ލިވަޕޫލްގެ ކޯޗު ޖާޖެން ކްލޮޕް ބުނެފައިވާ ގޮތުގައި އެކްލަބުގައި މިހާރު ވިދަމުން އަންނަ ތަރި މުހައްމަދު ސަލާހު ލިވަޕޫލް ދޫކޮށް ދިޔުމުގެ އެއްވެސް ބިރެއް ނެތެވެ.

ރޯމާ އިން ލިވަޕޫލް އާއި ގުޅުނު ސަލާހުއަކީ މިހާރު މިސީޒަނުގައި 31 މެޗުގައި 29 ގޯލު ކާމިޔާބުކޮށް ޕްރެމިއާ ލީގުގެ އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާއެވެ. އަދި މީގެ އިތުރުން ޗެމްޕިއަންސް ލީގުގެ 10 މެޗުގައި ސަލާހު ކާމިޔާބުކުރި 8 ގޯލަކީ ލިވަޕޫލް ސެމީ ފައިނަލާއި ހަމައަށް ދިޔުމަށް ވަރަށް މުހިންމުވި 8 ގޯލެވެ.

ސަލާހުގެ މޮޅު ކުޅުމުގެ ސަބަބުން ރިއަލް މެޑްރިޑުން ސަލާހު ގެންެދަން އުޅޭކަމުގެ އަޑު ވަނީ ފެތުރިފައެވެ. ނަމަވެސް ކްލޮޕް ބުނަނީ ސަލާހު ލިވަޕޫލް ދޫކޮށްނުލާނެކަމަށެވެ. " އަހަންނަށް އިންގޭ މޯ ހުރީ ވަރަށް ހިތްހަމަޖެހިފައިކަން، އޭނައަށް އިންގޭ ލިވަޕޫލްގެ ކުޅުމަކީ އޭނާއާއި އެންމެ ގުޅޭ ކުޅުންކަން، އަހަރެން އެއްވެސ ބިރެއް ނެތް" ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނާގޮތުގައި ސަލާހް އޭނާގެ ލޮލުގައި ފުރަތަމަ އަޅައިގަތީ ސަލާހް ސްވިސް ގެ ކްލަބެއް ކަމައްވާ ބެސެލްއަށް ކުޅެނިކޮށެވެ. އަދި އޭނާ ގެ ސްކައުޓިން ޑިޕާޓްމެންޓުން އަބަދުވެސް ސަލާހު ގެންނަން ބުނާކަމަށެވެ،" އެޑިން ޖެކޯ އާއި އެކީ ސަލާހު އޭރު ކުޅޭ އިރުވެސް ވަރަށް ރީއްޗަށް ބޯޅަ އާއި ކުޅޭތަން އެއްމެނަށް ވެސް ފެންނާނެ" ލިވަޕޫލްގެ ކޯޗު ބުންޏެވެ.

މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ކުޅުމުގެ ކުރިން ކްލޮޕް އޭނާގެ ކުޅުންތެރިންނާއި ދެއްކި ވާހަކަ އޭނާ ހިއްސާކުރަމުން ބުންޏެވެ. "އަހަރެން ހުރިހާ ކުޅުންތެރިންގެ ގާތުގައިވެސް ބުނީ، ސިޓީ އާއި ދެކޮޅަށް ނިކުންނަ އިރު ނިކުންނަން ޖެހޭނީ ލިވަޕޫލްގެ ގޮތުގައި. އަހަރެމެން ހޯދި ނަތީޖާ އަކީ ވަރަށްވެސް ބޮޑު ނަތީޖާއެއް. ދުނިޔޭގެ އެންމެ މޮޅު ކޯޗު (ޕެޕް ގާޑިއޯލާ) އަދި ސިޓީ 2 މެޗުން ބަލިކޮށް ކުރިޔަށް ދިޔުމަކީ އުފާވެރިކަމެކެވެ. އެއީ ފުޓުބޯޅައިގެ ރީތީ ތަންކޮޅަކީ، މޮޅުވިޔަސް ހުރިހާ މެޗަކުން މޮޅެއް ނުވާނެ"

އަދި މީގެއިތުރުން އިޖިޕްޓް އިންޑިޕެންޑެންޓުން ނެރެފައިވާ ރިޕޯޓަކުން ބުނާގޮތުގައި އިޖިޕްޓުގެ ޓުއަރިޒަމް ޕްރޮމޯޝަންގެ ހެޑް އިސްލާމް މުނީރު ވަނީ މުހައްމަދު ސަލާހު އިންގިރޭސި ވިލާތް އަދި ޔޫރަޕަށް އިޖިޕްޓުގެ ޓުއަރިޒަމް އެމްބެސެޑަރުގެ މަގާމު ދިނުމަށް ލަފާ ދީފައެވެ.