ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި 12 އަހަރުން ދަށުގެ ޔޫތު ލީގު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާއިން ހޯދައިފި އެވެ.

މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާއިން ކަށަވަރު ކުރީ ލީގުގެ އެންމެ ފަހު މެޗުގައި މިއަދު މޯލްޑިވްސް ސޮކާ މޭޓްސް އެކެޑެމީގެ 12 އަހަރުން ދަށުގެ ޓީމު ބަލި ކުރުމަށް ފަހު އެވެ. މިއަދު ހަވީރު ކުޅުނު މެޗު މާޒިޔާއިން ކާމިޔާބު ކުރީ 4-1 ންނެވެ. މި މެޗުގައި މާޒިޔާގެ އަނޫފް އަބްދުﷲ އާއި އަބްދުﷲ ރިޒާން މުހައްމަދު ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހައިފަ އެވެ. ސޮކާމޭޓްސްގެ ލަނޑަކީ މާޒިޔާގެ އަހަމްދު ހަމްދު މުހައްމަދު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މާޒިޔާ ޔޫތް ލީގުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެ ސައްތައިގެ ރެކޯޑަކާއެކު އެވެ. މުބާރާތުގެ ރަނަރަފް ޓީމަކީ ޓީސީ ފުޓްބޯލް އެކެޑެމީ އެވެ.

ޓީސީ އެކެޑެމީން ވަނީ މުބާރާތުގައި އެޓީމް ކުޅުނު ނުވަ މެޗުގެ ތެރެއިން އަށް މެޗު ކާމިޔާބުކޮށްފަ އެވެ. މާޒިޔާއިން ކުޅުނު ނުވަ މެޗުގައި 44 ލަނޑު ޖެހިއިރު ބައިކޮޅަށް ވަނީ އެންމެ ހަތަރު ލަނޑެވެ. ޓީސީ މުބާރާތުގައި ބަލިވީ މާޒިޔާއާ އަތުންނެވެ. 12 އަހަރުން ދަށުގެ ޔޫތު ލީގުގައި މިފަހަރު 10 އެކަޑެމީއަކުން ވަނީ ވާދަކޮށްފަ އެވެ.

ފޮޓޯ: އެފްއޭއެމް

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނީ ޗެމްޕިއަން މާޒިޔާގެ ހަތަރު ކުޅުންތެރިއަކާއި ޓީސީގެ ތިން ކުޅުންތެރިންގެ އިތުރުން ތިން ވަނަ ހޯދި ހުޅުމާލެ ސްޕޯޓްސް ސްކޫލުގެ ދެ ކުޅުންތެރިންނެވެ. މާޒިޔާއިން ޑްރީމް ޓީމުގައި ހިމެނުނީ އަބްދުﷲ ރިޒާން މުހައްމަދު، ޔޫނުސް ޚަލީލް އަބްދުﷲ، ނަޝޫ އަހުމަދު ޝިހާމް އަދި ގޯލްކީޕަރު އައިދީން އަލީ ހަމީދު އެވެ. ޓީސީ ޓީމުން ހިމެނުނީ އީތަން އިބްރާހީމް ޒަކީ އާއި މުހައްމަދު އިލާން އިމްރާން އަދި އަހުމަދު ހަމްދާން އަޒްލީން އެވެ. ހުޅުމާލެ ސްޕޯޓްސް ސްކޫލުން ޑްރީމް ޓީމުގައި ހިމެނުނީ މުހައްމަދު އައިހަމް އިބްރާހީމް އަދި ހުސައިން އާއިޝް އަބްދުލް ވާހިދު އެވެ.

ފޮޓޯ: އެފްއޭއެމް
ފޮޓޯ: އެފްއޭއެމް

މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހައިގެން ރަން ބޫޓް ހާސިލްކުރީ މާޒިޔާގެ އަބްދުﷲ ރިޒާން މުހައްމަދު އެވެ. އޭނާ ވަނީ މުބާރާތުގައި 14 ލަނޑު ޖަހާފަ އެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކީ މާޒިޔާގެ އައިދީން އަލީ ހަމީދު އެވެ. އެންމެ މޮޅު ކޯޗަކީ މާޒިޔާގެ މުހައްމަދު އަފީފް އެވެ. ފެއާ ޕްލޭ ޓީމަކީ އީގަލްސް ފުޓްބޯލް އެކެޑެމީ އެވެ.

މިދިޔަ އަހަރު އެފްއޭއެމް އިން ތައާރަފްކުރި ޔޫތު ލީގަކީ އެ އިދާރާގެ ޓުވާޑްސް ފިއުޗާ ޕްރޮޖެކްޓްގެ ދަށުން ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތެކެވެ. އެފްއޭއެމް އިން މިދިޔަ އަހަރު ޔޫތު ލީގް ބާއްވާފައިވަނީ ހަމައެކަނި 13 އަހަރުން ދަށުގެ އުމުރުފުރާ އަށެވެ. އެ މުބާރާތް ކާމިޔާބުކުރީ އާލީ ޓަޗް ފުޓްބޯލް އެކެޑެމީންނެވެ.

މިދިޔަ އަހަރު 13 އަހަރުން ދަށުގެ އުމުރުފުރާ އަށް ހާއްސަކޮށްގެން ލީގް ބޭއްވި ނަމަވެސް މި އަހަރު އެފްއޭއެމް އިން ވަނީ މިއަދު ނިމުނު 12 އަހަރުން ދަށުގެ ލީގުގެ އިތުރުން 14 އަހަރުން ދަށައް ހާއްސަކޮށްގެން މުބާރާތެއް ބާއްވާފައެވެ. މިދިޔަ މަހު ކުރީކޮޅު ނިމުނު 14 އަހަރުން ދަށުގެ މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދީ މާޒިޔާއިންނެވެ. މި ދެ ލީގުގެ ޗެމްޕިއަންކަން ވެސް މާޒިޔާއިން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

އެފްއޭއެމްގެ ޓުވާޑްސް ފިއުޗާ ޕްރޮޖެކްޓްގެ ދަށުން މިދިޔަ އަހަރު ފެށި ޔޫތު ލީގަށް ބޮޑު ސަޕޯޓެއް ވަނީ ލިބިފަ އެވެ. ޔޫތު ލީގުތަކުގައި ވާދަކޮށް ލިބޭ ތަޖުރިބާގެ އެހީގައި ރާއްޖޭން ބޭރުގައި އޮންނަ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ބައެއް އެކަޑެމީތަކުން ހޯދަމުން އަންނައިރު މާޒިޔާގެ 14 އަހަރުން ދަށުގެ ޓީމު ވަނީ މިދިޔަ އޮގަސްޓް މަހުގެ ކުރީކޮޅު އިންޑިއާގެ ޗެންނާއީގައި އޮތް އިންޓަނޭޝަނަލް ކަޕް އޮފް ޖޯއީ ޔޫތު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.