ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކޯޗު ކަމަށް އެކްލަބަށް ކުޅެމުން އަންނަ ސެނެގާލްގެ ކުޅުންތެރިއާ ސާދިއޯ މާނޭ ބުނެފިއެވެ.

ލިވަޕޫލްގެ މެގަޒިން އަކަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން އުމުރުން 27 އަހަރުގެ ވިންގާ މާނޭ ބުނީ ފަހަކަށް އައިސް ޔޫރަޕްގައި މޮޅެތި ކޯޗުން އުފެދިފައިވާ ކަމަށާއި ނަމަވެސް ކްލޮޕްއާ ވާދަކުރެވޭ ފެންވަރުގެ ކޯޗަކު މިވަގުތަކު މުޅި ދުނިޔޭގައި ވެސް ނެތް ކަމަށެވެ.

“ޔޫރަޕްގައި ފަހަކަށް އައިސް ވަރަށް މަތީ ފަންތީގެ ކޯޗުންތައް އުފެދިފައި އެބަހުރި. އެކަމަކު ކްލޮޕް އަކީ އެއްވަނަ. އޭނާގެ ހުނަރުވެރިކަން ލިވަޕޫލް ޓީމުން ފަހަކަށް އައިސް ނެރެމުން އަންނަ ނަތީޖާތަކަށް ބަލާލުމުން އަހަރެމެން އެންމެނަށް އެބަ ފެނޭ. ކްލޮޕް އަށް އިނގޭ ކުޅުންތެރިން ގެންގުޅެން. މި ޓީމަށް ދިމާވާ ހުރިހާ މައްސަލަތަކެއް ހައްލު ކުރަން އޭނާ އަށް އިނގޭ. އަހަރެންނަށް އެފެންވަރުގެ ކޯޗަކު މިދުނިޔެއިން މިވަގުތަކު ނެތް ފެންނަން،” މާނޭ ބުންޏެވެ.

މާނޭގެ ތައުރީފް ކްލޮޕަށް އަމާޒުވެފައިވާއިރު 2015 ވަނަ އަހަރު ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން އިނގިރޭސިވިލާތަށް ބަދަލުވުމަށްފަހު ކްލޮޕް ވަނީ މިދިޔަ ހަތަރު ވަރަކަށް އަހަރު ތެރޭގައި ލިވަޕޫލަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އޭނާގެ އިރުޝާދުގެ ދަށުން ލިވަޕޫލުން ވަނީ 2005ގެ ފަހުން ޔޫރަޕްގައި ބޮޑު ތައްޓެއް ފުރަތަމަ ފަހަރަށް މިދިޔަ ސީޒަންގައި ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން އެކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގް ކާމިޔާބުކުރުމަށް ލިވަޕޫލުން ކުރަމުން އަންނަ ބޮޑު ދަތުރުގައި ފަސްބެލުމެއް ނެތި އެޓީމް ކުރިއަށްދާއިރު ލީގުގައި އެންމެ ފަހުން ކުޅުން މެޗުގައި ކްލޮޕް ވަނީ ވާދަވެރިޔާ ގާޑިއޯލާގެ މައްޗަށް 3-1 އިން ކުރިހޯދައި ލީގް ތާވަލުގެ އެންމެ ކުރީގައި އަށް ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ.

ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމް މިފަހަރު ހޯދި ކްލޮޕް ފާހަގަވެފައިވަނީ ޒުވާން ކުޅުންތެރިން ބިނާކޮށް އެ ކުޅުންތެރިން އާދަޔާ ހިލާފަށް މޮޅުކޮށްދޭ ކޯޗެއްގެ ގޮތުގަ އެވެ. ޖަރުމަނުގެ ޑޯޓްމައުންޑްގައި އޭނާ ހޭދަކުރި ދުވަސްވަރުގައި ވެސް އެތައް ޒުވާން ކުދިންނެއް ބުންޑެސްލީގާ އަށް ކްލޮޕް ނެރެދިނެވެ. މިއަދު އެކުޅުންތެރިންނަކީ ދުނިޔޭގެ ނަން މަޝްހޫރު ކްލަބު ތަކުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ގަވާއިދުން ކުޅެމުން އަންނަ މޮޅު ކުޅުންތެރިންނެވެ.

ލިވަޕޫލްގެ ކޯޗުކަމާއި ކްލޮޕް ހަވާލުވުމަށްފަހު އޭނާ އެންމެ ފުރަތަމަ ވެސް ފެށީ އެކްލަބުގެ އެކެޑަމީ ޓީމުގެ ހާލަތު ރަނގަޅުކޮށް ޒުވާން ކުޅުންތެރިން ސީނިއާ ޓީމަށް ނެގުމުގެ މަސަތްކަތެވެ. އެގޮތުން ހަތަރު އަހަރު ދުވަހުގެ ތެރޭގައި މިހާރު މިއޮތް ލިވަޕޫލްގެ ސްކޮޑު ބިނާކުރުމަށްޓަކައި ބޭރުން ކުޅުންތެރިން ގެނައުމުގެ އިތުރަށް ކްލޮޕް ބޭނުން ކޮށްފައި ހުރީ އެކެޑަމީން ސީނިއާ ޓީމަށް ޕްރޮމޯޓް ވެފައިވާ ކުޅުންތެރިންނެވެ.

ޒުވާން ކުޅުންތެރިން ގޮވައިގެން ޔޫރަޕްގެ ބޮޑު މުބާރާތް މިދިޔަ ސީޒަންގައި ކާމިޔާބު ކުރުމަށްފަހު ކްލޮޕްގެ އަމާޒު މިފަހަރު ބޮޑަށް ހުރީ ޕްރިމިއާ ލީގް ތައްޓަށެވެ. 1992 ވަނަ އަހަރު އިނގިރޭސި ލީގް ރިބްރޭންޑްވި ފަހުން މުބާރާތުގެ ތަށި ލިވަޕޫލަށް މިހާތަނަށް ކާމިޔާބުކުރެވިފައި ނުވާއިރު އެކަމަށް ނިމުމެއް ގެނައުމަށްޓަކައި ކްލޮޕްގެ އިރުޝާދުގެ ދަށުން ލިވަޕޫލް ކުރަމުން އަންނަ ދަތުރުގައި ކުރިއަށް އޮތީ ކްރިސްޓަލް ޕަލަސް އާއި ދެކޮޅަށް އެޓީމް ކުޅެން އޮތް މެޗެވެ. އެމެޗަށްފަހު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި އެޓީމް ނުކުންނާނީ އިޓަލީގެ ނަޕޯލީ އާއި ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގަމާރު

    ލިވަޕޫލް އަލަކަށް ނޫން ޕްރިމިއަ ލީގް ނަގަން އުޅެނީ. 18 ފަހަރު ނަގާފައޮތީ މިހާރުވެސް

    6
    2
  2. ފުޓް ބޯޅަ

    ސެގާޓް އަވަހަށް އިސްތިއުފާ ދީފަ ރާއްޖޭގެ ކޯޗް ކަމަށް ޖަރގެން ކްލޮޕް ގެންނަންވީ!

    7
    1