އަންނަ އަހަރު އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކުން އިންގްލަންޑާއި ފްރާންސް މޮޅުވެއްޖެ އެވެ.

ކޮލިފައިންގެ ގްރޫޕް އޭގައި އިންގްލަންޑް މޮޅުވީ ކޮސޯވޯ އަތުން 4-0 އިންނެވެ. ކޮލިފައިންގައި އިންގްލަންޑުން ކުޅުނު އަށް މެޗުގައި އެޓީމުން ވަނީ 21 ޕޮއިންޓް ހަމަކޮށްފަ އެވެ. ކޮލިފައިންގައި މުޅިއެކު 37 ލަނޑު އެޓީމުން ޖެހިއިރު ބައިކޮޅަށް ވަދެފައިވަނީ އެންމެ 6 ލަނޑެވެ. މިއަހަރުގެ މިހާތަނަށް އިންގްލަންޑުން ވަނީ ކޮލިފައިން މެޗުތަކާއި ރަހުމަތްތެެރިކަމުގެ މެޗުތައް އެއްކޮށްގެން މުޅިއެކު 38 ލަނޑު ޖަހައިފައެވެ. މިއަހަރަކީ 1908 ވަނަ އަހަރު 39 ލަނޑު ޖެހުމަށްފަހު އެގައުމުން އެއް އަހަރު ތެރޭ މިހާ ގިނައިން ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

ކޮލިފައިންގައި އިންގްލަންޑް ހިމެނޭ ގްރޫޕް އޭގެ ދެވަނައިގައި އޮތީ 15 ޕޮއިންޓާއެކު ޗެކް ރިޕަބްލިކް އެވެ. ތިންވަނައިގައި 11 ޕޮއިންޓާއެކު ކޮސޯވޯ އޮތްއިރު ހަތަރު ވަނައިގައި އޮތީ 6 ޕޮއިންޓް ލިބިގެން ބަލްގޭރިއާ އެވެ. މި ގްރޫޕްގެ ފުލުގައި އޮތީ 3 ޕޮއިންޓާއެކު މޮންޓެނެގްރޯ އެވެ.

ކޮސޯވޯގައި ރޭ ކުޅުނު ކޮލިފައިންގެ ފަހު މެޗުގައި އިންގްލަންޑް ޓީމަށް ލަނޑުތައް ޖަހައިދިނީ ޒުވާން މިޑްފީލްޑަރު މޭސަން މައުންޓް އާއި ކެޕްޓަން ހެރީ ކޭން އާއި މިޑްފީލްޑަރު ހެރީ ވިންކްސްގެ އިތުރުން ފޯވަޑް މާކަސް ރަޝްފޯޑެވެ. މީގެ ތެރެއިން މައުންޓް އާއި ވިންކްސް ޖެހި ލަނޑުތަކަކީ ގައުމީ ޓީމަށް މި ދެކުޅުންތެރިން ކާމިޔާބުކުރި ފުރަތަމަ ލަނޑުތަކެވެ.

ރޭގެ މެޗުގައި ޖެހި ލަނޑާއެކު ހެރީ ކޭން ވެފައިވަނީ 1908 ވަނަ އަހަރު ޖޯޖް ހިލްސްޑޮން އަދި 1927 ވަނަ އަހަރު ޑިކްސީ ޑީންގެ ފަހުން އެއް އަހަރު ތެރޭ ގައުމީ ޓީމަށް 12 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިއާ އަށެވެ. 2020 ޔޫރޯ ކޮލިފައިންގައި އިންގްލަންޑް ކުޅުނު ހުރިހާ މެޗެއްގައިވެސް ލަނޑު ޖަހައިފައިވާ ކޭން ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 42 މެޗުގައި 31 ލަނޑު ޖަހައިދީފައެވެ.

ޔޫރޯ ކޮލިފައިންގައި ރޭ ފްރާންސް ވެސް ވަނީ ގްރޫޕް އެޗްގައި އަލްބޭނިއާ އާއި ދެކޮޅަށް އެޓީމް ކުޅުނު މެޗު 2-0ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. އަލްބޭނިއާގައި ކުޅުނު މި މެޗުގައި ފްރާންސަށް ލަނޑުތައް ޖަހައިދީފައިވަނީ ކޮރެންޓިން ޓޮލީސޯ އާއި އެންޓޮއިން ގްރީޒްމަން އެވެ. މި މޮޅާއެކު ފްރާންސުން ޔޫރޯ ކޮލިފައިން ނިންމާލީ ދިހަ މެޗުން 24 ޕޮއިންޓް ހަމަކޮށްގެން ގްރޫޕްގެ އެއްވަނައިގައި އޮވެ އެވެ. މިގްރޫޕްގެ ދެވަނައިގައި އޮވެ ޔޫރޯ އިން ޖާގަ ހޯދި ދެވަނަ ޓީމަކީ ތުރުކީ އެވެ. އެގައުމުން ވަނީ ދިހަ މެޗުން 23 ޕޮއިންޓް ހޯދައިފައެވެ.