ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު ހަވީރު މާލޭގައި ދިވެހިރާއްޖެ އާއި ފިލިޕީންސް ކުޅުނު މެޗުގައި ރާއްޖެ އަތުން 2-1 އިން ފިލިޕީންސް މޮޅުވެއްޖެ އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މެޗު ކުރީކޮޅު ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ދިހަ މިނެޓު ތެރޭ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިދިކޮޅު ގޯލަށް ނުރައްކާކުރެވޭ ވަރުގެ ހަމަލާއެެއް އުފެއްދޭ ގޮތެއް ނުވިނަމަވެސް ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ލީޑު ނަގަން ފިލިޕީންސް އަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. އެގޮތުން ރާއްޖޭގެ އޭރިއާ އަރިމަތިން އުފެއްދި ހަމަލާއެއްގައި އެޓީމުގެ ކުޅުންތެރިއަކު އޭރިއާ ތެރެއަށް ނެގި ހުރަސް ބޮލުން ފޮނުވާލަން ފިލިޕީންސްގެ 5 ނަންބަރު މަސަތްކަތް ކުރިނަމަވެސް އޭނާގެ ބޮލަށް ބޯޅަ އަރާގޮތެެއްނުވި އެވެ.

ފުރަތަމަ ހާފުގެ ފުރަތަމަ ވިހި މިނެޓަަށްފަހު ރާއްޖެ އިން މެޗުގެ ކޮންޓްރޯލް ނެގިއިރު ދިވެހި ޓީމުގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ލަނޑެއް ޖެހޭތޯ މަސަތްކަތްކޮށްފައެވެ. އެގޮތުން ރާއްޖޭގެ ހަމްޒާ މުހައްމަދު (ހަމްޕު) ފިލިޕީންސްގެ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އިދިކޮޅު ކުޅުންތެރިއެެއްގެ ގައިގަ ޖެހިފައި ބޭރުވެގެންދިޔައިރު ފޯވަޑް އައްސަދުﷲ އަބްދުﷲ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. ރާއްޖެ އިން ވަރަށް ރަނގަޅަށް ކުޅެމުންދަނިކޮށް މެޗުގެ 29 ވަނަ މިނެޓުގައި ފިލިޕީންސްގެ 18 ނަންބަރު ޕެޓްރިކް ރީޗެލްޓް އަށް ވަރަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. އޭރިއާ ތެރެއަށް ބޯޅަ ހިފައިގެންވަދެ ގޯލަށް ފޮނުވާލުމުގެ ކުރިން ރާއްޖޭގެ ކެޕްޓަން އަކުރަމް އަބްދުލްޢަނީ ވަނީ ހުޝިޔާރުކަމާއެކު ޓެކުލްކޮށް އެ ބޯޅަ ބޭރުކޮށްފައެވެ.

ރާއްޖެ އާއި ފިލިޕީންސް ކުޅުނު މެޗުގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

ފުރަތަމަ ހާފުގައި ލީޑު ނަގަން ފިލިޕީންސަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ 31 ވަނަ މިނެޓުގައެވެ. އެޓީމަށް ލިބުނު ކޯނަރެއްގައި ރާއްޖޭގެ ޑިފެންޑަރު އަހުމަދު ނުއުމާންގެ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީ ފިލިޕީންސްގެ 5 ނަންބަރު ރަމްސީ ފޮނުވާލި ނަމަވެސް ރާއްޖޭގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ އެ ބޯޅަ މަތަކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު 0-0 އިން ދެޓީމު އެއްވަރުވެގެން ނިމުނުއިރު ފުރަތަމަ ޙާފެކޭ އެއްގޮތަށް ދެވަނަ ހާފުގެ ކުރީކޮޅުވެސް ދެޓީމުގެ ފަރާތުން ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މި ހާފު ފަށައިގެން އައްސަދުﷲ ދިން ބޯޅައެއްގައި ރާއްޖޭގެ ފޯވަޑް ފޭދޫ އިއްބެ އަށް ވަރަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ އަށް ބޯޅަ ފޮނުވާލެވުމުގެ ކުރިން ފިލިޕީންސްގެ ކީޕަރު އެތެރިޖް ވަނީ ބޯޅަ ބޭރުކޮށްފައެވެ.

އިއްބެ އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުގެ ފައިދާ ނަގައި ފިލިޕީންސް އިން އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ 51 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ 5 ނަންބަރެވެ. ރާއްޖޭގެ އޭރިއާގެ އަރިމަތިން ފިލިޕީންސްގެ 5 ނަންބަރު ރަމްސީ ވަންނަން މަސައްކަތް ކުރިއިރު ދިވެހި ޑިފެންޑަރުންނަށް ތިބެވުނީ ޕޮޒިޝަނުން ބޭރުގަ އެވެ. އެވަގުތު ކެޕްޓަން އަކުރަމް ފަހަތަށް ފައިބައި ރަމްސީއަށް ހުރަސް އަޅަން އުޅުނު ނަމަވެސް އޭނާ ވަނީ އޭރިއާގެ އަރިމަތިން އަރައި ވަނީ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ވައްދާލަފަ އެވެ.

ރާއްޖޭގެ އެންމެ އިތުބާރު ދެ ފޯވަޑުން ކަމަށްވާ، އަލީ އަޝްފާގް (ދަގަނޑޭ) އާއި ނާއިޒު ހަސަން (ދާދު) ކުޅެން ނުކުމެ ހަމަލާތައް ވަރުގަދަކޮށް މެޗުގެ ނަތީޖާ އެއްވަރު ކުރަން މަސަތްކަތް ކުރި ނަމަވެސް ރާއްޖެއަށް އެންމެ އެކަށީގެންވާ ހަމަލާއެއް ނުއުފެއްދިގެން އުޅެނިކޮށް ފިލިޕީންސް ވަނީ އެޓީމުގެ ދެ ވަނަ ލަނޑު ޖަހާފަ އެވެ.

ފިލިޕީންސުން ޖެހި ދެވަނަ ލަނޑު ފެނިގެންދިޔައީ 66 ވަނަ މިނެޓުގައެވެ. ރާއްޖޭގެ ޑިފެންސް ލައިނުން ހެދި ގޯހެއްގެ ފައިދާ ފިލިޕީންސް ކުޅުންތެރިން ނެގިއިރު މި ލަނޑު ކާމިޔާބުކުރީ ޖޯން ޕެޓްރިކް އެވެ. ފިލިޕީންސްގެ ކުޅުންތެރިން އެންމެ ފުރަތަމަ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސް ދަނޑި އަށެވެ. ނަމަވެސް ރީބައުންޑްގައި ކީޕަރު ފައިސަލް ދިފާއު ކުރަން އުޅުނު ބޯޅަ އަލުން ޖޯން ޕެޓްރިކް ވަނީ ގޯލުގެ ތެރެއަށް ވައްދާލާފަ އެވެ.

ރާއްޖެ އާއި ފިލިޕީންސް ކުޅުނު މެޗުގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު ހައްޔާން

ފިލިޕީންސް އިން ދެ ލަނޑުގެ ލީޑެއް ނެގިފަހުން ފަރަގު ކުޑަކުރަން 77 ވަނަ މިނެޓުގައި ފޭދޫ އިއްބެ ދިން ބޯޅައެއްގައި އަހުމަދު ރިޒުވާން (ރިޒޭ) އަށް ރަނުގެ ފުރުސަތެއް ލިބިގެންދިޔައެވެ. ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރިޒޭ އޭރިއާ ތެރޭގައި ވަރަށް ހުސްކޮށްހުރެ ފޮނުވާލި ބޯޅަ ކީޕަރު އެތެރިޖް ވަނީ މަތަކޮށްފައެވެ.

މެޗުގައި ރާއްޖެ އިން ޖެހި ހަމައެކަނި ލަނޑު އިތުރު ވަގުތުގައި އަލީ އަޝްފާގް (ދަގަނޑޭ) ދިން ބޯޅައެއްގައި ކާމިޔާބުކުރީ ހަސަން ނާއިޒް އެވެ. އޭގެ ކުރިން އޭރިއާ ތެރެއިން ދަގަނޑޭ ފޮނުވާލި ބާރު ހަމަލާއެއް ދިޔައީ ގޯލުގެ މަތިން ބޭރަށެވެ.

މި މޮޅާއެކު ފިލިޕީންސް ވަނީ ކޮލިފައިންގެ ގްރޫޕް އޭގެ ތިންވަނަ އަށް ޖެހިލައިފައެވެ. އެޓީމަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު ރާއްޖެ އޮތީ ހަތަރު މެޗުން ތިން ޕޮއިންޓް ލިބިގެން ގްރޫޕްގެ ހަތަރުވަނައިގައެވެ. މި ގްރޫޕްގެ އެންމެ ކުރީގައި މިވަގުތު ނުވަ ޕޮއިންޓާއެކު ސީރިއާ އޮތްއިރު ދެވަނައިގައި ޗައިނާ އޮތީ ހަތް ޕޮއިންޓް ލިބިގެންނެވެ. މިއަދުގެ މެޗުން ބަލިވުމާއެކު 2023 ވަނަ އަހަރުގެ އޭޝިއަން ކަޕަށް އަމާޒު ހިފާފައިވާ ދިވެހި ޓީމަށް ކޮލިފައިންގައި ކަނޑައެޅި ޓާގެޓް ހާސިލްކުރުމުގައި އިތުރު ގޮންޖެހުންތަކަކާއި ކުރިމަތިވެގެންދާނެ އެވެ. ކޮލިފައިންގައި މިއަހަރު ރާއްޖެ ދެން ކުޅެން ހަމަޖެހިފައި އޮތީ އަންނަ އަންގާރަ ދުވަހު މާލޭގައި ގުއާމާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޤައުމު

    ކޯޗުގެމައްސަލަ ތިޔައްވުރެ ރަނގަޅުވާނެ ސުޒޭނު ކޯޗަކައް
    ލިޔަސް
    ދިވެހިފުޓުބޯޅަ ފަނާވެ ވީރާނާވެދަނީ
    ދިވެހިންނައް ހީވަނީ ފަރަންޖީއެއް ވިއްޔާލައްކައޭ

    ޮ

    22
    2
  2. މުހައްމަދު

    ކޯޗްގެ އީގޯ ގެސަބަބުން ބަލިވީ. އަޝްފާގް ނާރުވަން އުޅެފަ އެހެންގޮތެއް ނުފެނިގެން އެރުވިއިރު ވާނެ ހަތެރެތިވެފަ އޮތީ

    22
    1
  3. އައްޓަމަސް

    މަށައް ހީވިހެން މިވީ އަލީވަހީދުމެން މަހުލޫފުމެން ސިޔާސީމީހުން މިކަމުގައި އުޅުނީމައިވީގޮތްމީ، އަދި އެތިބަ މަޖިލިސްގެ .... ތައް އެތަނަސް ވަނީމައި ތަން ނަޖިސްވެއްޖެ! ސިޔާސީމީހުން ކުޅިވަރާއިދުރުގައި ތިބުމަށް ނަސޭހަތްތެރިވަން

    21
    1
  4. މުހައްމަދު

    ⚽️⚽️??

    4
    1
  5. ސސސ

    ކކޯޗު އެބަޖެހޭ ބޭރުކުރަން. މޮޅުވާނެ ރަގަޅު ފޯވަޑް ލައިނެެއް އޮވެނޭރުވި.

    19
    2
  6. ނަޒީ

    ދިވެހިން ފުޓްބޯޅަ ދޫކޮށް ބަށި ކުޅެން ވީީ ދެން، ތިކަމެއްނުވިީ އެއްނު

  7. ނާޒިމު

    ވަރަށް ހަނި ގޮތަކުން އެއްޒަމާނެއްގައި ފައިނަލެއްގައި އިންޑިޔާ އަތުން މޮޅެއް ލިބުނީމަ ބައެއްދިވެހިން ހީކުރަނީ ދިވެހިންނަކީ ދުނިޔޭގެ ފެންވަރުގެ ފުޓޮބޯޅަޔަށް މޮޅު ބައެއްކަމަށް، ބަށި ކުޅެބަލަ،

  8. ޖާޒީރާ ބޯއީ

    ޕީޓާރ ސޭގާރޓް ބޭރުކޮށް ބަލަ އޭރުން ދިވެހިޓީމް މޮޅުވާނީ. އަސްފާގަށް ދޭންވާނަގުތު ކުޑަކުރުމަކީ ކޯޗު އިދިކޮޅުޓީމާ ވާހަކަދައްކައިގެން ހިންގާ ޖަރީމާއެއް.