އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި އަރްމޭނިއާގެ މައްޗަށް 9-1ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައި އިޓަލީން ސައްތައިގެ ރެކޯޑަކާއެކު ކޮލިފައިންގް ނިންމާލައިފި އެވެ.

އިޓަލީގެ ސްޓޭޑިއޯ ރެންޒޯ ބާބެރާގައި ކުޅުނު ގްރޫޕް ޖޭގެ ފަހު މެޗުގައި އިޓަލީން އަރްމޭނިއާ ބަލިކުރިއިރު އެގައުމުން ވަނީ ކޮލިފައިންގައި ކުޅުނު ދިހަ މެޗު ވެސް ކާމިޔާބުކޮށްފައެވެ. މިއީ އިޓަލީގެ ފުޓްބޯޅައިގެ ތާރީހުގައި ހުރިހާ މެޗަކުން މޮޅުވެގެން އެޓީމުން ޔޫރޯ ކޮލިފައިން އެއް ނިންމާލި ފުރަތަމަ ފަހަރެވެ. ކޮލިފައިންގައި އިޓަލީން މުޅިއެކު 37 ލަނޑު ޖެހިއިރު ބައިކޮޅަށް ވަދެފައިވަނީ އެންމެ ހަތަރު ލަނޑެވެ.

ރޭގެ މެޗުގައި އިޓަލީގެ ތަފާތު ހަތް ކުޅުންތެރިއަކު ވަނީ ލަނޑު ޖަހައިފައެވެ. އެ ކުޅުންތެރިންނަކީ ސީރޯ އިމޮބައިލް، ނިކޮލޯ ޒަނިއޯލޯ، ނިކޮލޯ ބަރެއްލާ، އަލެސިއޯ ރޮމަގްނޮލީ، ޖޮގީނިއޯ އަދި ފެޑެރީކޯ ކިއޭސާގެ އިތުރުން ރިކާޑޯ އޮރްސޯލިނީ އެވެ. މި މެޗުގައި އަރްމޭނިއާ އިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޑުގާ ބަބަޔާން އެވެ.

މި މޮޅާއެކު އިޓަލީން ކޮލިފައިން ނިންމާލީ ދިހަ މެޗުން ލިބުނު 30 ޕޮއިންޓާއެކު ގްރޫޕް ޖޭގެ އެއްވަނައިގައި އޮވެއެވެ. މި ގްރޫޕްގެ ދެވަނަ ހޯދައިގެން ޔޫރޯ އިން ޖާގަ ހޯދީ ދިހަ މެޗުން 18 ޕޮއިންޓް ހަމަކުރި ފިންލޭންޑެވެ. ގްރޫޕްގެ ތިންވަނައިގައި 14 ޕޮއިންޓާއެކު ގްރީސް އޮތްއިރު ހަތަރުވަނައިގައި އޮތީ 13 ޕޮއިންޓާއެކު ބޮސްނިއާ އެވެ. 10 ޕޮއިންޓް ލިބިގެން އަރްމޭނިއާ ފަސްވަނައިގައި އޮތްއިރު ފުލުގައި އޮތީ 2 ޕޮއިންޓާއެކު ލީޗްޓެންސެން އެވެ.

ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ އިޓަލީ އަކީ ޔޫރަޕްގެ ފުޓްބޯޅައިގައިވެސް ގަދަ ބާރެކެވެ. 1968 ވަނަ އަހަރު ޔޫރޯގެ ތަށި ކާމިޔާބުކުރުމަށްފަހު އެގައުމުން ވަނީ 2012 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ވާދަކޮށްފައެވެ. އެފަހަރު ރިހި މެޑަލް ހޯދި ނަމަވެސް އޭގެ ފަހުން ބޮޑު މުބާރާތެއްގައި އިޓަލީ އަށް އެހާ ރަނގަޅު ނަތީޖާތަކެއް މިހާތަނަށް ނެރެވިފައިނުވެއެވެ. 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ލަދުވެތިގޮތަކަށް ކަޓައިގެން ދިޔައިރު 2016 ވަނަ އަހަރުގެ ޔޫރޯ އަށް އިޓަލީން ކުރި ދަތުރު ނިމިގެންދިޔައީ ކުއާޓާ ފައިނަލުންނެވެ.

މީގެ އިތުރުން ރަޝިއާގައި މިދިޔަ އަހަރު އޮތް ވޯލްޑް ކަޕްގަައި އިޓަލީ ވާދަކޮށްފައިނުވާއިރު އެގައުމުގެ ފުޓްބޯޅަ ހަމައަކަށް އެޅިގެންދިޔައީ ރޮބާޓޯ މަންޗިނީ އިޓަލީގެ ގައުމީ ޓީމާއި ހަވާލުވި ހިސާބުންނެވެ. މީގެ 18 މަސް ކުރިން މަންޗިނީ އިޓަލީގެ ކޯޗު ކަމާއި ހަވާލުވި ފަހުން އެގައުމު މިހާތަނަށް ކުޅުނު 20 މެޗުގެ ތެރެއިން 14 މެޗުން ވަނީ މޮޅުވެފައެވެ. ޔޫރޯ ކޮލިފައިންގައިވެސް އިޓަލީ ވަރުގަދަކޮށް ފެނިގެންދިޔައިރު ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާގޮތުން އިޓަލީ އަކީ އަންނަ އަހަރު ޔޫރޯގެ ތައްޓަށް އެންމެ ކައިރިން ވާދަކުރާނެ އެއް ޓީމެވެ.