ވޯލްޑް ކަޕް ކޮލިފައިންއާއި އޭޝިއަން ކަޕްގެ ކޮލިފައިންގައި ގްރޫޕްގެ ތިންވަނައިގައި އޮވެ ނިންމާނުލެވުނަސް އޭޝިއަން ކަޕުން ފުރުސަތު ލިބިދާނެ ކަމަށާއި ރާއްޖޭން ކަނޑައެޅި ޓާގެޓަކީ ކޮންމެހެން ތިންވަނައިގައި އޮވެ ނިންމާލުން ނޫން ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޕީޓާ ސެގާޓް ބުނެފިއެވެ.

މިހާރު ކުރިއަށްދާ އޭޝިއާ ބައްރުގެ ކޮލިފައިންގައި ރާއްޖެ ވަނީ މިހާތަނަށް ހަތަރު މެޗު ކުޅެފައެވެ. ޗައިނާ އާއި ސީރިއާ ހިމެނޭ މި ގްރޫޕްގެ އެއްވަނަ އާއި ދެވަނަ ލިބޭނެ ކަމަށް ބޮޑަށް ބެލެވެނީވެސް އެދެޓީމަށެވެ. ގްރޫޕުގެ ތިން ވަނަ ހޯދައިގެން އޭޝިއަން ކަޕް ކޮލިފައިންގެ ތިން ވަނަ ބުރަށް އޮޓޮމެޓިކުން ދެވެން އެބައޮތެވެ.

ގަައުމީ ޓީމްގެ އަމާޒަކީ ދަށްވެގެން ގްރޫޕްގެ ތިންވަނައިގައި ނިންމާލައި އޭޝިއަން ކަޕުން ޖާގައެެއް ހޯދުމާއި ކައިރިއަށް ދިއުން ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ މީގެ ކުރިން ބުނެފައެވެ. ކޮލިފައިންގައި ގްރޫޕުގެ ހަތަރު ވަނައިގައި ނިންމާލާ ޓީމަށް ފަހަރުގައި ތިން ވަނަ ބުރުން ފުރުސަތު ލިބިދާނެ އެވެ. އެ ނޫނީ ޖެހޭނީ ޕްލޭއޮފުގައި ވާދަކުރާށެވެ. އަދި ފަސް ވަނަ ޓީމަށް ވެސް ޖެހޭނީ ޕްލޭއޮފުގައި ވާދަކުރާށެވެ.

މާދަމާގެ މެޗުގެ ކުރިން ވާހަކަދައްކަމުން ސެގާޓް ބުނީ ރާއްޖޭން ކަނޑައެޅި އަމާޒަކީ ތިން ވަނަ ހޯދުން ނޫން ކަމަށާއި ޓާގެޓަކީ އޭޝިއަން ކަޕަށް ދިއުން ކަމަށެވެ. އެ ފުރުސަތު ހަތަރު ވަނަ ނުވަތަ ފަސް ވަނަ ޓީމަށް ވެސް އޮންނާނެ ކަމަށް ސެގާޓް ބުންޏެވެ.

" އަހަންނަށް ހީވަނީ ރަނގަޅު މައުލޫމާތުތަކެއް ނޫން ކަންނޭނގެ ފެތުރިގެން މިއުޅެނީ. އަހަރެމެންގެ ޓާގެޓަކީ ގްރޫޕްގެ ތިން ވަނަ އެއް ނޫން ވަކި. އޭޝިއަން ކަޕަށް ދިއުން ޓާގެޓަކީ. ރަނގަޅު، ފަސޭހަވާނެ ތިން ވަނަ ހޯދިއްޖެ ނަމަ. އެކަމަކު ހަތަރުވަނައިގައި އަދި ފަސްވަނައިގައި ނިންމާލެވުނަސް އެ މުބާރާތުން ފުރުސަތު ލިބެން އެބައޮތް، “ ސެގާޓް ބުންޏެވެ.

ސެގާޓް އިތުރަށް ބުނީ ހުރިހާ މެޗަކުން އެންމެ ބޭނުންވާ ނަތީޖާ ނުނެރެވޭ ކަމަށްޓަކައި ދިވެހި ސަޕޯޓަރުންގެ ކިބައިން މާފަށް އެދޭ ކަމަށާއި އޭނާ އަށް އަމާޒުވަމުންދާ ފާޑުކިއުންތައް އިހުތިރާމާއެކު ބަލައިގަންނާނެ ކަމަށެވެ. އޭނާ ބުނީ ގައުމީ ޓީމް އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވިޔަސް ރާއްޖޭން ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަނެއްކޮޅުން، ފުރަތަމަ މެޗުން ގުއާމް އަތުން މޮޅުވެފައި އޮތަސް މާދަމާގެ މެޗާ މެދު ޔަގީންކަމެއް ނުދެވޭނެ ކަމަށް ސެގާޓް ބުންޏެވެ.

" ހުރިހާ މެޗަކުން މޮޅު ނުވާތީ މާފަށް އެދެން. އަހަންނަށް އަމާޒުވަމުން އަންނަ ފާޑުކިއުންތައް އަހަރެން ވަރަށް އިހުތިރާމާއެކު ބަލައިގަންނަން. ކުރިއަށް އޮތްތާގައިވެސް ބަލައިގަންނާނަން. ފާޑުކިޔަންވެސް ޖެހޭނެ. ފަހަކަށް އައިސް އަހަރެމެންގެ ނަސީބުވެސް ދެރައީ. އެންމެނަށް އިނގޭނެ އަހަރެމެންގެ ކުޅުން މިދިޔަ ދެމެޗުގައި. ހަގީގަތުގައި ވެސް ވަރަށް ހިތްހަމަޖެހޭ ވަރުގަދަ ޓީމްތަކާ ދެކޮޅަށް އެފެންވަރަށް ކުޅެވިފަ ހުރީމަ. ކޮލިފައިންގައި މިވާދަކުރާ ހުރިހާ ޓީމެއް ވެސް އެހާމެ ހަމަހަމަ. އަހަރެމެން ގުއާމް އަތުން ކުރިން މޮޅުވެފައި އޮތަސް އެއީ އުނދަގޫ މެޗެއް. ކުރިން މޮޅުވެފައި އޮތުމަކީ މާދަމާގެ މެޗު ފަސޭހަވާނެ ކަމެއް ނޫން، " ސެގާޓް ބުންޏެވެ.

ސެގާޓް އިތުރަށް ބުނީ ގުއާމް މެޗަށް ރާއްޖެއިން ނިކުންނާނީ ތިން ޕޮއިންޓް ހޯދުމުގެ އަޒުމުގައި ކަމަށާއި މާދަމާގެ މެޗުގައި ޓީމުގެ ސެލެކްޝަނުން ބަދަލުތަކެއް ފެނުން ކައިރި ކަމަށެވެ. އަދި މި މެޗާ ކުރިމަތިލާއިރު ގުއާމަށް މިހާތަނަށް މޮޅެއް ލިބިފައި ނެތުމުން އެ ޓީމުގެ އަމާޒަކަށް ވާނީ ރާއްޖޭގެ ދަނޑުގައި ރާއްޖެ ބަލިކުރުން ކަމަށެވެ. އެހެން ކަމުން ރާއްޖެއިން މި މެޗަށް ނިކުންނާނީ އެކަން ދަނެގެން ރަނގަޅު ކުޅުމެއް ދައްކަައި މެޗުން ތިން ޕޮއިންޓް ހޯދަން ކަމަށް ސެގާޓް ބުންޏެވެ.

ކޮލިފައިންގައި ބުރާސްފަތި ދުވަހު މާލޭގައި ފިލިޕީންސް އަތުން 2-1 އިން ރާއްޖެ ބަލިވުމުން ސަޕޯޓަރުން ވަނީ ސެގާޓުގެ އިސްތިއުފާ އަށް ގޮވާލައިފަ އެވެ. ހާއްސަގޮތެއްގައި ސެގާޓް މެޗުތަކަށް ނަގާ ފުރަތަމަ އެގާރައިގެ ސަބަބުން ރާއްޖެ އަށް ނަތީޖާ ނެރެވެން ޖެހޭ މެޗުތަކުން ބަލިވެފައިވާތީ އަދި އެކަންތައް މެޗަކަށްފަހު މެޗެއްގައި ތަކުރާރުވަމުން ދާތީ ސޯޝަލް މީޑިއާގައި ސަޕޯޓަރުންދަނީ އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ކޮލިފައިންގައި ރާއްޖެ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވެ އޭޝިއަން ކަޕް ކޮލިފައިންގެ ތިން ވަނަ ބުރުގެ ސީދާ ޖާގައެއް ލިބުމުގެ ފުރުސަތު މިހާރު ވަނީ ހަނިވެފަ އެވެ. ރާއްޖެ އަށް މޮޅުވެވިފައިވަނީ ގައުމުން ބޭރުގައި ގުއާމް އަތުންނެވެ. ކޮލިފައިންގެ ފަހު ހަތަރު މެޗާ ކުރިމަތިލާއިރު ރާއްޖެ އޮތީ ތިން ޕޮއިންޓާ އެކު ހަތަރު ވަނައިގައި ތާށިވެފައެވެ. ތާވަލުގެ އެއް ވަނައިގައި 12 ޕޮއިންޓާ އެކު ސީރިއާ އޮތްއިރު ދެ ވަނައިގައި ހަތް ޕޮއިންޓާ އެކު އޮތީ ޗައިނާ އެވެ. އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ތިން ވަނައިގައި އޮތީ ފިލިޕީންސް އެވެ.

ކުރިން ބެލެވިފައި އޮތީ މިގްރޫޕްގެ ތިންވަނަ އަށް ރާއްޖެ އާއި ފިލިޕީންސްގެ ވާދަވެރިކަން ވަރަށް ބޮޑުވެގެންދާނެ ކަމަށެވެ. ނަމަވެސް ފިލިޕީންސް އިން ވަނީ ޗައިނާގައި އެގައުމު ހިފެހެއްޓުމަށްފަހު މާލޭގައި ރާއްޖެ ބަލިކޮށް ތިންވަނަ މަގާމުގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. ގްރޫޕް އޭގައި ރާއްޖެ ފަހަތުން ޕޮއިންޓެއް ނުލިބި ފުލުގައި އޮތީ ގުއާމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކުޅިވަރު

    އިސްތިއުފާ..........
    މޮޅު ވާހަކަ ދެއްކިޔަސް ނުވާނެ . އަވަހައް އިސްތިއުފާ ދެއްވާ..............

    17
    5
  2. އައްޓަމަސް

    ނުކުޅުނަސް ފުރުސަތު ލިބޭ! ފުލަށްދިޔަޔަސް ފުރުސަތުލިބޭ ދެންކީއްކުރާ ބޭކާރު ޗެލެންޖެެއް ބޭރުގައުމުތަކަށްގޮސް ބޮޑުހޭދަކޮއްގެން ބެއަސްއޯކޭ ނުބެޔަސް އޯކޭވިއްޔާ ނުފުރާ ފަޅުގައި އޮޑިއަޅައިގެން ތިބިމައި އޮޑިހަލާކެއްނުވާނެ ތެލެއްވެސް ނުދާނެ

    13
    4
  3. ދަންސޫރަ

    ކޯޗް ވަ ރަށްމޮޅު ނެތްފެންވަ ރެއް ނުނެ ރެވޭނެ

    8
    3
  4. ކާސިމް

    މި ކޯޗް މޮޅީ ގުރު ނަގަން

    5
    2
  5. ސޭކުގާތު

    ކޮންމެގޮތެއްވިޔަސް ކަލޭ ކޯޗުކަމުގައި ހުންނަންޖެހޭނެ.

    5
    1