ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗަކަށް ކުރީގެ މަޝްހޫރު ވޮލީ ކުޅުންތެރިޔާ އިބްރާހީމް ނިޒާރު ހަމަޖައްސައިފިއެވެ.

ވޮލީބޯޅަ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއިން އެ އެސޯސިއޭޝަންގެ ޖެނަރަލް މެނޭޖަރު ޒީނިއާއަށް މިއަދު ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އަންނަ ޑިސެމްބަރު މަހުގެ ކުރީކޮޅު ނޭޕާލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ގޭމްސްގައި އަންހެން ޓީމުގެ ހެޑް ކޯޗުގެ ގޮތުގައި ޓީމަށް އިރުޝާދު ދޭނީ ނިޒާރު އިބްރާހީމް ކަމަށެވެ.

ޓީމުގެ އެސިސްޓެންޓް ކޯޗުންގެ ގޮތުގައި މިހާރު ވެސް ޓީމުގައި މަސައްކަތް ކުރަމުންދާ އަޙްމަދު އަދީލް (ބޭބެ) އާއި މުޙައްމަދު ފައިސަލް ހަމަޖައްސާފައިވާއިރު، މެނޭޖަރަކީ މިހާރުވެސް ޓީމުގެ މެނޭޖަރު ހާމިދާ އަބްދުލް އަލީމްއެވެ. މީގެ ތެރެއިން އަހުމަދު އަދީލް (ބޭބެ) ވަނީ ބަންގްލަދޭޝްގައި މިދިޔަ ހަފްތާގައި ބޭއްވި އޭވީސީ ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި އަންހެން ޓީމަށް އިރުޝާދުދީފައެވެ. އެ މުބާރާތުގައި ވާދަކޮށް ރާއްޖެއިންވަނީ ރިހި މެޑަލް ހާސިލްކޮށްފައެވެ.

ވީއޭއެމްގެ އެކްސްކޯއިން ފޮނުވާފައިވާ މި ސިޓީގައި އިތުރަށް ބުނެފައިވަނީ ޓީމުގެ އޮފިޝަލުންނަށް އެކަން އަންގައި އޮފިޝަލުންގެ މަޝްވަރާގެ މަތިން ޓީމު ލިސްޓް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށް ފޮނުވުމަށެވެ.

ގައުމީ އަންހެން ޓީމުގެ ކޯޗަކަށް ނިޒާރު ހަމަޖައްސާފައިވާއިރު އޭނާ އަކީ ވޮލީބޯޅައިގައި ރަން ވަނަތަކެއް ހާސިލްކޮށްފައިވާ ކުޅުންތެރިއެކެވެ. ނިޒާރު ވަނީ ގައުމީ ފެންވަރުގައި 20 އަހަރު ވޮލީބޯޅަ ކުޅެފައެވެ. ގައުމީ ފެންވަރުގައި ބާއްވާފައިވާ ހުރިހާ މުބާރާތެއް އެކި ފަހަރު މަތިން ކާމިޔާބުކޮށްފައިވާ ނިޒާރު ވަނީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތްކޮށްފައެވެ.

ވީސްޕޯޓްސްއާ ހަވާލާދީ ނިޒާރު ބުނީ ގައުމަށް ހިދުމަތް ކުރުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ހިފާނެ ކަމަށާއި މި ފުރުސަތުގެ ބޭނުން ވެސް ހިފުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިހާރު އެކުލަވާލާފައިވާ ގައުމީ ޓީމު އެ ހިސާބަށް ގެނައުމުގައި ކުރީގެ ކޯޗު އިބްރާހީމް ރަޝީދު (ސަތޯ)ގެ ދައުރު ފާހަގަކޮށް ސަތޯއަށް ނިޒާރު ވަނީ ޝުކުރު އަދާކޮށްފައެވެ.

ގައުމީ އަންހެން ޓީމުގެ އިތުރުން ގައުމީ ފިރެހެން ޓީމުގެ އޮފިޝަލުންގެ ގޮތުގައި މިހާރުވެސް ޓީމުގައި ތިބި އޮފިޝަލުންނާއި އެކު ކުރިޔަށްދިޔުމަށް ވަނީ ނިންމާފައެވެ. މިއަދު ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުން ގައުމީ ފިރިހެން ޓީމުގެ ކޯޗަކީ މިހާރު ވެސް އެމަގާމުގައި ހުރި ސާބިއާގެ މިލޮރަޑް ކިޔާޗް އެވެ. ސިޓީގައިވާ ގޮތުން ޓީމުގެ ޓްރެއިނަރަކީ ސާބިއާގެ ކިޔަޗް ރަޑޯވަން އެވެ. އެސިސްޓް ކޯޗަށް މުޙައްމަދު ރިޝްވާން ހުރި އިރު ޓީމުގެ މެނޭޖަރަކީ އަޝްރަފް އަލީ (އަޝްރާ) އެވެ.

ވީއޭއެމްގެ އެކްސްކޯ އިން ދެން ބަދަލު ގެނެސްފައި ވަނީ ގައުމީ ބީޗް ވޮލީ ޓީމުގެ ކޯޗަށެވެ. ގިނަ ދުވަސްތަކެއް ވަންދެން އެ މަގާމު އަދާކުރަމުންދިޔަ އަބުދުﷲ ނަޝީދުގެ ބަދަލުގައި ކޯޗަކަށް ހަމަޖައްސާފައި ވަނީ ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އަދުނާން އަބްދުލް ހަމީދު އެވެ. އަދި ފުރަތަމަ ފަހަރަށް އަންހެން ބީޗު ވޮލީ ޓީމުގެ ކޯޗަކަށް ކުރީގެ މަޝްހޫރު ކުޅުންތެރިޔާ އިސްމާއީލް ރިފާއު (ޗިޗޫ) ވަނީ ހަމަޖައްސާފައެވެ.