ނޭޕާލުގައި އަންނަ މަހުގެ ކުރީކޮޅު އޮންނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ތަމްރީނުތަކަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވެރިރަށް ދުބާއީއަށް ފުރައިފި އެވެ.

އަންހެން ގައުމީ ޓީމު މިއަދު ހެނދުނު ދުބާއީއަށް ފުރިއިރު ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ގޭމްސްގައި ވާދަކުރުމަށް ޓީމް ނޭޕާލަށް ދާނީ ސީދާ ދުބާއީންނެވެ. އަންހެން ފުޓްބޯޅަ ޓީމު މިއަދު ކޭމްޕަށް ފުރީ ތަޖުރިބާކާރު ދެ ކޯޗުން ކަމަށްވާ އިސްމާއީލް އަނިލް އާއި އަހުމަދު ނާޝިދު (ނާދު) އާ އެކު އެވެ. ޓީމުގެ ހެޑް ކޯޗުގެ ގޮތުގައި ނާދު ހަމަޖައްސާފައިވާއިރު އަނިލް ހަމަޖައްސާފައިވަނީ އެސިސްޓެންޓް ކޯޗަށެވެ.

މިފަހަރުގެ ގޭމްސްގެ އަންހެން ފުޓްބޯޅަ އިވެންޓް އޮންނާނީ ނޭޕާލުގެ ޕޮކަރާގަ ސިޓީގަ އެވެ. ފުޓްބޯޅަ އިވެންޓުގައި ބައިވެރިވީ ރާއްޖެ އާއި މުބާރާތް ބާއްވާ ނޭޕާލް އަދި އިންޑިއާގެ އިތުރުން ސްރީ ލަންކާ އެވެ. އަންހެން ފުޓްބޯޅަ މެޗުތައް ޑިސެމްބަރު ތިން ވަނަ ދުވަހު ފަށާއިރު ފައިނަލް މެޗު ކުޅޭނީ ޑިސެމްބަރު ނުވަ ވަނަ ދުވަހު އެވެ. ހަތަރު ގައުމަކުން ވާދަކުރާތީ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ގައުމު ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ޑިސެމްބަރު ތިން ވަނަ ދުވަހު ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ޑިސެމްބަރު ފަސް ވަނަ ދުވަހު ނޭޕާލާ ދެކޮޅަށް ނުކުންނައިރު ލީގު ބުރުގެ ފަހު މެޗުގައި ޑިސެމްބަރު ހަތް ވަނަ ދުވަހު ވާދަކުރާނީ ސްރީ ލަންކާއާ އެވެ. އެންމެ ކުރި ހޯދާ ދެ ޓީމުގެ މެދުގައި ފައިނަލް މެޗު ކުޅޭނީ ޑިސެމްބަރު ނުވަ ވަނަ ދުވަހު އެވެ. 2016 ވަނަ އަހަރު އިންޑިއާގައި އޮތް ސައުތު އޭޝިއަން ގޭމްސްގެ އަންހެން ފުޓްބޯޅަ އިވެންޓުގެ ޗެމްޕިއަންކަން އިންޑިއާ ހޯދިއިރު ރަނަރަޕް ޓީމަކީ ނޭޕާލެވެ.

ރާއްޖޭގެ އަންހެން ޓީމު އެންމެ ފަހުން ވާދަކުރި ބައިނަލްއަގްވާމީ މުބާރާތަކީ މިދިޔަ މާޗް މަހު ނޭޕާލުގެ ބިރާޓްނާގާގައި ކުޅުނު ސާފް ޗެމްޕިއަންޝިޕެވެ. އެމުބާރާތުގައި އިންޑިއާ އާއި ލަންކާއާ ވާދަކޮށް ބަލިވެ ރާއްޖެ ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. ފުރަތަމަ މެޗުގައި އިންޑިއާ އަތުން 6-0 އިން ބަލިވިއިރު ދެވަނަ މެޗުގައި ލަންކާ އަތުން ބަލިވީ 2-0 އިންނެވެ.

ސައުތު އޭޝިއަން ގޭމްސް ރަސްމީކޮށް ފަށާނީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ. އެކަމަކު މި މަހުގެ 27 ވަނަ ދުވަހު ވޮލީބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވާތީ ރާއްޖޭގެ އަންހެން އަދި ފިރިހެން ވޮލީ ޓީމު މާދަމާ ނޭޕާލަށް ދާގޮތަށް ވަނީ ހަމަޖެހިފަ އެވެ.