އަންނަ މަހު ނޭޕާލްގައި ފަށާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖެ އިންޑިއާއާއި އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.

ޑިސެމްބަރު 1 ގައި ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާ ސާފް ގޭމްސްގެ ފުޓްބޯޅަ އިވެންޓުގައި ރާއްޖެއާއެކު ގްރޫޕް ބީގައި ދެން ހިމެނޭ ގައުމުތަކަކީ އިންޑިއާގެ އިތުރުން ސްރީލަންކާއެވެ. ގްރޫޕް އޭގައި ހިމެނެނީ ނޭޕާލާއި ބަންގްލަދޭޝް އަދި ބޫޓާނެވެ.

ސައުތު އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުގެ ކުޅުން ފަށަން ތާވަލު ކޮށްފައިވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ. މުބާރާތް ހުޅުވުމުގެ ގޮތުން ކުޅޭ މެޗުގައި ބައްދަލުކުރާނީ ނޭޕާލާއި ބަންގްލަދޭޝް އެވެ. މިފަހަރުގެ މުބާރާތުގައި ޕާކިސްތާނުން ވާދައެއްނުކުރެ އެވެ. އަދި މީގެ ކުރިން ސައުތު އޭޝިއާގެ ފުޓްބޯޅަ އިވެންޓުތަކުގައި ވާދަކުރި އަފްގާނިސްތާން މިހާރު ވަނީ ސެންޓްރަލް އޭޝިއާ ސަރަހައްދަށް ބަދަލުވެފަ އެވެ. އަފްގާނިސްތާނުން މިހާރު ވާދަކުރަނީ ސެންޓްރަލް އޭޝިއަން ގޭމްސްގަ އެވެ.

ސާފް ގޭމްސްގައި ރާއްޖޭގެ ފުޓްބޯޅަ ޓީމް ކުޅޭ ފުރަތަމަ މެޗުގައި ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު ނުކުންނާނީ އިންޑިއާ އާއި ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖުގައި ކުޅޭ ދެވަނަ މެޗުގަައި ސްރީލަންކާއާއި ދެކޮޅަށް ނުކުންނާނީ ޑިސެމްބަރ މަހުގެ ހަަތަރު ވަނަ ދުވަހުއެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލްކުރާނީ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމެވެ. ޒުވާން ޓީމު މުބާރާތުގައި ވާދަކުރިޔަސް ސީނިއާ ތިން ކުޅުންތެރިން ޓީމުގައި ހިމެނުމުގެ ފުރުސަތު ލިބޭނެއެވެ. ފުޓްބޯޅަ އިވެންޓުގައި ވާދަކުރާ ޓީމު އެކުލަވާލުމުގެ މަސައްކަތް އެފްއޭއެމުން މިހާރު އަންނަނީ ކުރަމުންނެވެ. ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު އެންމެ ފަހުން ވާދަކުރީ މިދިޔަ މާޗް މަހުގެ ފަހުކޮޅު ސައުދީ އަރަބިއްޔާގައި ކުރިއަށްދިޔަ އޭއެފްސީ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން ބުރުގަ އެވެ.

ސާފް ގޭމްސްގައި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުވެސް ވާދަކުރާނެއެވެ. އަންހެން އިވެންޓުގެ ކުޅުން ކުރިޔަށްދާނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދަތުރުކުރާގޮތަށެވެ.

އަންހެން ފުޓްބޯޅަ އިވެންޓުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު ނުކުންނާނީ އިންޑިއާ އާއި ދެކޮޅަށެވެ. އަދި ޑިސެމްބަރު މަހުގެ ފަސްވަނަ ދުވަހު ނޭޕާލާއި ދެކޮޅަށް ދިވެހި ޓީމް ނުކުންނައިރު ލީގު ބުރުގެ ފަހު މެޗުގައި ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހު ނުކުންނާނީ އަވައްޓެރި ސްރީލަންކާއާއި ދެކޮޅަށެވެ.

ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމް ވަނީ މި އަހަރު ނޭޕާލުގައި ކުރިއަށްދިޔަ ވިމެންސް ސާފް ޗެމްޕިއަންޝިޕްގައި ވާދަކޮށްފައެވެ. އެ މުބާރާތުގައި ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ވެސް އަންހެން ޓީމު ވަނީ ބަލިވެފަ އެވެ.

2016 ވަނަ އަހަރު އިންޑިއާގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ފުޓްބޯޅަ އިވެންޓުން ރާއްޖޭގެ ޓީމަށް މެޑެއްޔެއް ނުލިބުނެވެ. އެފަހަރު ފިރިހެން ބައިގެ ޗެމްޕިއަންކަން ނޭޕާލް ހޯދިއިރު ރަނަރަޕް ލިބުނީ އިންޑިއާއަށެވެ. އަންހެން ބައިގެ ޗެމްޕިއަންކަން އިންޑިއާއިން ހޯދިއިރު ރަނަރަޕް ޓީމަކީ ނޭޕާލެވެ. އެފަހަރުގެ ފުޓްބޯޅަ އިވެންޓުގައި އަންހެން އަދި ފިރިހެން ތިން ވަނަ ގައުމަކީ ބަންގަލްދޭޝް އެވެ.