ތްރީ އޮން ތްރީ ބާސްކެޓްބޯޅައިގެ ދުނިޔޭގެ ޗެމްޕިއަން ކަމަށްވާ ސާބިއާގެ ދުސަން ޑޮމޮވިޗްގެ އެއްބާރުލުމާއެކު މާލޭގައި ދިވެހި ކުޅުންތެރިންނަށް ހުޅުވާލައިގެން ތްރީ އޮން ތްރީ ބާސްކެޓްގެ ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެ އެވެ.

ދުނިޔޭގެ ތްރީ އޮން ތްރީ ބާސްކެޓްބޯޅައިގައި ފާހަގަކޮށްލެވޭ ދުސަން ވަނީ މިދިޔަ ހުކުރު ދުވަހު ރާއްޖެ އައިސްފައެވެ. އޭނާ ރާއްޖެ އައިސްފައިވަނީ ހދ. ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ ބާދުޝާހު ޑަބްލިއު އެސްއޭ ބީޗް ސްޕޯޓްސް ގޭމްސްގެ ހާއްސަ އިވެންޓެއްގައި ބައިވެރިވުމުގެ ގޮތުންނެވެ. މިއީ ބާސްކެޓުގެ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއަކު ރާއްޖޭގެ ރަށަކަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ.

ތްރީ އޮން ތްރީ ބާސްކެޓްގެ ދުނިޔޭގެ އެއްވަނަ މަގާމުގައި ހުރި ދުސަންގެ ޓްރެއިނިން ކޭމްޕް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު މެންދުރު 14:00 އިން އިރުއޮއްސި 18:00 އަށެވެ. މި ހަރަކާތް ކުރިއަށް ދާނީ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ކަމަށާއި މި ކޭމްޕްގައި ބައިވެރިވާނީ ބާސްކެޓްބޯޅަ އެސޯސިއޭޟަނުން އެކުލަވާލާ ހާއްސަ ކުޅުންތެރިންތަކެއް ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ.

މިއީ އުމުރުން 34 އަހަރުގެ ދުސަންގެ އެހީގައި ތްރީ އޮން ތްރީ ބާސްކެޓްގެ ތަމްރީންތަކެއް ހޯދަން ރާއްޖޭގެ ކުޅުންތެރިންނަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ. ދުސަން އަކީ ސާބިއާގެ ތްރީ އޮން ތްރީ ގައުމީ ބާސްކެޓް ޓީމުގެ ކުޅުންތެރިއެކެވެ. އޭނާ މިހާރު ކުޅެމުން އަންނަނީ ޔުނައިޓެޑް އަރަބްއެމިރޭޓްސްގެ ކުލަބެއް ކަމަށްވާ ނޮވި ސާދް އަލް ވަހުދާ އަށެވެ. ދުސަންގެ ބާސްކެޓް ކެރިއަރުގައި އޭނާ ވަނީ މިހާތަނަށް ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. އެގޮތުން 2012 ވަނަ އަހަރު އޮތް އެންމެ ފުރަތަމަ ތްރީ އޮން ތްރީ ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދުމަށްފަހު 2016 އިން ފެށިގެން ޖެހިޖެހިގެން ތިން އަހަރު މިމުބާރާތުގެ ތަށި ސާބިއާ އިން އުފުލާލީ ދުސަންގެ ކެޕްޓަންކަމުގެ ދަށުންނެވެ.

އެންމެ ފަހުގެ ތިން ވޯލްޑް ކަޕްގެ ޓީމް އޮފްދަ ޓޯނަމެންޓްގައި ހިމެނުމުގެ އިތުރުން ދުސަން އަކީ 2016 އަދި މިދިޔަ އަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާއެވެ. ދުނިޔޭގެ ބާސްކެޓްބޯޅައިގެ މައި އިދާރާ ކަމަށްވާ އެފްއައިވީބީން ނެރޭ ތްރީ އޮން ތްރީ ބާސްކެޓް ރޭންކިންގްސްގެ އެއްވަނައިގައި ވެސް މިވަގުތު ހުރީ ދުސަން އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޜުބިކަންބެ

    ޜާއްޖޭއިން އުވާލަނަ ވެފަ އޮތް ކުޅިވަރެއް ،

    1
    1
  2. Anonymous

    ތިއީ ވަކި ބަޔަކަށް ބާއްވާ ޓްރެއިނިންގ އެއް!! މަވެސް ބާސްކެޓު ކުޅެން. އެކަމަކު މަށަށް އަންގާވެސް ނުލާ ތި މީހެއްގެ ޓްރެއިނިންގ ކޭމްޕެއް ބޭއްވީ!

    #ބޭންއެމްބީއޭއެކްސްކޯ
    #ސުޕުންއައުޓް
    #ވިޒުއްޕެއައުޓް
    #އެޑަމްއައުޓް