ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕުގައި ރޭ ކުޅުނު މެޗުން ސީރިއާއާ ވާދަކޮށް 2-1 އިން ޗައިނާ ބަލިވުމުން އެ ޓީމުގެ ކޯޗު އިޓަލީގެ މާސެލޯ ލިއްޕީ މަގާމުން އިސްތިއުފާ ދީފި އެވެ.

ޗައިނާގެ ކޯޗުކަމުގެ މަގާމް ދޫކޮށްލުމަށް ލިއްޕީ އަނެއްކާވެސް ނިންމިއިރު، މިއީ ފާއިތުވެދިޔަ ދިހަ މަސްދުވަހުގެ ތެރޭގައި އޭނާ ޗައިނާ ޓީމުން އިސްތިއުފާ ދޭން ނިންމި ދެވަނަ ފަހަރެވެ. އޭނާ ދެވަނަ ފަހަރަށް ޗައިނާއާ ހަވާލުވެފައިވަނީ މި އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ 2016 ވަނަ އަހަރު ޗައިނާއާ ލިއްޕީ ހަވާލުވިއިރު، މިއަހަރުގެ ޖެނުއަރީ މަހު އެޓީމު ދޫކޮށްލަން ލިއްޕީ ނިންމީ އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލުގައި އީރާން އަތުން ބަލިވުމުންނެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ސީރިއާގެ އޮސާމާ އޮމާރީގެ ލަނޑުން އެޓީމުން ލީޑުނަގާފައިވަނިކޮށް ޗައިނާ އަށް އެއްވަރުކޮށްދިނީ އެޓީމަށް ކުޅެމުން އަންނަ ސްޕެއިންގެ އެސްޕަންޔޯލްގެ ފޯވަޑް ވޫ ލޭއި އެވެ. ސީރިއާ އަށް މެޗުން ތިން ޕޮއިންޓް ކަށަވަރުވީ ދެ ވަނަ ހާފުގައި ޗައިނާގެ ޒޭން ލިންޕެން އަތުން ބައިކޮޅަށް ވަން ލަނޑުގެ ސަބަބުންނެވެ.

މި މެޗުން ބަލިވެ ގްރޫޕްގެ އެއްވަނަ އަށް އެރުމަށް ޗައިނާ އަށް ހުރަސްތަކަކާ ކުރިމަތިވެފައިވާއިރު އޭގެ ކުރީ މެޗުގައި ފިލިޕީންސުން ވަނީ ޗައިނާގައި އެގައުމު ހިފަހައްޓާފައެވެ. ކޮލިފައިންގައި މިހާތަނަށް ޗައިނާއިން ހަތަރު މެޗު ކުޅެފައިވާއިރު، މޮޅުވެފައިވަނީ ގުއާމް އާއި ރާއްޖެ އަތުންނެވެ. މާލޭގައި 5-0 އިން ރާއްޖެ އަތުން އެގައުމު މޮޅުވިއިރު، ގުއާމް އަތުން މޮޅުވީ 7-0 އިންނެވެ.

ސީރިއާ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ލިއްޕީ ބުނީ މި މެޗާ ބެހޭގޮތުން މާ ގިނަ ވާހަކަތަކެއް ދައްކަން އޭނާ ބޭނުންނުވާ ކަމަށެވެ. އަދި ބަލިވުމުގެ ފުރިހަމަ ޒިންމާ ނަގާ ކަމަށާއި ޗައިނާގެ ކޯޗުކަމުގެ މަގާމް ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ. ކޯޗުކަމުން އިސްތިއުފާ ދޭން ނިންމި ސަބަބާއި ގުޅޭގޮތުން އުމުރުން 71 އަހަރުގެ ލިއްޕީ ބުނީ ކޮންމެ ޓީމެއްގެ ކުޅުންތެރިން ވެސް ދަނޑުމަތީގައި ހެޑް ކޯޗު އިރުޝާދު ދީފައި އޮންނަ ގޮތަށް އަމަލުކޮށް ނަތީޖާ ނެރެން ހިތްވަރާއެކު މަސަތްކަތްކުރަން ޖެހޭނެ ކަމަށާއި ތަފާތު ސަބަބު ތަކާއި ހެދި އެކަން އެގޮތަށް ނުވެއްޖެނަމަ ހެޑް ކޯޗުގެ ހައިސިއްޔަތުން އެކަމުގެ ޒިންމާ އޭނާ ފުރިހަމައަށް ނަގާނެ ކަމަށެވެ.

ލިއްޕީ އިސްތިއުފާދޭން ނިންމައިފައިވާއިރު މިހާތަނަށް ޗައިނާގެ ފުޓްބޯޅަ ފެޑެރޭޝަނުން އެކަމާ ބެހޭގޮތުން ވަކި އެއްޗެއް ނުބުނެ އެވެ. ޗައިނާ އިން އެގައުމުގެ ފުޓްބޯޅަ ޓީމް ލިއްޕީ އާއި ދެވަނަ ފަހަރަށް ހަވާލުކުރީ 2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އަޒުމުގަ އެވެ.

ރޭގެ މެޗުން ބަލިވުމުން ޗައިނާ އޮތީ ގްރޫޕް އޭގެ ތާވަލުގައި ސީރިއާ އަށް ވުރެން ފަސް ޕޮއިންޓް ފަހަތުގަ އެވެ. ގްރޫޕްގެ އެއްވަނައިގައި ސީރިއާ އޮތީ 4 މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ޗައިނާއަށް 4 މެޗުން 7 ޕޮއިންޓު ލިބިފައިވާއިރު، ރާއްޖެއާ ވާދަކޮށް އިއްޔެ މޮޅުވި ފިލިޕީންސަށްވެސް ވަނީ 4 މެޗުން 7 ޕޮއިންޓް ލިބިފައެވެ. ޗައިނާއަށް ކުރިލިބެނީ ލަނޑުގެ ތަފާތުންނެވެ. ހަތަރުވަނައިގައި އޮތް ރާއްޖެއަށް 4 މެޗުން ލިބިފައިވަނީ 3 ޕޮއިންޓެވެ. ގްރޫޕްގެ ފުލުގައި އޮތް ގުއާމަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަތްމަސް

    ދިވެހި ކޯޗްވެސް ބަލިވުމުގެ ޒިންމާ ފުރިހަމަޔަށް ނަގާފި ތަފާތަކަށްވީ މުސާރަ ބޮޑުކޮށް އެލަވަންސްތައްއިތުރު ކުރުން ބަލާ ރީތިކަން އަހަރެމެންގެ ކޯޗްގެ އިސްނެގުން،

    4
    2