ރާއްޖެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މެޗުގައި ގައުމީ ފުޓްބޯޅަ ޓީމުން ވޯލްޑް ކަޕް/އޭޝިއަން ކަޕް ކޮލިފައިންގައި ގުއާމްގެ މައްޗަށް މުހިއްމު މޮޅެއް ހޯދައިފި އެވެ.

2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕާއި 2023 ވަނަ އަހަރު ޗައިނާގައި ބާއްވާ އޭޝިއަން ކަޕްގެ ކޮލިފައިންގައި ރާއްޖޭން މިއަހަރު ކުޅުމަށް ހަމަޖެހިފައިވާ ފަހު މެޗުގައި މިއަދު ހަވީރު މާލޭގައި ގުއާމާ ވާދަކޮށް މޮޅުވީ 3-1އިންނެވެ. ކޮލިފައިންގައި ރާއްޖޭން މިހާތަނަށް ފަސް މެޗު ކުޅެފައިވާއިރު މޮޅުވެފައިވަނީ ވެސް ގުއާމާ ވާދަކުރި ދެ މެޗުންނެވެ. ގައުމުން ބޭރުގައި ކުޅުނު މެޗު ރާއްޖޭން ކާމިޔާބުކުރީ 1-0 އިންނެވެ.

މިއަދުގެ މޮޅާއެކު ރާއްޖޭން ވަނީ ހަތަރު މެޗުން ހަ ޕޮއިންޓް ހޯދައިފައެވެ. މި މެޗުން މޮޅުވި ކަމުގައިވިޔަސް ގްރޫޕް ތާވަލުގައި ރާއްޖެ އޮތް ޕޮޒިޝަނަކަށް ބަދަލެއް ނާދެއެވެ. ނަމަވެސް ގްރޫޕްގެ ތިންވަނައިގައި އޮތް ފިލިޕީންސް އާއި ދެމެދު އޮތް ޕޮއިންޓްގެ ފަރަގު ވަނީ އެއް ޕޮއިންޓަށް ކުޑަވެފައެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެ އާއި ގުއާމް ގަލޮޅު ދަނޑުގައި ބައްދަލު ކުރާ މެޗުގެ ތެރެއިން/ ވަގުތު އިމޭޖަސް : މުހައްމަދު ހައްޔާން

މިއަދުގެ މެޗުގައި ކޯޗު ޕީޓާ ސެގާޓް ވަނީ އަލީ އަޝްފާގް (ދަގަނޑޭ) ޓީމުގެ ފުރަތަމަ އެގާރައިގައި ހިމަނާފައެވެ. ދަގަނޑޭގެ އިތުރުން ހަސަން ނާއިޒް (ދާދު) އާއި އަހުމަދު ރިޒްވާން (ރިޒޭ) އަށް ފުރަތަމަ އެގާރައިން ކޯޗު ވަނީ ފުރުސަތު ދީފައެވެ.

ގުއާމްގައި މިދެޓީމް ވާދަކުރި މެޗުގައިވެސް ފެނިގެންދިޔަ ގޮތަށް މިއަދުގެ މެޗު ޑޮމިނޭޓްކޮށްގެން ކުޅުނީ ރާއްޖެ އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ވެސް ރާއްޖެ އެވެ. ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި އިތުބާރު ފޯވަޑް އަލީ އަޝްފާގު (ދަގަނޑޭ) ނަގައިދިން ކޯނަރަކުން ގުއާމުގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކުރީ ސަމޫހު އަލީ (ސަމުއްޓޭ) އެވެ. ލަނޑު ޖެހިތާ މާގިނައިރެއް ނުވަނީސް ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއެެއްގެ ސަބަބުން އިތުރަށް ކުޅުން ކުރިއަށް ނުގެންދެވިގެން ސަމުއްޓެ ވަނީ ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ ޒުވާން ކުޅުންތެރިއާ ހައިޝަމް އެވެ.

ފުރަތަމަ ހާފުގެ ކުރީކޮޅު ރާއްޖޭގެ އަތުގައި މެޗުގެ ފުލް ކޮންޓްރޯލް އޮތް ނަމަވެސް ގުއާމުން ދިޔައީ މެޗުގެ ތެރެއަށް ވަދެ ރާއްޖެ އަށް ނުރައްކާކުރުމަށް މަސަތްކަތްކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ކުޅުންތެރިންނަށް މެދުތެރޭގައި ބޯޅަ ނުހިފެހެއްޓުމުގެ ފައިދާ ނަގައި ގުއާމުން ކައުންޓާ އެޓޭކްގައި ހަމަލާތަކެއް އުފައްދަން މަސަތްކަތް ކުރި ނަމަވެސް މާއެދެވޭ ހަމަލާއެއް ރާއްޖޭގެ ގޯލަށް އެޓީމަށް ފޮނުވާލެވޭ ގޮތެއް ނުވި އެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެ އާއި ގުއާމް ގަލޮޅު ދަނޑުގައި ބައްދަލު ކުރާ މެޗުގެ ތެރެއިން/ ވަގުތު އިމޭޖަސް : މުހައްމަދު ހައްޔާން

ރާއްޖޭން ދެވަނަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގަ އެވެ. މިއީ ގުއާމް ކުޅުންތެރިޔެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ރާއްޖޭގެ ހައިޝަމް އިދިކޮޅު ޓީމުގެ އަރިމަތިން ހުރަސްކުރި ބޯޅަ ގޯލު ކުރިމަތިން ގުއާމުގެ ޓްރަވިސް ނިކޮލާ ދިފާއުކުރަން އުޅުމުގެ ތެރޭ އޭނާގެ އަތުގައި ޖެހި ގޮސް ވަނީ ގޯލުގެތެރެއަށެވެ.

ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ރާއްޖޭގެ ލީޑް ފުޅާކުރަން ދަގަނޑޭ އަށް ރަނުގެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ. ހާފުގެ މެދުތެރެއިން ދަގަނޑޭ ހޯދި ބޯޅަ ގުއާމްގެ ދެ ކުޅުންތެރިން ކައިރިން ދެމި ގަނެ ކުރިއަށް އަރައި ހަސަން ނާއިޒް (ދާދު) އަށް ދިނުމަށްފަހު އިދިކޮޅު އޭރިއާ ތެރެއަށް ދަގަނޑޭ ހުހަށް އެރިއެވެ. އަލުން އެބޯޅަ ދާދު އަތުން ހޯދައި ދަގަނޑޭ ދޮނުވާލި ނަމަވެސް އެ ހަމަލާ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އޭގެ ކުރިން ރިޒޭ އޭރިއާ ބޭރުން ގުއާމްގެ ގޯލަށް ފޮނުވާލި ބާރު ހަމަލާ ގޯލްކީޕަރު ވަނީ މަތަކޮށްފައެވެ.

ރާއްޖޭން ދެ ލަނޑުގެ ލީޑެއްގައި އޮވެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް ގުއާމުން ވަނީ ދެވަނަ ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. އަރިމަތިން ނެގި ހުރަހެއްގައި ބޮލުން ޖަހައި ގޯލުގެ މަތީ ކަނަށް ވައްދާލައިގެން މި ލަނޑު ގުއާމަށް ޖަހައިދިނީ ޖާޒީ ނަންބަރު 7 ޖޯން މަޓްކިންއެވެ.

ގުއާމުގެ ލަނޑަށްފަހު ރާއްޖޭން އަނެއްކާ ވެސް ތަފާތު ބޮޑުކުރެވޭތޯ މަސައްކަތްކުރަން ފެށިއެވެ. ރާއްޖޭގެ އަތުގައި ކޮންޓްރޯލް އޮތްއިރު ލަނޑެއް ޖެހުމަށް ކުރަމުންދިޔަ މަސަތްކަތުން ލީޑު ފުޅާކުރަން 63 ވަނަ މިނެޓުގައި ރާއްޖެ އަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. އެގޮތުން ހަމްޒާ މުހައްމަދު (ހަމްޕު) ހުސްވެލާފައި ހުރަސްކޮށްދިން ބޯޅަ ފޯވަޑް ރިޒޭ ފޮނުވާލި ނަމަވެސް ކީޕަރު ވަނީ އެ ބޯޅަ މަތަކޮށްފައެވެ.

ދެވަނަ ހާފުގެ ފަހުކޮޅުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރުބަލިކަމުގެ އަސަރުތަކެވެ. ފަހު ވިއްސަކަށް މިނެޓުގައި ރާއްޖެ އަށް ވުރެ ބޮޑަށް ކުޅެމުންދިޔައީ ގުއާމެވެ. އެގޮތުން މެޗު ނިމެން ފަނަރަ ވަރަކަށް މިނެޓު ވެފައި ވަނިކޮށް ގުއާމުން އިތުރު ލަނޑެއް ޖެހުމާއި ކައިރިއަށް ދިޔައެވެ. އެ ޓީމުގެ ޖޯން މަކްޓިން ބޮލުން ފޮނުވާލި ހަމަލާ ކީޕަރު ފައިސަލް ވަނީ ހުޝިޔާރުކަމާއެކު ދިފާއު ކޮށްފައެވެ. އޭގެ އިރުކޮޅެއް ކުރިން ގުއާމުގެ ޖޭސަން ފޮނުވާލި ހިލޭ ޖެހުން ވެސް ފައިސަލް ވަނީ ފަސޭހަކަމާއެކު ދިފާއުކޮށްފަ އެވެ.

ރާއްޖޭގެ ތިން ވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ އިތުރު ވަގުތުގައެވެ. މިއީ ގުއާމް ކީޕަރު ދިފާއުކުރަން ޖެހި ބޯޅަ ދަގަނޑޭގެ ގައިގައި ޖެހި މިސްރާބު ބަދަލުވެގެންގޮސް ވަން ގޯލެކެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ރާއްޖެ އާއި ގުއާމް ގަލޮޅު ދަނޑުގައި ބައްދަލު ކުރާ މެޗުގެ ތެރެއިން/ ވަގުތު އިމޭޖަސް : މުހައްމަދު ހައްޔާން

ކޮލިފައިންގައި ރާއްޖެ އަށް ދެން ބާކީ ދެން އޮތީ ވަރުގަދަ ތިން މެޗެވެ. އެއީ އަންނަ އަހަރުގެ މާޗު މަހު ރަށުން ބޭރުގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި މާލޭގައިސީރިއާއާ ދެކޮޅަށް ކުޅޭ މެޗު އަދި ޖޫން މަހު ރަށުން ބޭރުގައި ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

މިއަދުގެ މެޗު ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ފަތުރުވެރި ކަމާއިބެހޭ ވަޒީރު އަލީ ވަހީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންތަކެއް ދަނޑަށް ވަޑައިގަތެވެ. މީގެ ކުރިން ފިލިޕީންސް މެޗުގައިވެސް ބައިވެރިވިގޮތަށް މަޖިލިސް މެމްބަރުން މިއަދުދަނޑަށް ވަޑައިގަތީ މަޖިލީހުގެއިދާރާ އިން ފެށިގެން، ރައީސް ނަޝީދު އިސްކޮށް ހުންނަވައި ބެރު ޖަހައި ދުންމާރި ފުމެމުން ފައި މަގުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަލީ

    މަރުހަބާ

    24
    1
  2. އަޝްފާ

    ފިލިޕީންސް އަތުންވެސް މޮޅުވީން ދަގަނޑޭ،ދާދު،ރިޒޭ އެރުވިނަމަ.ކުރިއަށް އޮތް ތިން މެޗުގަވެސް ތި ކުޅުން ފެންނާނެ ކަމަށް އުންމީދުކުރަންް.ކާމިޔާބަށް އެދެން?

    7
    1
  3. މީހާ

    މަރުހަބާ ގައުމީޓީމް

    5
    1
  4. ޫނނ

    މަރުހަބާ