ވިޔާ ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމައިފިއެވެ.

ސްޕެއިންގެ ގައުމީ ޓީމްގެ ތާރީހުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ އުމުރުން މިހާރު 37 އަހަރުގެ ވިޔާ ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވަނީ މިހާރު ކުރިއަށްދާ ޖަޕަނީސް ލީގް އަންނަ ޖެނުއަރީ މަހު ނިމުމުންނެވެ. ވިޔާ ކުޅެމުން އަންނަނީ ޖޭ ލީގުގެ ވިޒެލް ކޯބޭ އަށެވެ. އެއީ އޭނާގެ ޕްރޮފެޝްނަލް ފުޓްބޯޅަ ކެރިއަރުގައި ވިޔާ ފެނިގެންދިޔަ އަށް ވަނަ ކްލަބެވެ.

ވިޔާގެ ރިޓަޔާމެންޓާއި ބެހޭގޮތުން ވާހަކަދައްކަމުން އޭނާ ބުނީ ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމާފައިވަނީ ވަރަށް ބޮޑަށް ވިސްނާފައި ކަމަށެވެ. އަދި މި ނިންމުމާއިގެން ވިސްނަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ ކަމަށާއި އޭނާ އަށް ފެންނަ ފެނުމުގައި މިއީ ފުޓްބޯޅަ އާއި ދުރަށްދާން އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

“ އަހަރެން މި ނިންމުމާއިގެން ވިސްނަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ. އަހަރެންގެ އާއިލާއާއި ގާތް ރައްްޓެހިންނާއި މިކަމާއި ބެހާގޮތުން ވާހަކަ ދައްކައި ކަންތައްތައް ހިއްސާކުރަމުން އައީ، މިއީ މިކަން ނިންމަން އެންމެ ރަނގަޅު ވަގުތު. ފުޓްބޯޅަ އަހަރެން ދޫކޮށްލުމުގެ ކުރިން އަހަރެން ފުޓްބޯޅަ އާއި ދުރަށް ޖެހިލީމަ އެންމެ ރަނގަޅުވާނީ، “ ވިޔާ ބުންޏެވެ.

ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު ކުރާނީ ކޮންކަމެއްތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ވިޔާ ބުނީ ފުޓްބޯޅަ އާއި މުޅިން ދުރަށްދާން ބޭނުން ނުވާ ކަމަށާއި އެހެންކަމުން ކުޅުން ހުއްޓާލުމަށްފަހު އޭނާގެ އަމާޒަކީ އެމެރިކާގެ ފުޓްބޯޅަ ފްރެންޗައިޒް ކްލަބެއް ކަމަށްވާ ކުއީންސްބޮރޯ އެފްސީއަށް އިންވެސްޓްކޮށް އެ ކްލަބު ކުރިއެރުވުމުގެ މަސަތްކަތް ކުރުން ކަމަށެވެ.

ސްޕެއިން އިން އެގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން 2010 ވަނަ އަހަރު ހޯދިއިރު ވިޔާ ވަނީ އެފަހަރު މޮޅު ކުޅުމެއް ދައްކައިފައެވެ. އެ މުބާރާތުގައި ވިޔާ ފަސް ލަނޑު ޖެހިއިރު އޭގެ ކުރިން 2008 ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި އުފުލާލި ސްޕެއިން ޓީމްގައިވެސް އެންމެ މުހިއްމު ރޯލެއް އަދާކުރި އެއް ކުޅުންތެރިއަކީ ވިޔާއެވެ.

ކްލަބް ލެވެލްގައި ޖޯސެފް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ދުނިޔޭގެ ރަސްކަން ކުރި މަޝްހޫރު ބާސެލޯނާ ޓީމްގެ ސްޓްރައިކަރެއްގެ ގޮތުގައި މޮޅަށް ކުޅެ ގިނަ ކާމިޔާބީތަކެއް ވިޔާ ހޯދިއިރު އޭގެ ކުރިން އޭނާ ވަނީ ސްޕެއިންގެ ރެއާލް ޒަރަގޯޒާ އާއި ކްލަބް ވެލެންސިއާގައި ވެސް ތަށިތަކެއް ކާމިޔާބުކޮށްފައެވެ. ބާސާގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު ވިޔާ ވަނީ އެތްލެޓިކޯ މެޑްރިޑަށް ބަދަލުވެ އެޓީމާއެކު ވެސް ލަލީގާ ޗެމްޕިއަންކަން ހޯދާފައެވެ.

ކެރިއަރުގައި 400 އަށްވުރެ ގިނަ ލަނޑު ކާމިޔާބުކޮށްފައިވާ ވިޔާ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފޯވަޑުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮތަރު

    " ފުޓްބޯޅަ އަހަރެން ދޫކޮށްލުމުގެ ކުރިން، އަހަރެން ފުޓްބޯޅަ ދޫކޮށްލިއްޔާ އެންމެ ރަނގަޅުވާނީ " ޝައްކެއްވެސްނެތް. މިއީ ވަރަށް ބުއްދިވެރި ވާހަކައެއް. އުމުރުން ދުވަސްވެ ތޫނުފިލިކަން ގެއްލުމުން ޒުވާން އުމުރުގައި ހުރި ހަލުވިކަމާއި ހުށިޔާރުކަން ނެތިގޮސް ތިމާގެ ފުރިހަމަ ކޮންޓްރޯލްގައި ބޯޅަ ނުގެންގުޅެވި ފަހާދުވެގެންވެސް ބޯޅަ އަތުނުވާ ހިސާބަށް ދިޔައިމާ މީހުންގެ މަލާމާތާއި ފުރައްސާރަ ލިބި ހިތްދަތިކަން ތަޙައްމަލް ކުރުމަށްވުރެ އެހިސާބަށް ޙާލަތު ނުދަނީސް ހުއްޓާލުމަކީ އެންމެ ފައިދާހުރި ގޮތް.

    2
    1