“ބޭންކް އޮފް މޯލްޑިވްސް“ 44 ވަނަ ގައުމީ ފެތުމުގެ މުބާރާތް ފެށިގެން ކުރިއަށް އެބަދެ އެވެ.

މާލޭ ސްވިމިން ޓްރެކްގައި އިއްޔެ ފެށި ގައުމީ ފެތުމުގެ މުބާރާތުގައި މިފަހަރު 172 ފެތުންތެރިން ވަނީ ބައިވެރިވެފައެވެ. އެއީ 68 އަންހެން ފެތުންތެރިންނާއި 104 ފިރިހެން ފެތުންތެރިންނެވެ. މިފަހަރުގެ މުބާރާތުގައި ޖުމްލަ 9 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. އެއީ އަންހެން ތިން ޓީމާއި ފިރިހެން ހަ ޓީމެވެ.

މި މުބާރާތުގައި ޖުމްލަ ފަސް ކެޓަގަރީއެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެއީ، ޖޫނިއަރ، ސީނިއަރ، މާސްޓަރސް އަދި ހާއްސަ އެހީއަށް ބޭނުންވާ ފެތުންތެރިންނަށް ހުޅުވާލައިގެން ބާއްވާ އޯޕަން ކެޓަގަރީގެ އިތުރުން ޓީމް ކެޓަގަރީ އެވެ. މިއިން ކޮންމެ ކެޓެގަރީއެއްގައިވެސް އަންހެން އަދި ފިރިހެން ބައިގެ އިވެންޓްތައް ކުރިއަށްދާނެ ކަމަށް ސްވިމިން އެސޯސިއޭޟަނުން މައުލޫމާތުދެ އެވެ.

މުބާރާތުގެ ސީނިއާ އަދި ޖޫނިއާ ކެޓަގަރީތަކުގެ ތެރޭގައި 50 މީޓަރު ފްރީ ސްޓައިލް އާއި 50 މީޓަރު ބެކްސްޓްރޯކް އާއި 50 މީޓަރު ބްރެސްޓްސްޓްރޯކް އާއި 50 މީޓަރު ބަޓަފްލައި އާއި 100 މީޓަރު ފްރީ ސްޓައިލް އާއި 100 މީޓަރު ބެކް ސްޓްރޯކް އާއި 100 މީޓަރު ބްރެސްޓް ސްޓްރޯކް އާއި 100 މީޓަރު ބަޓަފްލައި އާއި 200 މީޓަރު ފްރީ ސްޓައިލް އާއި 400 މީޓަރު ފްރީ ސްޓައިލް އަދި 200 މީޓަރު އިންޑިވިޖުއަލް އިވެންޓް ހިމެނެ އެވެ.

ސީނިއާ ކެޓަގަރީތަކާއި ހިލާފަށް ޖޫނިއަރ ކެޓަގަރީތަކުގެ ތެރޭގައި 50 މީޓަރު ފްރީ ސްޓައިލް އާއި 50 މީޓަރު ބެކްސްޓްރޯކް އާއި 50 މީޓަރު ބްރެސްޓްސްޓްރޯކް އާއި 50 މީޓަރު ބަޓަފްލައި އަދި 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ ހިމެނޭ ކަމަށް ވެސް ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މައުލޫމާތުދެ އެވެ.

މުބާރާތުގެ އަންހެން ޓީމް ކެޓަގަރީގައި ވާދަކުރާ ކްލަބް ތަކަކީ މޯލްޑިވްސް ލައިފްގާރޑް އެސޯސިއޭޝަން، ނިއުލެގޫންސް ސްވިމިންގ ކްލަބް އަދި ސްވިމް މޯލްޑިވްސް އެވެ. ފިރިހެން ޓީމް ކެޓަގަރީގައި ވާދަކުރާ ކްލަބް ތަކަކީ މޯލްޑިވްސް ލައިފްގާރޑް އެސޯސިއޭޝަން، ނިއުލެގޫންސް ސްވިމިންގ ކްލަބް، ބްލޫފިން ސްޕޯޓްސް، ސްވިމްމޯލްޑިވްސް އަދި ކްލަބް ބޮޑުރިޔާ އެވެ.

މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި 228 އިވެންޓް ކުރިއަށް ދާނެ ކަމަށް ސްވިމިން އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ. ގައުމީ ފެތުމުގެ މުބާރާތާއި ގުޅުވައިގެން ކުޑަ ކުދިންނަށް ހުޅުވާލައިގެން ހާއްސަ ސްވިމިން ފެސްޓިވަލެއް ސްވިމިން އެސޯސިއޭޟަނުން ވަނީ ދާދި ފަހަކުން ކުރިއަށްގެންގޮސްފައެވެ. އެ ފެސްޓިވަލްގައި 198 ފެތުންތެރިން ވަނީ ބައިވެރިވެފައެވެ.