އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ ކަމަށްވާ (އޭއެފްސީ) އިން ބަލާ މިންގަނޑުތަކަށް ފައްތައި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ހަތް ކްލަބަކަށް އަންނަ އަހަރު އޭއެފްސީ ކަޕްގައި ވާދަކުރުމަށް ބޭނުންވާ ކްލަބް ލައިސަންސް ލިބިފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް) އިން ބުނެފި އެވެ.

ކްލަބް ލައިސަންސް ލިބުނު ކްލަބްތަކަކީ މާޒިޔާ، ޓީސީ، ގްރީން ސްޓްރީޓްސް، އީގަލްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަދި ފޯކައިދޫ އެވެ. ފޯކައިދޫ އަށް ޝަރުތުތަކާ އެކު ލައިސަންސް ދޭން ނިންމީ އިދާރީ ގޮތުން ފުރިހަމަ ނުވެ ހުރި ކަންތައްތަކެއް ފުރިހަމަ ކުރުމަށް މުހުލަތުދީގެންނެވެ. އެފްއޭއެމުން ފޯކައިދޫއަށް ދޭ މުހުލަތުގައި އެކަންކަން ހައްލު ކުރުމުން ރާއްޖޭގެ ހަތް ކުލަބަށް އޭއެފްސީގެ ލައިސެންސް ލިބިގެން ދާނެ އެވެ. ނުވަ ކްލަބަކަށް ލައިސަންސް ހޯދަން ރާއްޖޭން ހުށަހެޅިއިރު ނުލިބުނީ ވިކްޓްރީ އާއި ނިލަންދޫ ސްޕޯޓްސް ކްލަބް އަށެވެ.

އެފްއޭއެމުން ބުނީ ވިކްޓަރީ ފިޔަވައި އަނެއް އަށް ކުލަބުންވެސް ލިޔެކިޔުންތައް ފުރިހަމަ ކޮށްފައިވާ ކަމަށާއި ނިލަންދޫ ސްޕޯޓްސް ކުލަބަށް ލައިސެންސް ނުލިބުނީ އެ ކުލަބުން ކުޅެފައިވާ މެޗުތަކުގެ އަދަދު މަދުވުމުން ކަމަށެވެ. އެކަމަކު ވިކްޓްރީ އަށް ލައިސަންސް ނުލިބުނީ ލިޔެކިއުންތައް ހަމަނުވުމުގެ މައްސަލައިގެ އިތުރުން ވެސް ގިނަ މައްސަލަތަކެއް ހުރުމުން ކަމަށް އެފްއޭއެމް އިން މައުލޫމާތުދެ އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ ވިކްޓަރީއާ އެކި ފަހަރުގެ މަތިން ބައްދަލުކޮށް އެކުލަބަށް ފުރުސަތު ދިން ކަމަށާއި އޭގެ ތެރެއިން ހަތަރު ފަހަރު ވިކްޓަރީގެ ޗެއާމަން ޑރ. އިބްރާހިމް ނާޝިދު އާއި ވެސް ބައްދަލު ކޮށްފައިވާ ކަމަށެވެ.

އޭއެފްސީ ކަޕްގައި ވާދަކުރުމަށް ބޭނުންވާ ލައިސަންސް ހޯދަން މި ސަރަހައްދުގެ އެހެން ގައުމުތަކުން ކުރި މަސައްކަތާ ބަލާއިރު ރާއްޖޭން ކުރި މަސައްކަތުގެ ނަތީޖާ ރަނގަޅެވެ. މިސަރަހައްދުގެ އެންމެ ވަރުގަދަ ދެ ލީގް ހިމެނޭ އިންޑިއާ އާއި ބަންގުލަދޭޝްއަށް ވުރެ، ލައިސެންސް ލިބުނު ކުލަބުތައް ރާއްޖޭގައި ގިނަކަން ފާހަގަކޮށްލެވެ އެވެ.

އެ ގޮތުން ރާއްޖޭން ނުވަ ކްލަބުން ހުށަހަޅައިގެން ހަތް ކްލަބަށް ލައިސަންސް ލިބުނުއިރު، އިންޑިއާ އިން 19 ކްލަބަކުން ހުށަހަޅައިގެން ލިބުނީ ހަ ކްލަބަކަށެވެ. ބަންގްލަދޭޝްގެ ހަ ކްލަބަކުން ހުށަހަޅައިގެން ތިން ކްލަބަކަށް ލައިސަންސް ލިބުނުއިރު، ބޫޓާނުން 10 ކްލަބަކުން ހުށަހަޅައިގެން ލިބުނީ ފަސް ކްލަބަކަށެވެ.

ކްލަބް ލައިސަންސް ނުލިބުމުން މި އަހަރު ރާއްޖޭގެ އެއްވެސް ކްލަބަކަށް އޭއެފްސީ ކަޕުން ފުރުސަތު ނުލިބުނެވެ. އެފްއޭއެމުން މި އަހަރު ނިންމާފައިވާ ގޮތުން އަންނަ އަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖޭން ވާދަކުރާނީ މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން ޓީސީ އާއި ރަނަރަޕް މާޒިޔާ އެވެ.