އިންޑިއާ އަކީ މިސަރަހައްދުގައިވެސް ފުޓްބޯޅައިގެ ފެންވަރު އެންމެ ބާރު ސްޕީޑެއްގައި ކުރިއަރަމުން އަންނަ ގައުމެވެ. އެގަމުގެ ފުޓްބޯޅަ ޓީމުން އެންމެ ފަހުން ހެޑްލައިން އަތުލީ މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އޭޝިއާގެ ޗެމްޕިއަން ގަތަރުގެ ދަނޑުގައި އެގައުމުގެ ފުޓްބޯޅަ ޓީމާއި އެއްވަރުކޮށްގެންނެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް ހާއްސަކޮށްގެން ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ރެކޯޑު ހަތް ފަހަރު ކާމިޔާބުކޮށްފައިވާ އިންޑިއާ އިން އަންނަނީ އެގައުމުގެ ފުޓްބޯޅަ މަތީ ހަރުފަތަކަށް ގެންދިއުމަށްޓަކައި މިލިއަނުން ހަރަދުކުރަމުންނެވެ. އެގައުމުން އެންމެ ފަހުން ބޭއްވި ދެ އޭޝިއަން ކަޕްގައިވެސް ވާދަކޮށްފައިވާއިރު މިހާރު އެޓީމުގެ އަމާޒުހުރީ ދުނިޔޭގެ ތައްޓަށް ކުޅެވޭ ވޯލްޑް ކަޕަށެވެ.

އިންޑިއާގެ ކޯޗު ކަމާއި މިއަހަރު ހަވާލުވި އިގޯ ސްޓިމަކްގެ އިރުޝާދުގެ ދަށުން އެގައުމު އަންނަނި ހައިރާންކުރުވަނިވި ނަތީޖާތަކެއް ނެރެމުންނެވެ. އޭޝިއާގެ ނިސްބަތުން ވަރުގަދަ އޮމާނާއި ވާދަކުރި މެޗުގެ ފަހު ދެމިނެޓާއި ހަމައަށް ދަންދެން އިންޑިއާ އިން އޮމާނުގެ މައްޗަށް ލީޑުގައި އޮތްއިރު މުހިއްމު ކުޅުންތެރިންނާއި ނުލައި ގަތަރުގައި އެގައުމް ހިފެހެއްޓުން ވެގެންދިޔައީ އިންޑިއާގެ ފުޓްބޯޅަ ދުވަހެއް ދުވަހަކަށް ކުރިއަރަމުން އަންނަކަމުގެ ހެއްކަކަށެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާ އަފްޢާނިސްތާނާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މީޑިއާއަށް މައުލޫމާތު ދެމުން ސްޓިމަކް ބުނީ އޭނާ ބޭނުންވަނީ އިންޑިއާ ޓީމް ކުޅޭ ސްޓައިލް މުޅިންހެން ބަދަލުކޮށްލަން ކަމަށާއި އަމާޒަކީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެވޭ އަދި އެ މުބާރާތުގައި ރަނގަޅު ނަތީޖާއެއް ނެރެވޭ ފެންވަރުގެ ޓީމެއް ބިނާކުރުން ކަމަށެވެ.

“ އަހަރެން ބޭނުންވަނީ މިޓީމްގެ ކުޅުމުގެ ވައްޓަފާޅި ބަދަލުކޮށްލަން. އަހަރެން މިޓީމާއި ހަވާލުވުމުގެ ކުރިން އިންޑިއާ ކުޅެމުން ދިޔައީ ފަހަތަށް ހަ ކުޅުންތެރިން ލައިގެން ބޮޑު ބޯޅަތައް ލައިގެން އެޓޭކް ކުރުމުގެ ވިސްނުމެއްގަ. އެއިރު މިޓީމްގެ ކުޅުމުގެ ސްޓައިލް ހުންނަ ގޮތުން ޓީމްގެ އެޓޭކްގައި ބައިވެރިވަނީ ހަތަރު ކުޅުންތެރިން. އެހެންކަމުން އަހަރެމެން އެންމެންވެގެން މިކުރާ މަސަތްކަތަކީ އެކަން ބަދަލުކޮށް މުސްތަގްބަލަށް ވިސްނައިގެން ރަނގަޅު ޓީމެއް ބިނާކުރުން. އަމާޒަކީ 2026 ގެ ވޯލްޑް ކަޕް. އަހަންނަށް އިނގޭ މިއީ އުނދަގޫ އަދި ގިނަ ވަގުތުދާނެ ކަމެއް ކަން. އެކަމަކު މަސަތްކަތް ކޮށްފިއްޔާ އަހަރެމެންނަށް ވަރަށް ފެންވަރު ރަނގަޅު ޓީމެއް ބިނާކުރެވޭނެ، “ ސްޓިމަކް ބުންޏެވެ.

ސްޓިމަކް ބުނީ އިންޑިއާގެ މިހާރުގެ ޓީމަކީ އަދިވެސް ފުރިހަމަ ޓީމެއް ނޫން ކަމަށާއި ޓީމްގެ މުހިއްމު ކުޅުންތެރިއަކަށް އަނިޔާވެއްޖެ ނަމަ ބަދަލުގައި އެރުވޭނެ ރަނގަޅު ފެންވަރުގެ ކުޅުންތެެރިން ނެތް ކަމަށެވެ. އަދި ކޮލިފައިންގައި އެންމެ ފަހުން ކުޅުނު މެޗުގައި ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅުނު މެޗުގައި ދިމާވީވެސް އެ މައްސަލަ ކަމަށާއި ގަވާއިދުން އެންމެ މަތީ ލެވެލްގައި ޕާފޯމް ކުރެވޭ ވަރުގެ ކުޅުންތެރިން އަދިވެސް ޓީމުގައި މަދުކަމަށެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އިންޑިއާ ހިމެނެނީ ގްރޫޕް އީގައެވެ. މި ގްރޫޕްގައި އިންޑިއާއާއި އަފްޢާނިސްތާނުގެ އިތުރުން ދެން ހިމެނެނީ ގަތަރާއި އޮމާންގެ އިތުރުން ބަންގްލަދޭޝެވެ. ގްރޫޕްގެ އެއްވަނައިގައި މިވަގުތު ދިހަ ޕޮއިންޓާއެކު ގަތަރު އޮތްއިރު ދެވަނައިގައި ހަ ޕޮއިންޓް ލިބިގެން އޮތީ އޮމާނެވެ. ތިންވަނައިގައި ތިން ޕޮއިންޓާއެކު އަފްޢާނިސްތާން އޮތްއިރު ހަތަރުވަނައިގައި އޮތް އިންޑިއާ އަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. ގްރޫޕްގެ ފުލުގައި އޮތް ބަންގްލަދޭޝަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ

    ޓީމްގައި ގެރިއެއް ބޭއްވުން ވަރަށް މުހިންމު ކަމަށް ދެކެން

    11
    2
  2. ބަކާ

    އެހަށް އެބަޖެހޭ ދިވެހިރާއްޖެ ބަލިކުރާން އޭރުންދޯ އަދި ދުނިޔެއާގެން އުޅެވޭނީ.

    6
    3
  3. ސަލަަަަަަަމ

    ޓީމުގައި ހުސް ގެރި ބަހައްޓައިގެން އިނގޭ ކުޅޭނީ!

    5
    1