ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑުން ރެއާލް ސޮސިއެޑާޑްގެ މައްޗަށް ކުރިހޯދައި ލީގް ތާވަލުގެ އެއްވަނައިގައި އޮތް ޗެމްޕިއަން ބާސެލޯނާ އާއި ޕޮއިންޓްގެ ގޮތުން އަރައި ހަމަކޮށްފިއެވެ.

ލަލީގާގައި ރޭ މެޑްރިޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 3-1 އިންނެވެ. މި މޮޅާއެކު މެޑްރިޑަށް ވަނީ ތޭރަ މެޗުން 28 ޕޮއިންޓް ލިބިފައެވެ. ބާސެލޯނާ އަށްވެސް 28 ޕޮއިންޓް ލިބިފައިވާއިރު މިވަގުތު ލަނޑުގެ ތަފާތުން ކުރި ލިބެނީ ބާސާ އަށެވެ. ރޭގެ މޮޅާއެކު މެޑްރިޑުން ވަނީ ހުރިހާ މުބާރާތެއް އެއްކޮށްގެން ބަލިނުވެ ހަ މެޗު ހަމަކޮށްފައެވެ. މިއީ ސީޒަނުގެ ކުރީކޮޅު ނަތީޖާ ނެރުމުގައި ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވި ޒައިނިދީން ޒިދާންގެ ޓީމަށް މިފަހަރުގެ ލީގު ރޭހުގައި ބާކީ އޮތް 25 މެޗުގައި ވާދަވެރި ބާސާ އާއި ވާދަކުރުމަށް ލިބިގެންދާނެ ހިތްވަރެކެވެ.

ސެންޓިއާގޯ ބާނެބެއުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ރެއާލް ސޮސިއެޑާޑުންނެވެ. މެޗު ފެށިގެން ދެވަނަ މިނެޓު ތެރޭ ކެޕްޓަން ސާޖިއޯ ރާމޮސް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު ސޮސިއެޑާޑަށް ޖަހައިދިނީ ވިލިއަން ހޯސޭ އެވެ. ވިލިއަން ވަނީ ބާނެބެއުގައި މިދެޓީމް އެންމެ ފަހުން ވާދަކުރި މެޗުގައި ވެސް ލަނޑު ޖަހައިފައެވެ.

2015 ވަނަ އަހަރު ރެއާލް ސޮސިއެޑާޑުގެ އެލްސްޓުންޑޯ މެޗު ފެށިގެން 38 ވަނަ ސިކުންތުގައި ޖެހި ލަނޑުގެ ފަހުން ރެއާލް މެޑްރިޑް ކޮޅަށް އިދިކޮޅު ޓީމަކުން ޖެހި އެންމެ އަވަސް ލަނޑާއެކު ވިލިއަން ބޭނެބެއު ހަމަހިމޭން ކޮށްލި އިރު ރެއާލް މެޑްރިޑަށް ނަތީޖާ އެއްވަރުކޮށްލެވުނީ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައެވެ. ތަޖުރިބާކާރު މިޑްފީލްޑަރު ލޫކާ މޮޑްރިޗްގެ ފަރާތުން ތަނަވަސްވި ފުރުސަތެއްގައި މި ލަނޑު ކާމިޔާބުކުރީ ކަރިމް ބެންޒެމާ އެވެ. މި ލަނޑާއެކު ބެންޒެމާ ވަނީ މިސީޒަނުގެ ލީގުގައި މިހާތަނަށް ދިހަ ލަނޑު ހަމަކޮށްފައެވެ. ލަލީގާގެ ލަނޑު ލިސްޓުގެ އެންމެ ކުރީގައި މިވަގުތު އޮތީ ބެސް ބެންޒެމާ އެވެ.

1-1 އިން ދެޓީމު އެއްވަރުވެގެން ފުރަތަމަ ހާފު ނިމުނު އިރު މެޑްރިޑުން ލީޑު ނެގީ ދެވަނަ ހާފުގެ ކުރީކޮޅުއެވެ. ސޮޑިއެޑާޑުގެ އޭރިއާ ބޭރުން ފޮނުވާލި ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މި ލަނޑު ޖަހައިދިނީ ފެޑެރީކޯ ވަލްވާޑޭ އެވެ. މެޑްރިޑުން އެޓީމުގެ ލީޑު ފުޅާކުރީ ދެވަނަ ހާފުގެ 74 ވަނަ މިނެޓުގައި މެޗުގައި މޮޗު ކުޅުމެއް ދެއްކި މޮޑްރިޗް ކާމިޔާބުކުރި ލަނޑުންނެވެ.