ސްރީލަންކާގެ ކޮލަމްބޯގައި މިއަންނަ މަހު 06-05 އަށް ބާއްވަން ހަމަޖެހިފައިވާ ސައުތް އޭޝިޔަން ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކުރާ ދިވެހި އެތްލީޓުން ކަނޑައަޅައިފިއެވެ.

މި މުބާރާތުގައި ރާއްޖެއިން ވާދަކުރާނީ ޖުމްލަ 8 ބައިވެރިންނެވެ. އެއީ 5 ފިރިހެން ބައިވެރިންނާއި 3 އަންހެން ބައިވެރިންނެވެ. މިޓީމުގެ ލީޑަރުންނަކީ މުހައްމަދު ޝާހިދާއި ޔަސްމިން އަބްދުﷲ އެވެ. ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވާނީ ހުސޭން ހަލީމް، އަހުމަދު ނިޒާމް އަދި ހުސޭން ރައުހަތު ގުދުރަތުﷲ އެވެ.

އެތްލީޓުންނަށް ބަލާއިރު ނާއިލް މުހައްމަދަކީ ރާއްޖޭގެ ޖޫނިއާ 400 މީޓަރު ދުވުމުގެ ރެކޯޑު ހަދާފައިވާ އެތްލީޓެކެވެ. ނާއިލް ރެކޯޑު ހަދާފައި ވަނީ 400 މީޓަރު 48.18 ސިކުންތުން ޖެހުމައްފަހުގައެވެ.

އިބްރާހިމް އަޝްފާން އަލީ އަކީ ރާއްޖޭގެ ޖޫނިއާ 100 މީޓަރު ދުވުމުގެ ރެކޯޑު ހަދާފައިވާ އެތުލީޓެކެވެ. އަަޝްފާން މި ރެކޯޑު ހަދާފައިވަނީ 11.08 ސިކުންތުން ޖެހުމައްފަހުގައެވެ. އަޝްފާން މުބާރާތުގައި ވާދަކުރާނީ 100,200 މީޓަރު ދުވުމުގައި އަދި 100/400 ގުނަ 4 މީޓަރު ރިލޭގައެވެ.

އަހުމަދު އަލީ އަކީ 2017 ވަނަ އަހަރުގެ މަކިޓާ ޖޫނިއާ މުބާރާތުގައި 400 މީޓަރު ދުވުމުގައި ރަން މެޑަލް ހާސިލު ކޮށްފައެވެ. އަހުމަދު އަލީ ވާދަކުރާނީ 400 މީޓަރު އަދި 100/400 ގުނަ 4 މީޓަރު ރިލޭގައެވެ.

އިބާދުﷲ އާދަމް ފަނަރަ އަހަރުން ދަށުގައި 2017 ވަނަ އަހަރުގެ މައިލޯ އިންޓަ ސްކޫލް އަދި ސަތާރަ އަހަރުން ދަށުގައި މިއަހަރު ބޭއްވުނު މަކިޓާ މުބާރާތުގައި 200 މީޓަރު ދުވުމުގައި ރަން މެޑަލް ހާސިލު ކޮށްފައިވާ ބައިވެރިއެކެވެ. 200މީޓަރު ގެ އިތުރުން އިބާދުﷲ ވާދަކުރާނީ 100/400 ގުނަ 4 މީޓަރު ރިލޭގައެވެ.

ވިޝާން އިބްރާހިމް އަލީ ވަނީ 100 މީޓަރު 11.30 ސިކުންތުން ޖަހާފައެވެ. އޭނާ ބައިވެރި ވާނީ 100 މީޓަރު ދުވުމުގެ އިތުރުން ރިލޭ ގައެވެ.

އަންހެން އެތްލީޓުންނައް ބަލާއިރު އާމިނަތު ޖައިޝާ، އައިޝަތު ހިމްނާ ހަސަން އަދި ސަމްހާ މުހައްމަދު ބައިވެރި ވެއެވެ. 2017 ވަނަ އަހަރުގެ މަކިޓާގައި 800 އަދި 1500 މީޓަރު ދުވުމުގައި ޖައިޝާ ވަނީ ރަން މެޑަލް ހާސިލުކޮށްފައެވެ. މީގެ އިތުރުން އެއަހަރުގެ ގައުމީ މުބާރާތުގައި 800 އަދި 1500 މީޓާރު ދުވުމުގައި ބްރޯންޒް މެޑަލް ހާސިލު ކޮށްފައިވެއެވެ.

ހިމްނާގެ ކާމިޔާބީ ތަކަށް ބަލާއިރު 2017 މައިލޯ އިންޓަ ސްކޫލް އަދި 2018 މަކިޓާގައި 200 އަދި 400 މީޓަރު ދުވުމުގައި ރަން މެޑަލް ވނީ ހާސިލުކޮށްފައެވެ. މުބާރާތުގައި ހިމްނާ ވާދަކުރާނީ 200 އަދި 400 މީޓަރު ދުވުމުގައެވެ.

ސަމްހާ އަކީ 2017 މައިލޯ އިންޓަ ސްކޫލް އަދި 2018 މަކިޓާގައި 1500 އަދި 3000 މީޓަރު ދުވުމުގައި ރަން މެޑަލް ހާސިލުކޮށްފައިވާ އެތްލީޓެކެވެ. ސަމްހާ މުބާރާތުގައި ވާދަކުރާނީވެސް 1500,3000 މީޓަރު ދުވުމުގައެވެ.