ވޯލްޑް ކަޕް/އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި މިއަދު 3-1 އިން ގުއާމް އަތުން މޮޅުވި މެޗުގެ ފުރިހަމަ ވަގުތު ހަމަވަންދެން އިތުބާރު ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) އަށް ދަނޑުމަތިން ފުރުސަތު ދިނީ އޭނާގެ މައްޗަށް އޮތް އިތުބާރެއްގެ ބޮޑުކަމުން ކަމަށާއި ދަގަނޑޭގެ ތަޖުރިބާ މިއަދުގެ މެޗުގައި ޓީމަށް ލިބިގެން ހިނގައްޖެކަމަށް ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.

ކޮލިފައިންގައި މިއަދު މާލޭގައި ކުޅުނު މެޗު ރާއްޖޭން ކާމިޔާބުކުރީ 3-1 އިންނެވެ. ސަމޫހު އަލީ (ސަމުއްޓެ) ކާމިޔާބުކުރި ލަނޑާއި ގުއާމްގެ ޓްރަވިސް ނިކްލޯއަތުން ބައިކޮޅަށް ވަން ލަނޑާއެކު ރާއްޖޭން ދެ ލަނޑުގެ ލީޑަކާ އެކު ފުރަތަމަ ހާފު ނިންމާލިއިރު، ގުއާމުން ފަރަގު ކުޑަކުރި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގެ ކުރީކޮޅު ފޯވަޑް ޖޯން މެޓްކިން އެވެ. މި ފަހަރުގެ ކޮލިފައިންގައި ރާއްޖެ އަށް ދެ ވަނަ މޮޅު ކަށަވަރުވީ އިތުރު ވަގުތުގައި ދަގަނޑޭ ވައްދާލި ލަނޑުންނެވެ. ކޮލިފައިންގައި ރާއްޖޭން ހޯދި ދެމޮޅު ވެސް ހޯދައިފައިވަނީ ގުއާމް އަތުންކަން ފާހަގަކޮށްލެވެ އެވެ. ގައުމުން ބޭރުގައި ގުއާމް އަތުން ރާއްޖެ މޮޅުވީ 1-0 އިންނެވެ.

މިއަދުގެ މެޗަށްފަހު ވާހަކަދައްކަމުން ސެގާޓް ބުނީ އަޝްފާގަށް ފުރަތަމަ ހާފުގައި ލަނޑު ޖަހަން ލިބުނު ރަނުގެ ފުރުސަތު ބޭކާރުވި ނަމަވެސް އޭނާގެ ފަރާތުން އޭގެ ބަދަލު ފެންނާނެކަމުގެ އިތުބާރު އޮތް ކަމަށެވެ.

“ ފުރަތަމަ ހާފުގައި ލަނޑު ޖަހަން ލިބުނު ފުރުސަތު އޭނާ އަތުން ގެއްލުމުން އަހަރެން ހާފް ޓައިމްގައި އަޝްފާގު ގާތުގައި ބުނިން އަހަރެންގެ އިތުބާރު އޭނާ އަށް އެބައޮތް ކަމަށް. ކޮލިފައިންގެ މިހާ ހިސާބުން ކޮންމެ ލަނޑަކީވެސް މުހިއްމު ލަނޑެއް. ފުރަތަމަ ކޮޅު އެ ލަނޑު ޖެހުނުނަމަ ހަގީގަތުގައި މިއީ އަހަރެމެން 5-0 ނޫނީ 6-0 އިން މޮޅުވާނެ މެޗެއް. ތާވަލުގެ މައްޗަށް އަރަން ބޭނުންނަމަ ލަނޑަކީ މިވަގުތު ވަރަށްވެސް އަގުހުރި އެއްޗެއް. މިއަދުގެ މެޗު ނިމެންދެން އަޝްފާގު ދަނޑުމަތީގައި ބެހެއްޓީ އަހަރެމެންނަށް އޭނަގެ ތަޖުރިބާ ވެސް މުހިއްމުވީމަ. އޭނާ ދެވަނަ ހާފުގައި ލަނޑު ޖަހާނެކަމުގެ އިތުބާރު އޮތް، “ ސެގާޓް ބުންޏެވެ.

ދޮޅު އަހަރު ވަންދެން ދަގަނޑޭ ގައުމީ ޓީމުން ބާކީކޮށްފައި ބެހެއްޓުމަށްފަހު ފަހަކަށް އައިސް ގައުމީ ޓީމުން އޭނާ އަށް ސެގާޓް އަންނަނީ ފުރުސަތު ދެމުންނެވެ. ޗައިނާ އަތުން މާލޭގައި ރާއްޖެ ބަލިވި މެޗުގެ ފުރަތަމަ އެގާރައިން ދަގަނޑޭ އަށް ކޯޗު ފުރުސަތުދިން އިރު ކޮލިފައިންގައި ސީރިއާއާ ވާދަކުރި މެޗުގައި ދަގަނޑޭ ވަނީ ދެވަނަ ހާފުގައި ކުޅެން އަރާ އެގައުމު ކޮޅަށް ލަނޑު ވެސް ޖަހައިފަ އެވެ.

އޭގެ ފަހުން މިދިޔަ ބުރާސްފަތި ދުވަހު ފިިލިޕީންސް ކޮޅަށް ނާއިޒު ހަސަން (ދާދު) ލަނޑު ޖެހީ ވެސަ ދެވަނަ ހާފުގައި ކުޅެން ނުކުތް ދަގަނޑޭ ދިން ބޯޅައަކުންނެވެ. އަދި މިއަދު ސަމުއްޓެ ރާއްޖެ އަށް ލީޑު ނަގައިދިނީ ދަގަނޑޭ ނެގި ކޯނަރަކުންނެވެ. މިއަދުގެ މެޗުގެ ފަހު ވަގުތުގައި ދަގަނޑޭ ކާމިޔާބު ކުރި ލަނޑަކީ ދެ އަހަރު ތެރޭ ގައުމީ ޖާޒީގައި އަމިއްލަ ދަނޑުގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ.

ސެގާޓް ބުނީ ގުއާމް އަތުން ރާއްޖެ މޮޅުވުމާ އެކު ހުރިހާ ކަމެއް ބަދަލުވެއްޖެ ކަމަށާއި އެންމެ ފަހުން ކުޅުނު މެޗުތަކުގައި ނަސީބު އެހީނުވުމުގެ ސަބަބުން ބޭނުންވި ނަތީޖާ އެއް ނުނެރެވުނު ނަމަވެސް މިއަދުގެ މޮޅާއެކު އަނެއްކާވެސް އުއްމީދުއާ ވެގެން ގޮސްފި ކަމަށް ބުންޏެވެ.

މިއަދުގެ މޮޅާއެކު ރާއްޖޭން ވަނީ ހަތަރު މެޗުން ހަ ޕޮއިންޓް ހޯދައިފައެވެ. މި މެޗުން މޮޅުވި ކަމުގައިވިޔަސް ގްރޫޕް ތާވަލުގައި ރާއްޖެ އޮތް ޕޮޒިޝަނަކަށް ބަދަލެއް ނާދެއެވެ. ނަމަވެސް ގްރޫޕްގެ ތިންވަނައިގައި އޮތް ފިލިޕީންސް އާއި ދެމެދު އޮތް ޕޮއިންޓްގެ ފަރަގު ވަނީ އެއް ޕޮއިންޓަށް ކުޑަވެފައެވެ. އެކަމަކު މިރޭ ސީރިއާއާ ދެކޮޅަށް ކުޅޭ މެޗަށް ފަހު ތަފާތު ބޮޑުކޮށްލަން އެ ޓީމަށް ފުރުސަތު އެބައޮތެވެ. އެއް ވަނައިގައި 12 ޕޮއިންޓާ އެކު ސީރިއާ އޮތްއިރު ދެ ވަނައިގައި ހަތް ޕޮއިންޓާއެކު އޮތީ ޗައިނާ އެވެ.

ކޮލިފައިންގައި ރާއްޖެ އަށް ދެން ބާކީ ދެން އޮތީ ވަރުގަދަ ތިން މެޗެވެ. އެއީ އަންނަ އަހަރުގެ މާޗު މަހު ރަށުން ބޭރުގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއިމާލޭގައިސީރިއާއާ ދެކޮޅަށް ކުޅޭ މެޗު އަދި ޖޫން މަހު ރަށުން ބޭރުގައި ފިލިޕީންސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޤަޢުމީލޭ

    ބަލަ މޮޔަ ގަނޑު އަހަރެމެންނައް އިނގޭ ކުރިންވެސް ދަގޭ ލަނޑު ޖަހާނެކަން ކަލެއައް ނޭނގުނަސް ކަލޭގެ ސަބަބުން ޤަޢުމީ ޓީމް ގަ ދަގޭގެ އަސްލު ކުޅުން ނުދެއްކުނީ ދޮޅު އަހަރު ޓީމުުން ބާކީ ކޮއްފަ ހުރުމުން އެހެން ނޫންނަމަ ދަގޭގެެ މޮޅު ކުޅުން މިއަދަކު އެއް ނޫން ފެންނާނީ

    34
    4
  2. ދެން

    އަނގައިން ދެރަނުވާތި. އަދިވެސް ހަމަ ދަގޭ ވަރެއްނެތް

    33
    3
  3. ސުޕުން

    މިއަދުގެ މެޗު ނިމެންދެން އަޝްފާގުދަނޑުމަތީގައި ބެހެއްޓީ އަހަރެމެންނަށް އޭނަގެތަޖުރިބާ ވެސް މުހިއްމުވީމަ. ދެން ކީވެތޯ ސީރިޔާ މެޗް އަދި ފިލިޕީންސް މެޗް ގަ ނޭރުވީ ، ކަލީ ރިސްވަތު ނެގީ އެދެމެޗް ގަ 

    25
    3
  4. ބޯހަލާކު

    ފޯމުގަ ހުއްޓާވެސް ދޮޅުއަހަރު ވަންދެން ޓީމަށް ނުނަގާ ބަހައްޓާފަ ޓީމުގަ ހިމަނާފަވެސް ބެންޗުގަ ބޭންދީ ލަނޑު ނުޖަހަފާނެތީ ބިރުންތަ؟ ޕިލިޕީންސް މެޗުގަ ކޯޗު އަމިއްލައަށް ހެދި ގޯސްތައް ގަބޫލު ކުރަންތަ؟ އާ.......ސުކުރިއްޔާ!

    28
    4
  5. ނަޒީހު

    ދަގަނޑޭ އިރެއްގައި މޮޅަކަސް މިހާރު ހަމަ އެއްގޮތަކަށްވެސް ނުކުޅެވޭ. އިއްޔެގެ މެޗުގައި އޭނާ ލަނޑުޖެހީކީ ނޫން، އޭނާގެ ގައިގަޖެހިފަ ރީބައުންސް ބޯޅަގޮސް ގޯލަށް ވަނީ. އަޒުމީން ވެސް ހީވަނީ ރާކަނިމަސް ކައިގެން އުޅޭހެން. އެ އަނގަ މައިތިރިކޮށްނުލާ ވިއްޔަ. އެއަށްވުރެ މޮޅުމީހަކު ހަމަ ނެތީބާވައޭ ހިތައް އަރަނީ. ފުޓްބޯޅައިން ރާއްޖެ ދަނީ ދުވަހަކަށްފަހު ދުވަހެއް ދަށަށް. ވަރަށް ސަލާން

    11
    22
    • ކ

      ކަލޭ ދާންވީނު ގައުމީ ޓީމައް ކުޅެން

      2
      1
  6. ހަގީގަތް

    ދަނގޭ އަކީ ތަފާތު ހުނަރު ހުރި ކުޅުންތެރިއެއް.... މިއީ ހަގީގަތް.... ގަބޫލު ކުރަން އެބަ ޖެހޭ....

    16