ކުޅިވަރުގެ ދާއިރާ އިން ފާހަގަ ކުރެވޭ ކާމިޔާބީތައް ހާސިލް ކުރާ ކުުދިންނަށް ސަރުކާރުން ދޭ އެވޯޑެއް ކަމުގައިވާ ކަލަރސް އެވޯޑް 224 ކުއްޖަކަށް ދީފިއެވެ.

މި އެވާރޑް ދީފައިވަނީ ރޭ ހުރަވީ ސްކޫލްގައި މިކަމަށްޓަކައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައެވެ.

ކަލަރސް އެވޯޑަކީ ރާއްޖޭގެ ސްކޫލްތަކުގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުން، ދިރާސީ އަހަރުގެ ތެރޭގައި ވާދަކުރާ އެކިއެކި ކުޅިވަރުތަކުން ހޯދާފައިވާ ރަންވަނަތައް ޤައުމީ ފެންވަރެއްގައި ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ތަޢާރަފުކޮށްފައިވާ އެވޯޑެކެވެ.

މި އެވާރޑަށް މި އަހަރު 31 ސްކޫލަކުން 500 އެޕްލިކޭޝަން ފޯމު ހުށައަޅައިފައި ވާއިރު އެވާރޑަށް ލައިފައިވާ 15 ސްކޫލްއަކީ ރާއްޖެތެރޭގެ ރަށްރަށަށް ނިސްބަތްވާ ސްކޫލްތަކެވެ. ބާކީ 16 ސްކޫލަކީ މާލެއަށާއި ހުޅުމާލެއަށް ނިސްބަތްވާ ސްކޫލްތަކެވެ.

ކަލާރސް އެވޯޑު 2018 ގައި ޖުމުލަ 14 ކުޅިވަރަކުން އެވޯޑު ދެވުނެވެ. އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބާސްކެޓް، ބައިކް، ކެރަމް، ޗެސް، ކުރިކެޓް، ފުޓްބޯޅަ، ހޭންޑްބޯޅަ، ނެޓްބޯޅަ، ސްވިމިންގ، ޓޭބަލްޓެނިސް، ޓެނިސް، އަދި ވޮލީބޯޅައެވެ.

ގައުމީ ފެންވަރުގައި ދެވޭ ރަންވަނަތަކަށް ދެވޭ މި އެވޯޑް ޖުމުލަ 224 ފަރާތަކަށް މި އަހަރު ދެވުނު އިރު 34 އެވާރޑް ދެވިފައި ވަނީ ސްޕެޝަލް އެވޯޑްގެ ރޮނގުންނެވެ. އަދި ރަނަރސްއަޕް ކައިޓީރިޔާއިން 85 އެވާރޑް ދީފައި ވާއިރު ބާކީ ދިން 101 އެވޯޑަކީ ވިނާރސް އެވޯޑުގެ އިތުރުން މިނިސްޓަރގެ ޚާއްޞަ އެވޯޑާއި އައުޓްސްޓޭޑިންގ އެތުލީޓުންނަށް ދެވޭ އެވޯޑެވެ.

އައުޓްސްޓޭޑިންގ އެތުލީޓުންނަށް ދެވޭ އެވާރޑް 3 ކުއްޖަކަށް ލިބިފައިވެއެވެ. އެކުދިންނަކީ

  • އައިޝާތު ހިމްނާ ޙަސަން، އައްޑޫ ހައި ސްކޫލް - އެތުލެޓިކްސް
  • ނިބާލް އަޙްމަދު، އިމާދުއްދީން ސްކޫލް – ބެޑްމިންޓަން
  • އައިޝަތު ރަފާ ނާޒިމް، އިސްކަންދަރު ސްކޫލް – ޓޭބަލްޓެނިސް

މިކުދިންގެ އިތުރުން ޓޭބަލް ޓެނިސްއިން ރާއްޖެއަށް ފަހުރުވެރި އެއްވަނަ ހޯދައިފައިވާ ފާތިމަތު ދީމާއަށް ވަނީ މިނިސްޓަރގެ ހާއްސަ އެވޯޑް ދީފައެވެ.

އަދި " ކަލަރސް އެވޯޑް ވިނަރ 2018 " ލިބިފައި ވަނީ އައްޑޫ ހައި ސްކޫލްގެ އައިޝާތު ހިމްނާ ޙަސަން އަށްކަން ފާހަގަކޮށްލެވެއެވެ.