ތްރީ އޮން ތްރީ ބާސްކެޓްބޯޅައިގެ ދުނިޔޭގެ ޗެމްޕިއަން ކަމަށްވާ ސާބިއާގެ ދުސަން ޑޮމޮވިޗް ރާއްޖެ އަތުވެއްޖެ އެވެ.

ދުނިޔޭގެ ތްރީ އޮން ތްރީ ބާސްކެޓްބޯޅައިގައި ފާހަގަކޮށްލެވޭ ދުސަން ރާއްޖެ އައިސްފައިވާއިރު އޭނާ މިވަގުތު ހުރީ ހދ. ކުޅުދުއްފުށީގައެވެ. އޭނާ ރާއްޖެ އައިސްފައިވަނީ
މިހާރު އެ ރަށުގައި ކުރިޔަށްދާ ބާދުޝާހު ޑަބްލިއު އެސްއޭ ބީޗް ސްޕޯޓްސް ގޭމްސްގެ ހާއްސަ އިވެންޓެއްގައި ބައިވެރިވުމުގެ ގޮތުންނެވެ. މިއީ ބާސްކެޓުގެ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއަކު ރާއްޖޭގެ ރަށަކަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ.

ޑަބްލިއު ސްޕޯޓްސް އެކަޑަމީގެ ފައުންޑަރ އަހުމަދު އައުޝަން ބުނީ ދުނިޔޭގެ ޗެމްޕިއަން ދުސަން ކުޅުދުއްފުއްޓަށް ކުރާ މި ދަތުރުގެ ތެރެއިން އޭނާގެ ބައިވެރިވުން ހިމެނޭ ގޮތަށް ހާއްސަ ހަރަކާތްތަކެއް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. ގޭމްސްގެ ތެރެއިން ބާއްވާ އިވެންޓެއްގެ ގޮތުގައި މިއަދު ހަވީރު ހާއްސަ އެގްޒިބިޝަން ތްރީ އޮން ތްރީ ބާސްކެޓް މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު މި މެޗުގައި ކުޅޭނީ ކުޅުދުއްފުށިން ހޮވާލެވޭ ޓީމަކާއި ދުސަން ހިމެނޭ ގޮތަށް އެކުލަވާލެވޭ ޓީމެކެވެ. މި މެޗުގެ އިތުރުން ދުސަން އާއެކު ފޮޓޯ ނަގާލައި ހެދުމަށް ކުޅުދުއްފުށީ ރައްޔިތުންނަށް ހުޅުވާލައިގެން ފޮޓޯ ސެޝަނެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް އައުޝަން ބުންޏެވެ.

އުމުރުން 34 އަހަރުގެ ދުސަން އަކީ ސާބިއާގެ ތްރީ އޮން ތްރީ ގައުމީ ބާސްކެޓް ޓީމުގެ ކުޅުންތެރިއެކެވެ. އޭނާ މިހާރު ކުޅެމުން އަންނަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ކުލަބެއް ކަމަށްވާ ނޮވި ސާދް އަލް ވަހުދާ އަށެވެ. ދުސަންގެ ބާސްކެޓް ކެރިއަރުގައި އޭނާ ވަނީ މިހާތަނަށް ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން 2012 ވަނަ އަހަރު އޮތް އެންމެ ފުރަތަމަ ތްރީ އޮން ތްރީ ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދުމަށްފަހު 2016 އިން ފެށިގެން ޖެހިޖެހިގެން ތިން އަހަރު މި މުބާރާތުގެ ތަށި ސާބިއާ އިން އުފުލާލީ ދުސަންގެ ކެޕްޓަންކަމުގެ ދަށުންނެވެ.

އެންމެ ފަހުގެ ތިން ވޯލްޑް ކަޕްގެ ޓީމް އޮފްދަ ޓޯނަމެންޓްގައި ހިމެނުމުގެ އިތުރުން ދުސަން އަކީ 2016 އަދި މިދިޔަ އަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާ އެވެ. ދުނިޔޭގެ ބާސްކެޓްބޯޅައިގެ މައި އިދާރާ ކަމަށްވާ އެފްއައިވީބީން ނެރޭ ތްރީ އޮން ތްރީ ބާސްކެޓް ރޭންކިންގްސްގެ އެއްވަނައިގައި ވެސް މިވަގުތު ހުރީ ދުސަން އެވެ.

ކުޅުދުއްފުށީގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ޑަބްލިޔު އެސްއޭއިން އިންތިޒާމުކޮށްގެން ބާއްވާ ބީޗް ގޭމްސް އަކީ ރާއްޖޭގައި ވެސް މިރޮނގުން ބޭއްވޭ ފުރަތަމަ ހަރަކާތެވެ. މި ފެސްޓިވަލް ކުރިޔަށްދާނީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ. މި ގޭމްސްގައި ކުރިއަށްދާ ކުޅިވަރުތަކުގެ ތެރޭގައި ތްރީ އޮން ތްރީ ބާސްކެޓާއި، ބީޗް ހޭންޑް ބޯލާއި ބީޗް ވޮލީ ބޯލްގެ އިތުރުން ނެޓްބޯލް ހިމެނެއެވެ. މީގެއިތުރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއަރ ބެޑްމިންޓަންވެސް މި ގޭމްސްގެ ތެރެއިން ތައާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ.