އަންނަ ޑިސެމްބަރު މަހުގެ ކުރީކޮޅު ނޭޕާލުގައި އޮންނަ ސައުތް އޭޝިއަން ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމު ޗައިނާގައި ކޭމްޕްކުރުމަށް އެ ގައުމަށް ހިނގައްޖެއެވެ.

ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމް ޗައިނާގައި މިކުރާ ޓްރެއިނިން ކޭމްޕަށްފަހު ސާފް ގޭމްސްއަށް ނޭޕާލަށް ދިއުމަށް ހަމަޖެހިފައިވަނީ ވެސް ސީދާ ޗައިނާއިންނެވެ.

އަންނަ މަހުގެ 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ސާފް ގޭމްސް ފެށެންދެން ޗައިނާގައި ގައުމީ އަންހެން ބާސްކެޓް ޓީމްގެ ފަރިތަކުރުންތައް ޗައިނާގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު ގައުމީ ޓީމް ވަނީ މި މަހުގެ 1 އިން 10 އަށް ތައިލެންޑްގައި ވެސް ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފައެވެ.

ތައިލޭންޑްގައި ކުރިއަށްގެންދިޔަ ތަމްރީންތަކުގެ ތެރެއިން ގައުމީ ޓީމް ވަނީ އެގައުމުގައި ޖުމްލަ 3 މެޗެއް ކުޅެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ތައިލެންޑްގެ ރަންގްސިޓް ޔުނިވާސިޓީގެ މައްޗަށް ކުރިހޯދިއިރު ދެވަނަ މެޗުގައި ތައިލެންޑް ޔުނިވާސިޓީ ޗެމްޕިއަން ސިރްޕަތުމް ޔުނިވާސިޓީ އަތުން ދިވެހި ޓީމް ވަނީ ބަލިވެފައެވެ. އަދި ތިންވަނަ މެޗުގައި ތައިލޭންޑްގެ ގައުމީ އަންހެން ޓީމް އަތުން ވެސް ދިވެހި ޓީމް ވަނީ ބަލިވެފައެވެ.

ޗައިނާއަށް ފުރުމުގެ ކުރިން އަންހެން ބާސްކެޓްބޯޅަ ޓީމުގެ ކޯޗު ސުޕުން ވިމާލް ބުނީ ސާފް ގޭމްސްގެ ހޮސްޓް ނޭޕާލުގެ މޫސުމަށް ހޭނުމަށް ޗައިނާގައި ކުރާ ކޭމްޕަކީ ވަރަށް މުހިއްމު ކޭމްޕަކަށް ވެގެންދާނެ ކަމަށެވެ. ސުޕުން ބުނީ މި ދަތުރުގައި ޗައިނާގެ ތިން ޓީމަކާއެކު ޕްރެކްޓިސް މެޗުތަކެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ގައުމީ އަންހެން ބާސްކެޓްބޯޅަ ޓީމާއެކު ގައުމީ ފިިރިހެން ބާސްކެޓްބޯޅަ ޓީމުވެސް ޗައިނާގައި ކޭމްޕްކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. ފިރިހެން ޓީމް ވަނީ މިިދިޔަ މަހު ސިންގަޕޫރުގައި ވެސް ކޭމްޕް ކޮށްފައެވެ.