ވިލާތު ފުޓްބޯޅައިގެ އިތުރުން މުޅި ދުނިޔޭގައިވެސް ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ގައުމުގެ ގޮތުގައި އަބަދުވެސް ފާހަގަކުރެވިފައިވާ ޖާމަނީ އަކީ އަންނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެއް ނޫން ކަމަށް ޖަރުމަން ޓީމްގެ ކޯޗު ޖޯކިމް ލޯ ބުނެފި އެވެ.

ތިން ފަހަރެއްގެ މަތިން ޔޫރޯގެ ތަށި އުފުލާފައިވާ ޖާމަނީ އަކީ މިމުބާރާތުގެ އެންމެ ކާމިޔާބު ދެޓީމްގެ ތެރެއިން އެއް ޓީމެވެ. ޖާމަނީ އިން އެންމެ ފަހުން ވިލާތުގެ ތަށި އުފުލާލިތާ 23 އަހަރު ވެފައިވީ ނަމަވެސް އެޓީމަކީ އަބަދުވެސް ތައްޓާއި އެންމެ ކައިރިން ވާދަކުރާ ނުވަތަ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެކެވެ. 2020 ޔޫރޯ ކޮލިފައިންގައި ރޭ ބޮރޫޝިއާ ޕާކްގައި ބެލަރުސްގެ މައްޗަށް ހޯދި މޮޅާއެކު އެގައުމުން ޔޫރޯގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު ކޯޗު ޖޯކިމް ލޯ މިފަހަރު އޭނާގެ ޓީމް ދަރަޖަ ކުރީ މުބާރާތުގެ ފޭވަރިޓެއް ގޮތުގައެއް ނޫނެވެ.

ޖަރުމަނާއެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ލޯ ބުނީ މިވަގުތު މިއޮތް ޖަރުމަން ޓީމަކީ ހުނަރުން ފުރިގެންވާ ޒުވާން ޓީމެއް ނަމަވެސް ޔޫރޯގެ ލީޑިންގް ފޭވަރިޓުންގެ ތެރޭގައި އަދި މިޓީމް ނުހިމެނޭ ކަމަށެވެ.

“ މިއޮތް ޖަރުމަން ޓީމް ވަރަށް ތަފާތޭ އަަހަންނަށް ބުނެވޭނީ. ވަރަށް ޒުވާން ސްކޮޑެއް މިއޮތީ. 2010ގައި އަހަރެމެން ހަމަ މިކަހަލަ ސްކޮޑަކާއެކު ވޯލްޑްކަޕްގެ ސެމީ އަށް ދަތުރު ކުރީ ވެސް. ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެއް ހިމެނުނު ނަމަވެސް މިޓީމް ޔޫރޯގެ ފޭވަރިޓުންގެ ތެރޭގައި އަދިއެއް ނުހިމެނޭ. އެއީ މިޓީމަކީ އަދި ޑެވެލޮޕިން ޓީމެއް. އަހަރެމެންނަށްވުރެ ބޮޑަށް ނަތީޖާ ނެރެފަ އަދި މާ ކޮމްޕްލީޓް ޓީމްތަކެއް އެބައުޅޭ، “ ލޯ ބުންޏެވެ.

ލޯ އިތުރަށް ބުނީ ފަހަކަށް އައިސް ކޮލިފައިން މެޗުތަކުން ޖާމަނީ ނެރެފައިވާ ނަތީޖާތައް ރަނގަޅުވެފައިވީ ނަމަވެސް އޭނާގެ ޓީމަށް ފޭވަރިޓުންނޭ ބުނަން އަދި މާ އަވަސް ކަމަށާއި އެހިސާބަށް ދާން އަދި ވަގުތު ނަގާނެ ކަމަށެވެ.

“ ޖަރުމަން ޓީމްގައި ހިމެނޭ ޒުވާން ކުޅުންތެރިން އެތިބީ ކާމިޔާބު ހޯދުމަށް ފެންބޮވައިގެންފައި. އެކަމަކު ފޭވަރިޓުންނޭ ކިޔޭ ވަރަށް ދާން ނަގާނެ ދުވަސް. ބަލަމާ ސްޕްއިން އާއި ފްރާންސަށް. އެޓީމްތަކުގެ އެތިބަ ކުޅުންތެރިންނާއެކު ފުދޭ ވަރަކަށް އަހަރު އެމީހުން ހޭދަކޮށްދި. އެ ވާހަކަ ހަގީގަތުގައި އަހަރެން މި ދައްކަނީ. މިވަގުތު މިއޮތް ޖަރުމަން ޓީމަކީ އިހަކަށް ދުވަހު ރާވާލެވުނު ޓީމެއް. މިޓީމަށް އަދި ވަރަށް ބޮޑަށް ޑިވެލޮޕްމަންޓް ބޭނުންވޭ، “ ލޯ ބުންޏެވެ.

2014 ވަނަ އަހަރު ހަތަރު ވަނަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމަށްފަހު ޖާމަނީ އިން މިދިޔަ އަހަރު ރަޟިއާގައި އޮތް މުބާރާތާ ކުރިމަތިލީ ފޭވަރިޓުންގެ ގޮތުގައެވެ. ނަމަވެސް އެންމެން ހައިރާންކޮށްލުމަށްފަހު ޖާމަނީ މުބާރާތާ އަލްވަދާއުކީ ގްރޫޕް ސްޓޭޖުންނެވެ. ވޯލްޑް ކަޕްގެ ހިތްދަތިކަމަށްފަހު ލޯ ޖަރުމަން ސްކޮޑަށް ބޮޑެތި ބަދަލުތަކެެއް ގެނައިއިރު މިހާރު އޮތް ސްކޮޑުގައި ގިނައީ ޒުވާން ކުޅުންތެރިންނެވެ. އެގޮތުން ޖަރުމަން ޓީމުގައި 30 އަހަރުން މަތީގެ ކުޅުންތެރިއަކަށް މިހާރު ހުރީ ތަޖުރިބާކާރު ގޯލްކީޕަރު މެނުއެލް ނޯޔާ އެކަންޏެވެ.