ކެޕްޓަން ލިއޮނެލް މެސީ ފަހު ވަގުތު ކާމިޔާބުކުރި ލަނޑުން އާޖެންޓީނާ އިން ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗެއްގައި އަވައްޓެރި އުރުގުއޭއާ އެއްވަރުކޮށްފިއެވެ.

ރަހުމަތްތެރިކަމުގެ މެޗެއްގައި އިޒްރޭލުގައި ދެކުނު އެމެރިކާގެ ފުޓްބޯޅައިގެ ގަދަ ދެބާރުގެ ގޮތުގައި އަބަދުވެސް ފާހަގަކުރެވޭ އާޖެންޓީނާ އާއި އުރުގުއޭ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނީ 2-2 އިންނެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ އުރުގުއޭ އިންނެވެ. ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަށް ކުޅެމުން އަންނަ ފޯވަޑް އެޑިންސަން ކަވާނީ ގައުމީ ޓީމަށް ޖަހައިދިން 50 ވަނަ ލަނޑުން ލީޑުގައި އޮވެ އުރުގުއޭ އިން ފުރަތަމަ ހާފު ނިންމާލި ނަމަވެސް މެންޗެސްޓާ ސިޓީގެ ފޯވަޑް ސާޖިއޯ އަގުއެރޯ ވަނީ ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި ލަނޑެއް ޖަހައި އާޖެންޓީނާ އަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

މެޗުގައި އުރުގުއޭ އަށް ދެވަނަ ފަހަރަށް ކުރި ލިބުނީ 69 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ބާސެލޯނާގެ ފޯވަޑް ލުއިސް ސުއަރޭޒް ކާމިޔާބުކުރި ލަނޑުންނެވެ. އެ ނަތީޖާގައި އޮވެ މެޗު ނިމެމުން ދަނިކޮށް މެސީ އާޖެންޓީނާ ސަލާމަތްކޮށްދިނީ ފަހު ވަގުތު ލިބުނު ޕެނަލްޓީ އަކުންނެވެ.

ރޭގެ މެޗުގައި މެސީ ކާމިޔާބުކުރި ލަނޑަކީ ގައުމީ ޓީމަށް އޭނާ ޖަހައިދިން 70 ވަނަ ލަނޑެވެ. މި ލަނޑާއެކު މެސީ ވަނީ ދެކުނު އެމެރިކާ ސަރަހައްދުގެ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިގެން ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭ ހަދާފައިވާ ރެކޯޑާއި ހަތް ލަނޑަށް ކައިރިކޮށްފައެވެ. ޕެލޭ ވަނީ ބްރެޒިލް ޖާޒީގައި އޭނާ ކުޅުނު 92 މެޗުގައި 77 ލަނޑު ކާމިޔާބުކޮށްފައެވެ.

މިއަހަރުގެ ޖޫން މަހު އޮތް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ވާދަވެރި ބްރެޒިލް އަތުން ބަލިވި މެޗައްފަހު އާޖެންޓީނާ އިން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ބްރެޒިލް މެޗައްފަހު އާޖެންޓީނާ މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން އެޓީމް ބަލިވެފައި ނުވާއިރު މީގެ ދެ ދުވަސް ކުރިން އެޓީމުން ވަނީ ރަހުމަތްތެރިކަމުގެ މެޗެއްގައި އެގައުމުގެ ފުޓްބޯޅައިގެ އެންމެ ބޮޑު ވާދަވެރިޔާ ކަމަށްވާ ބްރެޒިލް ބަލިކޮށްފައެވެ. އެ މެޗުގައިވެސް އާޖެންޓީނާ އަށް ލަނޑު ޖަހައިދިނީ މެސީ އެވެ.

ޒުވާން ކުޅުންތެރިންތަކަކާއެކު އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ދައްކަމުން އަންނަ ކުރިއެރުމަށް ގިނަބައެއްގެ ސަމާލުކަން ހުއްޓިފައިވާއިރު އެޓީމުން ދެން ކުރިމަތިލާނީ އަންނަ އަހަރުގެ މާޗް މަހު ފެށުމަށް ހަމަޖެހިފައިވާ ދެކުނު އެމެރިކާ ސަރަހައްދުގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކާއެވެ.