2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑްކަޕް އަދި 2023 ވަނަ އަހަރު ޗައިނާގައި އޮންނަ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި ރާއްޖެ އަދި ފިލިޕީންސް ބައްދަލުކުރި މެޗުން ބަލިވުމުގެ ޒިންމާ ފުރިހަމައަށް ނަގާ ކަމަށް ގައުމީ ޓީމުގެ ކޯޗު ކްރޮއޭޝިއާގެ ޕީޓާ ސެގާޓް ބުނެފިއެވެ.

ކޮލިފައިންގައި މިއަދު ހަވީރު ކުޅުނު މެޗުން ރާއްޖެ ބަލިވީ 2-1 ގެ ނަތީޖާ އަކުންނެވެ. މި މޮޅާ އެކު ފިލިޕީންސް ވަނީ ހަތް ޕޮއިންޓް ހަމަކޮށް ތިންވަނައިގައި ރާއްޖެ އަށް ވުރެ ކުރިން ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ރާއްޖެ ހަތަރު ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު އެވެ. ގްރޫޕުގެ ދެ ވަނައިގައި އޮތް ޗައިނާ އަށް ވެސް ލިބިފައިވަނީ ފިލިޕީންސްއާ އެއްވަރަށް ހަތް ޕޮއިންޓެވެ. އެކަމަކު މިރޭ ސީރިއާ އަތުން މޮޅުވެގެން އެ ޓީމަށް އެއް ވަނަ އަށް އެރެން އޮންނާނެ އެވެ. މި ވަގުތު އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު ސީރިއާ އެވެ.

ރާއްޖޭން ދަށްވެގެން ގްރޫޕުގެ ތިން ވަނަ މަގާމަށް ޓާގެޓްކޮށްގެން ކުރަމުން އަންނަ މަސައްކަތުގައި މިއަދުގެ މެޗަކީ މޮޅުވުން ވަރަށް މުހިއްމު ވެފައި އޮތް މެޗެކެވެ. ގިނަ ވަގުތު މެޗު ކޮންޓްރޯލްކޮށްގެން ކުޅެ ރަނގަޅު ފުރުސަތުތަކެއް ރާއްޖޭން ހޯދި ނަމަވެސް ބޭކާރުކޮށްލެވުމުން ކޮލިފައިންގައި ކަނޑައެޅި އަމާޒު ހާސިލްކުރުމުގައި ޓީމަށް ވަނީ ހުރަސްތަކަކާއި ކުރިމަތިވެފައެވެ.

މިއަދުގެ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު ސެގާޓް ބުނީ މި މެޗުގައި ރާއްޖެ ޓީމުން ރަނގަޅަށް ކުޅުނު ކަމަށާއި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާކޮށްފައިވަނީ ވެސް ރާއްޖޭން ކަމަށެވެ. ނަމަވެސް މެޗުގައި ރާއްޖެ ކޮޅަށް ނަތީޖާ ބުރަ ނުވީ ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ނުހިފުމުން ކަމަށާއި ރާއްޖޭގެ ކުޅުންތެރިން މި މެޗުގައި ދެއްކި ކުޅުމަށް ބަލާއިރު މި ނަތީޖާއަކީ ގަބޫލުކުރަން އުނދަގޫ ނަތީޖާއެއް ކަމަށެވެ.

ސެގާޓް އިތުރަށް ބުނީ ނަތީޖާ އާއި މެދު އޭނާ ހިތްހަމަ ނުޖެހޭ ކަމަށާއި ނަމަވެސް ކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފު ހައްގު ކަމަށެވެ. އަދި މިމެޗުން ބަލިވުމުގެ ޒިންމާ އޭނާ ފުރިހަމައަށް ނަގާ ކަމަށާއި މިނަތީޖާއިން އަރައިގަނެ ކުރިއަށްހުރި މެޗުތަކުން އެދެވޭ ނަތީޖާއެއް ނެރުމަށްޓަކައި ފަސްނުޖެހި މަސަތްކަތްކުރާނެ ކަމަށެވެ.

ކޮލިފިކޭޝަނުގައި ރާއްޖެއިން މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ ގައުމުން ބޭރުގައި ގުއާމާ ވާދަކޮށް 1-0 އިން މޮޅުވި މެޗެވެ. އަމިއްލަ ދަނޑުގައި ޗައިނާ އަތުން 5-0 އިން ރާއްޖެ ބަލިވިއިރު ސީރިއާގައި އެގައުމު އަތުން ރާއްޖެ ބަލިވެފައިވަނީ 2-1 ގެ ނަތީޖާ އަކުންނެވެ. މި މެޗަށްފަހު ރާއްޖެއިން މި މަހު 19 ވަނަ ދުވަހު މާލޭގައި ގުއާމާއި ދެކޮޅަށް ނުކުންނާނެއެވެ. ބާކީ ދެން އޮންނާނީ އަންނަ އަހަރުގެ މާޗު މަހު ރަށުން ބޭރުގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި މާލޭގައި ސީރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޖޫން މަހު ރަށުން ބޭރުގައި ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޑިވެޑީ

    ޒިންމާ ނަގަ ނަގަ ހުރޭ ، ޓީމް ކިންމެފަހަރަކު ބަލި ކޮއްފަ ، ހަމަ މިހާރު އިސްތިއުފާ ދީ ، ސުޕުން މެން ދިވެހި ބާސްކެޓް ފުޑާލިހެން ނުހަދަ

  2. ސސ

    ތި ހަމަ މެޗް ފިކްސިން މައްސަލައެއް. މިކަން ތަހުގީގު ކުރަނއ ޖެހޭ. ކަލޭ ޒިންމާ ނެގީ ބުނުމަކުން ނުފުދޭ

  3. ނުރަބޯ

    ކޯޗު ބޭރުކުރޭ. މޮޅުވެވޭވަރު މެޗެއް މިއީ. ކޯޗުގެ ޓީމް ސެލެކްޝަންގަ މައްސަލަ އުޅޭކަމަށް ފާހަގަކުރެވޭ.

  4. ހުސޭން

    މެޗުން ބަލިވީ ތިކޯޗު ގެންގުޅޭ ޒާތީކަންތައްތަކުގެ ސަބަބު. ފުރަތަމަ 11 ައރުވަންޖެހޭ ކުޅުން ތެރިން ބެންޗުގަ.
    ޓީމު އޭނަ ނަގަނީ ނަގާނެ ގޮތަކައް. ކީއްވެ މީނަ ވަކިނުކޮއްގެން މިއުޅެނީ . ދިވެހި ޓީމުގަ މިހާރު އެތިބަ ކުޅުނަތެރިންނަކީ ވަރައް ހުނަރުވެރި މޮޅު ކުޅުން ތެރިން. އުއްމީދު ކުރަން ދެންކުޅޭ މެޗަކުން ތިކޯޗް ނުފެންނާނެ ކަމައް.