ފުޓްބޯޅައިގައި ބްރެޒިލްގެ މައްޗަށް ކާމިޔާބު ލިބުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށާއި ބްރެޒިލް ކައިރިން ލިބޭ ކޮންމެ މޮޅެއް ބަލަައިގަންނަނީ ހާއްސަ ކާމިޔާބީއެއް ގޮތަށް ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބުނެފިއެވެ.

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ ދެ ދެބާރު ކަމަށްވާ ބްރެޒިލް އާއި އާޖެންޓީނާގެ ކުރިމަތިލުން ކާމިޔާބުކޮށް އާޖެންޓީނާ އިން ވަނީ 2017 ވަނަ އަހަރުގެ ފަހުން އެގައުމުގެ ފުޓްބޯޅައިގެ އެންމެ ބޮޑު ވާދަވެރިޔާގެ މައްޗަށް މޮޅެއް ހޯދައިފައެވެ.

ސައުދީ އަރަބިއާގެ ވެރިރަށް ރިއާދުގައި ކުޅުނު މި މެޗު އާޖެންޓީނާ ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގައި އާޖެންޓީނާ އިން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ޖަހައިދިނީ މެސީ އެވެ. މިއީ ގައުމީ ޓީމަށް މެސީ ކުޅެދިން 137 ވަނަ މެޗުން އޭނާ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން 69 ވަނަ ލަނޑެވެ.

ރޭގެ މެޗަކީ މިދިޔަ ޖޫން މަހު އޮތް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ބްރެޒިލް އަތުން ބަލިވި މެޗައްފަހު ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ މައި އިދާރާ ކަމަށްވާ ކޮންމެބޯލް ތެރޭގައި ކޮރަޕްޝަން އޮތް ކަމަށް ބުނެ އެ އިދާރާއާ ބެހޭގޮތުން ދެއްކި ވާހަކަތަކާ ގުޅިގެން ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހުނު މެސީ ސަސްޕެންޝަނަށްފަހު ގައުމީ ޖާޒީގައި ކުޅުނު ފުރަތަމަ މެޗެވެ.

ތިން މަހުގެ ސަސްޕެންޝަނަކަށްފަހު އެނބުރި އައިސް މެސީގެ ފަރާތުން އާޖެންޓީނާގެ އެޓޭކް ލީޑް ކުރުމުގައި މޮޅު ކުޅުމެއް ފެނިގެންދިޔައިރު މެޗައްފަހު ވާހަކަ ދައްކަމުން މެސީ ބުނީ ބްރެޒިލްގެ މައްޗަށް މޮޅެއް ލިބުމާއި އެހެން ޓީމެއް ކައިރިން މޮޅުވުން ތަފާތު ކަމަށެވެ. އަދި ބްރެޒިލް އާއި އާޖެންޓީނާގެ ޒަމާންވީ ވާދަވެރިކަމާއި ހެދި ރޭ ލިބުނު މޮޅަކީ ހާއްސަ ކާމިޔާބީއެއްގެ ގޮތުގައި މެސީ ފާހަގަކުރިއެވެ.

” މިދެގައުމަކީ އަބަދުވެސް ފުޓްބޯޅައިގައި ވަރަށް ބޮޑު ދެ ވާދަވެރިން. އެހެންކަމުން ރޭ ލިބުނު މޮޅަކީ އަހަރެންނަށާއި މިޓީމަށް ލިބުނު ވަރަށް ހާއްސަ މޮޅެއް. ބްރެޒިލްއާ ދެކޮޅަށް މޮޅެއް ލިބުމާއި އެހެން ޓީމެއް ބަލިކުރުމާ ތަފާތު ވާނެ. ކޮޕާ އެމެރިކާ އަށް ފަހު އަހަރެމެން ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފި. ކޯޗުގެ ޓެކްޓިކްސްތައް މަސަތްކަތް ކުރާތަން ދަނޑުމަތިން ވެސް އެބަ ފެނޭ، މިއީ ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފައިންއާ ކުރިމަތިލާއިރު ޓީމަށް ލިބިގެންދާ ބޮޑު ހިތްވަރެއް، “ މެސީ ބުންޏެވެ.

ރޭގެ މެޗުން އާޖެންޓީނާ މޮޅުވިއިރު ކޮޕާ އެމެރިކާގެ ހިތްދަތިކަމަށްފަހު މިހާތަނަށް އެޓީމް ކުޅުނު އެއްވެސް މެޗަކުން އެޓީމް ބަލިވެފައެއް ނުވެއެވެ. ޒުވާން ކުޅުންތެރިންތަކަކާއެކު ކޯޗު ލިއޮނެލް ސްކަލޯނީ ދައްކަމުން އަންނަ ކުރިއެރުމަށް ގިނަބައެއްގެ ސަމާލުކަން ހުއްޓިފައިވާއިރު އަންނަ ހޯމަ ދުވަހު ރަހުމަތްތެރިކަމުގެ އިތުރު މެޗެއްގައި އަވައްޓެރި އުރުގުއޭ އާއި ދެކޮޅަށް އިޒްރޭލުގައި އާޖެންޓީނާ ނުކުންނާނެ އެވެ. ނަމަވެސް ފަހަކަށް އައިސް އިޒްރޭލާއި ގާޒާ އާއި ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ހެދި މި މެޗު އޮންނާނެ ކަމާއިމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.