ޗެމްޕިއަންސް ލީގުގައި ރޭ ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލް މެޑްރިޑަށް ލިބުނީ ރަނގަޅު ޕެނަލްޓީ އެއް ކަމަށް އެޓީމުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ރޭގެ މެޗުން 1-3 އިން ރެއާލް ބަލިވި ނަމަވެސް، ދެ ލެގުގެ އެގްރިގޭޓުން 3-4 އިން ކުރި ކުރި ހޯދައިގެން މުބާރާތުގެ ސެމީއަށް ރެއާލް ވަނީ ދަތުރުކޮށްފައެވެ.

މުބާރާތުގެ ސެމީއަށް ރެއާލް ގެންގޮސްދިން ގޯލު މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. މި ޕެނަލްޓީ ރެއާލް އަށް ލިބުނީ ވަޒްކުއޭޒް އަށް ޔުވެންޓަސްގެ ޑިފެންޑަރު ބެނާޓިއާ ކުރި ފައުލަކާ ގުޅިގެންނެވެ. މި ޕެނަލްޓީ ދިނުމުން ރެފްރީއާ ދިމާލަށް ބުނި އެއްޗެއްގެ ސަބަބުން ޔުވެންޓަސްގެ ކީޕަރު ބުފޮން އަށް ވަނީ ރަތްކާޑު ވެސް ދައްކާފައެވެ.

ރެއާލް އަށް ދިނީ ރަނގަޅު ޕެނަލްޓީ އެއް ނޫން ކަމަށް ބުނެ ރޭގެ މެޗަށްފަހު ވެސް ޔުވެންޓަސްގެ ކުޅުންތެރިން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު ރޮނާލްޑޯ ބުނީ ރެއާލް އަށް ދިނީ ރަނގަޅު ޕެނަލްޓީ އެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އަހަންނަކަށް ނޭނގޭ ޔުވެންޓަސް ކުޅުންތެރިން ހިތްހަމަނުޖެހުން ފާޅުކުރި ސަބަބެއް. ފަހަތުން އައިސް ވަޒްކުއޭޒް އަށް ވަނީ ފައުލްކޮށްފަ. ފައުލް ނުކުރިނަމަ ވަޒްކުއޭޒް އޭތި ޖަހާނެ" ރޮނާލްޑޯ ބުންޏެވެ.

މެޗުގެ ފަހު ވަގުތުކޮޅު ތެރޭ ޕެނަލްޓީ ޖަހަން ޖެހުމުން ވަރަށް ބޮޑަށް ހިތްތެޅުނު ކަމަށާއި ނަމަވެސް ޕެނަލްޓީ ޖެހީ ވަރަށް ބޮޑަށް ހަމަޖެހިލައިގެން ހުރެ ކަމަށްވެސް ޕޯޗުގަލް އަށް އުފަން ރޮނާލްޑޯ ބުންޏެވެ. އެ ގޯލަކީ ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ ކާމިޔާބުކުރި 120 ވަނަ ގޯލުކަން ފާހަގަކޮށްލެވެއެވެ.

މިއީ މުބާރާތުގެ ސެމީއަށް ރެއާލް ޖެހިޖެހިގެން ދަތުރުކުރި އަށްވަނަ ފަހަރެވެ. މިއީ ޗެމްޕިއަންސް ލީގުގެ މުޅިން އާ ރެކޯޑެއް ވެސް މެއެވެ.

ރެއާލް ސެމީއަށް ދަތުރުކުރިއިރު ފާއިތުވި ދެ އަހަރުވެސް މި މުބާރާތް ކާމިޔާބުކުރީ ރެއާލް އިންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖަމަލުސް

    އެއީ ހަމަ ހަދިޔާ.ތިޔަ ކަހަަލަ ކިތައް ފައުލު ނުދައްކާ ދިޔަތަ ؟

  2. ހުސްނީ

    ރޮނާލްޑޯ ވަރެއް ނެތް

  3. ފުތާބެއްޔާ

    ވަގު ރޮނާލްޑޯ

    • ނޯމެސީ

      މެސީއަށްވުރެ މޮޅުވާނެ، ޖެނުއަރީ 2019 ގަ 6 ބެލޮން ޑިއޯ ހޯދާ ފުރަތަމަ ކުޅުންތެރިއަކަށް ރޮނާލްޑޯވާނެ، ހަޖަމް ކޮށްލާ. ރޮނާލްޑޯ މާމޮޅު