ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއިމެދު ކުރެވޭ އުންމީދުތައް ފަހަކަށް އައިސް ބޮޑުވެ، ކޯޗުގެ ހައިސިއްޔަތުން އޭނާ އަށް ކުރިމަތިވެފައިވާ ޕްރެޝަރު ބޮޑުވެއްޖެ ކަމަށާއި އަމާޒަކީ ޒިންމާ ފުރިހަމައަށް ނަގައި އޭޝިއަން ކަޕުގެ ޖާގައެއް ރާއްޖެ އަށް ހޯދައިދިނުން ކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގަޓް ބުނެފިއެވެ.

2022 ވަނަ އަހަރު ގަތަރުގައި އޮންނަ ފީފާ ވޯލްޑް ކަޕާއި 2023 ވަނަ އަހަރު ޗައިނާގައި އޮންނަ އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފައިންގެ މެދަކާ ހިސާބަށް އައިސްފައިވާއިރު ރާއްޖެ އިން މިފަހަރު އަމާޒަކަށް ހިފާފައިވަނީ ދަށްވެގެން ގްރޫޕްގެ ތިންވަނަ ހޯދައި އޭޝިއަން ކަޕްގެ ޖާގައެއް ހޯދުމަށެވެ. މި ގްރޫޕްގެ އެއް ވަނަ އާއި ދެ ވަނަ މަގާމަށް ސީރިއާ އާއި ޗައިނާ ވާދަކުރާއިރު، ބެލެވޭ ގޮތުގައި ތިން ވަނަ މަގާމަށް ދިވެހި ޓީމަށް އެންމެ ބޮޑު ފައިޓެއް ދޭނީ ފިލިޕީންސް އެވެ.

އެހެންކަމުން މާދަމާ ހަވީރު ފިލިޕީންސާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުން މޮޅުވުމަކީ ކޮލިފައިންގައި ކުރިއަށްދާން އެޅޭނެ މުހިއްމު ފިޔަވަޅެކެވެ. ރާއްޖެ ހިމެނޭ ގްރޫޕް އޭގައި ތިން ޕޮއިންޓާ އެކު ދިވެހި ޓީމް ހަތަރު ވަނައިގައި އޮތްއިރު ފިލިޕީންސް އޮތީ އެއް ޕޮއިންޓް އިތުރަށް ހޯދައިގެން ތިން ވަނައިގަ އެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މާދަމާ ހަވީރު ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުން ސެގާޓް ބުނީ ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖެ އިން ނެރެފައިވާ ނަތީޖާތަކާއި ޒުވާން ކުޅުންތެރިން ދައްކަމުން އަންނަ ކުޅުމުގެ ސަބަބުން މިޓީމާ މެދު ކުރެވޭ އުންމީދުތައް ބޮޑުވެގެން ހިނގައްޖެ ކަމަށެވެ. އަދި ޓީމްގެ ކޯޗުގެ ހައިސިއްޔަތުން އެކަމުގެ ޕްރެޝަރު އޮތީ އޭނާ އަށް ކަމަށާއި ރަނގަޅު ނަތީޖާއެއް ޓީމަށް ނެރެދިނުމުގެ ޒިންމާ އޮތީ އޭނާގެ އަތުގައި ކަމަށް ވުމުން މާދަމާ ފިލިޕީންސް ބަލިކޮށް ރާއްޖޭން ކަނޑައެޅި ޓާގެޓް ކަމަށްވާ އޭޝިއަން ކަޕަށް ދިވެހި ޓީމް ކޮލިފައިކޮށްދިނުމަށް ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތްކުރާނެ ކަމަށެވެ.

"ޒުވާން ކުޅުންތެރިންތަކަކާއެކު ނަތީޖާ ނެރެން އަހަރެން މިޓީމާ ހަވާލުވީ. އަހަރެމެން ޒުވާން ކުޅުންތެރިންނާއެކު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިން. އަހަރެމެން ސާފް ޗެމްޕިއަންޝިޕްގައި ހޯދި ކާމިޔާބާއި ވޯލްޑް ކަޕް ކޮލިފައިންގައި ހޯދި ރަނގަޅު ނަތީޖާއާއެކު ހުރިހާ އެންމެން ވެސް މިހާރު ވަރަށް ބޮޑެތި އުންމީދުތަކެއް ކުރޭ މިޓީމާ މެދު. އަހަރެން ދިވެހިންނަށް ޝުކުރު އަދާކުރަން ފުޓްބޯޅައިގެ ފޯރި އަލުން ގަދަކުރީތީ." ސެގާޓް ބުންޏެވެ.

 

ސެގާޓް ބުނީ މާލޭގައި ފިލިޕީންސް އާއި ވާދަކުރާ މެޗަކީ ވަރަށް މުހިންމު މެޗެއް ކަމަށާއި އެކަމަކު ކޮލިފައިންގެ އެންމެ މުހިންމު މެޗަކަށް ވާނީ ފިލިޕީންސްއާ ދެކޮޅަށް ކުޅޭ ދެވަނަ މެޗު ކަމަށެވެ.

"މިއީ ވަރަށް މުހިންމު މެޗެއް. އެކަމަކު ޑިސައިޑިން މެޗަކީ އެގައުމުގައި ކުޅޭ މެޗު. ފިލިޕީންސް މިވަގުތު އޮތީ އަހަރެމެންނަށް ވުރެ ޕޮއިންޓެއް އިތުރަށް ހޯދާފައި. މާދަމާގެ މެޗު ކާމިޔާބުކޮށްގެން އަހަރެމެންނަށް ކުރިއަށް އެރޭނެ. މި މެޗުގައި އަހަރެމެންނަށް ޕޮއިންޓެއް ވެސް ރަނގަޅު. އެކަމަކު އަހަރެމެން ކުޅޭނީ މޮޅެއް ހޯދަން،" އޭނާ ބުންޏެވެ.

ސެގާޓް ބުނީ މާދަމާގެ މެޗަށް ތައްޔާރުވާން މެލޭޝިއާގައި ހެދި ޓްރެއިނިން ކޭމްޕާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. އަދި އަނިޔާގެ މައްސަލައެއް ޓީމުގައި ނެތް ކަމަށާއި ހުރިހާ ގޮތަކުން ވެސް ރާއްޖެ އޮތީ މެޗަށް ތައްޔާރުގައި ކަމަށެވެ.

ރާއްޖެ އާއި ފިލިޕީންސް އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕުގެ ތިން ވަނަ ހޮވި މެޗުގައި މާލޭގަ އެވެ. ވަރަށް ވާދަވެރި ކުޅުމަކަށް ފަހު އެ މެޗުން 3-2 އިން މޮޅުވީ ފިލިޕީންސް އެވެ.

ރާއްޖެއާއި ފިލިޕީންސް ބައްދަލުކުރާ ކޮލިފައިންގެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޭންސަން

    ސެގާޓް ކަލެއަށް ތިކަމެއް ނުވިއެއްނު. ދަގަނޑޭމެން ގައުމީ ޓީމުން އެކަހެރިކޮށް ވަކި މޮޅުތަކެއް ވެއްޖެތަ. އަވަސްވީ ގޮތަކަށް އިސްތިއުފާ ދިނުން ބުއްދިވެރި.