2022 ވަނަ އަހަރު ގަތަރުގައި އޮންނަ ފީފާ ވޯލްޑް ކަޕް އަދި 2023 ވަނަ އަހަރު ޗައިނާގައި އޮންނަ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ވަރުގަދަ ޗައިނާ ބަލިކޮށް ސީރިޔާ އިން ގްރޫޕް އޭގެ އެއްވަނައިގައި ފަސް ޕޮއިންޓްގެ ބޮޑު ލީޑެއް ނަގައިފިއެވެ.

ކޮލިފައިންގައި މިރޭ ސީރިއާގެ މަކްތޫމް ބިން ރާޝިދް ސްޓޭޑިއަމްގައި ކުޅުނު މެޗު ސީރިއާ ކާމިޔާބުކުރީ 2-1އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީވެސް ސީރިއާ އެވެ. ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ޖަހައިދިނީ އޮސާމާ އޮމާރީ އެވެ. އޮމާރީގެ ލަނޑުން ސިީރިއާ އިން ކުރިހޯދި ނަމަވެސް ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ޗައިނާގެ ވޫ ލީ ވަނީ އިދިކޮޅު ގޯލު ފޫއަޅުވާލައި ނަތީޖާ އެއްވަރުކޮށްފައެވެ.

ވޫ ލީ އަކީ ސްޕެއިންގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ އެސްޕަންޔޯލް އަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އޭނާ ވަނީ ކޮލިފައިންގައި ރާއްޖެ ކޮޅަށް ވެސް ލަނޑު ޖަހައިފައެވެ. ސީރިއާ އަށް މެޗުން ތިން ޕޮއިންޓް ކަށަވަރުވީ 76 ވަނަ މިނެޓުގައި ޗައިނާގެ ޒަންގމޮސް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

ކޮލިފައިންގައި މާލޭގައި ރާއްޖެ އަތުން 5-0 އިން މޮޅު ވުމަށްފަހު ޗައިނާ އެންމެ ފަހުން ކުޅުނު ދެ މެޗުގައިވެސް އެޓީމުގެ ފަރާތުން އެހާ ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައިނުވެ އެވެ. ފިލިޕީންސްގެ ދަނޑުގައި އެގައުމާއި ދެކޮޅަށް ކުޅުނު މެޗުން ޗައިނާ އެއްވަރުވި އިރު މިރޭގެ ބައްޔާއެކު ގްރޫޕްގެ އެންމެ ކުރީގައި އޮތް ސީރިއާ އަތުލުމަށް އެގައުމުން ކުރަމުން އަންނަ މަސަތްކަތަށް ވަނީ ހުރަސްތަކަކާއި ކުރިމަތިވެފައެވެ.

ގްރޫޕް އޭގެ ތާވަލު މިހާރު އޮތް ގޮތުން ސީރިއާ އަށް ވަނީ 12 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި ހަތް ޕޮއިންޓް ލިބިގެން ޗައިނާ އޮތްއިރު ތިންވަނައިގައި އޮތީ މިއަދު ހަވީރު ރާއްޖެ އަތުން މޮޅުވި ފިލިޕީންސް އެވެ. ފިލިޕީންސަށް ވެސް ހަތް ޕޮއިންޓް ލިބިފައިވާއިރު ރާއްޖެ އޮތީ ތިން ޕޮއިންޓާއެކު ގްރޫޕްގެ ހަތަރުވަނައިގައި ތާށިވެފައެވެ. މި ގްރޫޕްގެ ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއްް ލިބިފައިނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮހުގެކޮސް

    ދިވެހީން ފުޓްބޯޅައިން ކުރިއަރަން ބޭނުމިއްޔާ މިރާއްޖޭން ބޭރުގައި ތިބެ ތަމްރީނު ހޯދާ.