ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ގައުމީ ޖާޒީގައި ކާމިޔާބުކުރި 99 ވަނަ ލަނޑާއެކު ލަގްޒަމްބާގް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް އިން އަންނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުން ޖާގަ ހޯދައިފިއެވެ.

ޕޯޗުގަލް އިން ޔޫރޯގެ ޖާގައެއް ކަށަވަރުކުރީ ރޭ ގައުމުން ބޭރުގައި ލަގްޒަމްބާގް އަތުން 2-0ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މޮޅާއެކު ޕޯޗުގަލް އަށް ވަނީ ގްރޫޕް ބީގެ ދެވަނަ މަގާމް ކަށަވަރުވެފަ އެވެ. ކޮލިފައިންގައި އެގައުމު ކުޅުނު އަށް މެޗުން 17 ޕޮއިންޓް އެޓީމުން ހަމަކުރިއިރު މި ގްރޫޕްގެ އެއްވަނަ ލިބެނީ 20 ޕޮއިންޓާއެކު ޔުކްރެއިން އަށެވެ. 14 ޕޮއިންޓާއެކު ސާބިއާ އަށް ތިންވަނަ ލިބޭއިރު 4 ޕޮއިންޓް ލިބިގެން ލަގްޒްމްބާގް އޮތީ ހަތަރުވަނައިގައެވެ. މި ގްރޫޕްގެ ފުލުގައި އޮތީ އެއް ޕޮއިންޓާއެކު ލިތުއޭނިއާ އެވެ.

ލަގްޒަމްބާގުގެ ސްޓޭޑް ޖޯސީ ބާތެލްގައި ކުޅުނު މެޗުގައި ޕޯޗުގަލް އިން ޖެހި ފުރަތަމަ ލަނޑު އެޓީމަަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ބެނާޑޯ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބްރޫނޯ ފާނަންޑޭޒެވެ. ދަނޑުގެ މެދެއްހާ ހިސާބުން ސިލްވާ އިދިކޮޅު ޑިފެންސް ފޫއަޅުވާލުމަށްފަހު ދިން ބޯޅަ މަތަކޮށްލުމަށްފަހު އޭރިއާ ތެރެއިން ބްރޫނޯ ފޮނުވާލި ހަމަލާ ގޯލުގެ ތެރެއަށް ވަނީ ކީޕަރު އަތުގައި ޖެހިފައެވެ.

މެޗުގައި ޕޯޗުގަލް އިން ޖެހި ދެވަނަ ލަނޑު މެޗު ނިމެން ހަަތަރު މިނެޓަށް ވެފަައި ވަނިކޮށް ރޮނާލްޑޯ ޖަހައިދިނީ މުޅިން ހުސްކޮށް ހުރެ އެވެ. ރޮނާލްޑޯ މިލަނޑު ކާމިޔާބުކުރީ އިދިކޮޅު އޭރިއާ އަރިމަތީގައި ހުރެ ސިލްވާ ނެގި ހުރަހުން ފޯވަޑް ޑިއޭގޯ ޖޯޓާ ގޯލަށް ފޮނުވާލި ބޯޅަ ލަގްޒަމްބާގް ކީޕަރު އަތުގައި ޖެހި ރީބައުންޑްވި ގަޑީގައި އެއްފަހަރުން ބޯޅަ ގޯލުގެ ތެރެއަަށް ވައްދާލައިގެންނެވެ. މިއީ ގައުމީ ޓީމަށް އުމުރުން 34 އަހަރުގެ ރޮނާލްޑޯ ކާމިޔާބުކުރި 99 ލަނޑެވެ. އޭނާ އަކީ އެކްޓިވް ކުޅުންތެރިންގެ ތެރެއިން ބައިނަލްއަގުވާމީ ލަނޑު ލިސްޓުގެ އެންމެ ކުރީގައި ހުރި ކުޅުންތެރިއާ އެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޕޯޗުގަލްގެ ކޯޗު ފަރްނާންޑޯ ސަންތޯސް ބުނީ މިވަގުތު މިއޮތް ޕޯޗުގަލް ސްކޮޑަކީ ހުނަރާއި ތަޖުރިބާ ހުރި ވަރުގަދަ ސްކޮޑެއް ކަމަށާއި މިޓީމަކީ އަންނަ އަހަރުގެ މުބާރާތުގައި ޔޫރަޕްގެ ތަށި ދިފާއުކުރެވޭނެ ފެންވަރު ހުރި ޓީމެއް ކަމަށެވެ. ނަމަވެސް ޕޯޗުގަލް އަކީ ޔޫރޯ 2020ގެ ފޭވަރިޓުން ކަމާއިމެދު އޭނާ އެއްބަހެއްނުވެ އެވެ.

“ މި ޓީމުގައި ފެންވަރު އެބަހުރި. ހުރިހާ ޑިޕާޓްމަންޓަކަށްހެން ހުނަރުވެރި ކުޅުންތެރިން އެބަތިބި. ތަށި ދިފާއުކުރެވޭނެ ފެންވަރު ހުރި ޓީމެއް މިއީ. އެކަމަކު މުބާރާތުގެ ފޭވަރިޓުންނެއް ނޫން. އަހަރެމެން އެއްވެސް އިރަކު އަހަރެމެންނަކީ ޗެމްޕިއަނުންނެއްކަމަކު ފޭވަރިޓުންގެ ގޮތުގައި އަހަރެމެން ބަލައެއް ނުގަންނަން. މިޓީމް ތައްޓަށް ވާދަކުރާނެއޭ ބުނުމުން އަދި އެއީ މުޅިން އެހެން ވާހަކައެއް، “ ސަންތޯސް ބުންޏެވެ.