ފަސޭހަކަމާއެކު ބެލަރުސް ބަލިކޮށް ޖާމަނީ އިން އަންނަ އަހަރުގެ ޔޫރަޕިއަން ޗެމްޕިއަންޟިޕް ފުޓްބޯޅަ މުބާރާތުން ޖާގަ ހޯދައިފިއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ޓީމްތަކުގެ ތެރޭގައި ހިމެނޭ ޖަރުމަނުން އަންނަ އަހަރުގެ މުބާރާތުން ފުރުސަތު ހޯދީ ރޭ އަމިއްލަ ގައުމުގައި ބެލަރުސްގެ މައްޗަށް 4-0 އިން ކުރިހޯދައިގެންނެވެ. މި މޮޅާއެކު ޖަރުމަނުން ވަނީ ހަތް މެޗުން 18 ޕޮއިންޓް ހަމަކޮށްގެން ގްރޫޕް ސީގެ އެއްވަނަ އަށްޖެހިލައިފައެވެ. ކޮލިފައިންގައި ކުޅުނު ހަތް މެޗުގެ ތެރެއިން އެޓީމް ބަލިވެފައިވަނީ ހޮލަންޑް އަތުން އެކަންޏެވެ. ކޮލިފައިންގެ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހު ޖާމަނީ ނުކުންނާނީ ނޮދަން އަޔަލޭންޑާ ދެކޮޅަށެވެ.

ބޮރޫޟިއާ ޕާކްގައި ކުޅުނު މި މެޗުގައި ޖަރުމަން ޓީމަށް ލަނޑުތައް ޖަހައިދިނީ މިޑްފީލްޑަރު ޓޯނީ ކްރޫސް އާއި ލިއޮން ގޮރެޓްޒްކާގެ އިތުރުން ޑިފެންޑަރު މެތިއަަސް ގިންޓާ އެވެ.

ގްރޫޕް ސީ އިން ޔޫރޯ އަށް ކޮލިފައިވި ދެވަނަ ޓީމަކީ ހޮލަންޑެވެ. ހޮލަންޑަށް ޖާގައެއް ލިބުނީ އެޓީމް ރޭ ނޮދަން އަޔަލޭންޑާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން ދެޓީމް އެއްވަރުވެގެން ނިމުމުންނެވެ. މި މެޗުން ލިބުނު ޕޮއިންޓާއެކު ހޮލަންޑަށް ވަނީ ހަތް މެޗުން ސޯޅަ ޕޮއިންޓް ލިބިފައެވެ. ޖާމަނީގެ ފަހަތުން ގްރޫޕް ސީގެ ދެވަނައިގައި އެޓީމް އޮތްއިރު މި ގްރޫޕްގެ ތިންވަނައިގައި އޮތީ 13 ޕޮއިންޓާއެކު ނޮދަން އަޔަލޭންޑެވެ. ގްރޫޕްގެ ހަތަރުވަނައިގައި ހަތަރު ޕޮއިންޓް ލިބިގެން ބެލަރުސް އޮތްއިރު މި ގްރޫޕްގެ ފުލުގައި އޮތީ އެއް ޕޮއިންޓާއެކު އެސްޓޯނިއާ އެވެ.

ހޮލަންޑުން އަންނަ އަހަރުގެ ޔޫރޯ އިން ޖާގަ ހޯދިއިރު މިއީ 2014 ވަނަ އަހަރަށްފަހު ބޮޑު މުބާރާތަކަށް އެގައުމު ކޮލިފައިވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ބޭއްވި ފީފާ ވޯލްޑް ކަޕާއި 2016 ވަނަަ އަހަރު އޮތް ޔޫރޯ އަށް ހޮލަންޑް ކޮލިފައިވެފައިނުވެ އެވެ. ޒުވާން ކުޅުންތެރިންތަކަކާއެކު ކޯޗު ރޮނާލްޑް ކޮއެމަންގެ އިރުޟާދުގެ ދަށުން ކުޅެމުން އަންނަ ހޮލަންޑް ޓީމަކީ އަންނަ އަހަރުގެ ޔޫރޯގެ ތައްޓަށް އެންމެ ކައިރިން ވާދަކުރާނެ ކަމަށް ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ޓީމެކެވެ. ރަޝިއާ ވޯލްޑް ކަޕުން ފުރުސަތު ނުލިބުމުން ހޮލަންޑްގެ ގައުމީ ޓީމަށް ގިނަ އަހަރުތަކެއް ވަންދެން ކުޅެމުން އައި ކުޅުންތެރިން ޓީމުން ރިޓަޔާ ކުރިއިރު ކޮއެމަން ޓީމާއި ހަވާލުވުމަށްފަހު ސްކޮޑުން އޭނާ ފުރުސަތު ދީފައިވަނީ ގިނައިން ޒުވާން ކުޅުންތެރިންނަށެވެ.