ލިޓަސް ބެޑްމިންޓަން އެސޯސިއޭޝަން ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގެ އިންޑިވިޖުއަލް ސެމީފައިނަލް މެޗުތައް ނިމި އެކެޓެގަރީތަކުގެ ފައިނަލުގެ ޖާގަތައް ކަށަވަރުވެއްޖެ އެވެ.

މިއަދު ކުޅުނު ފިރިހެން ސިންގަލްސް ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ރިވައިވަލް ސްޕޯޓްސްގެ ދެ ކުޅުންތެރިން ކަމަށްވާ ހުސެއިން ޒަޔާން ޒަކީ އާއި އަހުމަދު ތޯއިފް މުހައްމަދެވެ. ސެމީ ފައިނަލުން ޒަޔާން ފުރުސަތު ހޯދީ އިއްޔެ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި އަހުމަދު ހާދިދު އަތުން ފަސޭހަކަމާއެކު 21-10، 21-10 އިން މޮޅުވެގެންނެވެ. ތޯއިފް ކުއާޓާ ފައިނަލުގައި މޮޅުވީ ހަޒްމާ އަބްދުލް ރަހުމާން އަތުން 21-05، 21-08 އިންނެވެ.

މިއަދުގެ ސެމީ ފައިނަލް މެޗު ކާމިޔާބުކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ޒަޔާން އެވެ. ޒަޔާން މެޗު ކާމިޔާބުކުރީ ސީދާ ދެސެޓުންނެވެ. އޭނާ ސެޓުތައް ގެންދިޔައީ 21-10 އަދި 21-11 އިންނެވެ.

މިއަދު ކުޅުނު ފިރިހެން ސިންގަލްސް ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރީ ނިބާލް އަހުމަދު އާއި މުހައްމަދު އާކިފްއެވެ. ކުއާޓާގައި ނިބާލް މޮޅުވީ މުހައްމަދު ރަފާހު އާއި ވާދަކޮށް 21-14، 21-08 އިންނެވެ. އަދި އާކިފް ވަނީ ކުއާޓާގައި ދުގާނާ ރަލަލާގޭ އަތުން 21-05، 21-15 އިން މޮޅުވެފަ އެވެ.

ސެމީގައި ނިބާލް އާއި އާކިފްގެ ކުރިމަތިލުން ސީދާ ދެސެޓުން ކާމިޔާބުކުރީ ނިބާލް އެވެ. މިދިޔަ މަހު އޮތް ގައުމީ ބެޑްމިންޓަން މުބާރާތުގެ ފައިނަލުގައި ވެސް ވާދަކުރި ނިބާލް މިއަދުގެ މެޗުގެ ސެޓުތައް ގެންދިޔައީ 21-11 އަދި 22-20 އިންނެވެ.

މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓުގެ ސެމީގެ ފުރަތަމަ މެޗުގައި ގައުމީ ޗެމްޕިއަން ފާތިމަތު ނަބާހާ އަބްދުއްރައްޒާގް ވަނީ ސީދާ ދެސެޓުން އާމިނަތު ޝަހުރުނާޒް ބަލިކޮށް ފައިނަލުން ޖާގަ ހޯދައިފައެވެ. ނަބާހާ ސެޓުތައް ގެންދިޔައީ 21-13 އަދި 21-11 އިންނެވެ.

އަންހެން ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ފޯރިގަދަ ކުޅުމަކަށްފަހު ނީލާ ނަޖީބް ވަނީ އާމިނަތު ނަބީހާ އަބްދުއްރައްޒާގުގެ މައްޗަށް ދެ ސެޓު އެއް ސެޓުން ކުރިހޯދައިފައެވެ. ނީލާ މެޗުގެ ފުރަތަމަ ސެޓު 21-16 އިން ގެންދިޔަ ނަމަވެސް ނަބީހާ ވަނީ އިތުރު ހިތްވަރެއް ލައި ދެވަނަ ސެޓު 21-11 އިން ގެންގޮސްފައެވެ. ފަހު ސެޓުގައި ދެކުޅުންތެރިންގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިސެޓު ނީލާ ކާމިޔާބުކުރީ 21-17 އިންނެވެ.

ބެޑްމިންޓަން އެސޯސިއޭޝަން ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕް އަކީ މި ނަމުގައި އަލަށް ފެށި މުބާރާތެކެވެ. މީގެ ކުރިން އެސޯސިއޭޝަން ކަޕްގެ ނަމުގައި ވެސް މުބާރާތެއް ބޭއްވި އެވެ. ބެޑްމިންޓަން ޕްރެޒިޑެންޓްސް ޗެމްޕިއަންޝިޕްގައި ހަމައެކަނި ކުރިއަށްދަނީ އޯޕަން ޑްރޯގެ މެޗުތަކެވެ.