ބާރަ ވަނަ އަތޮޅު ލީގު ބެޑްމިންޓަން މުބާރާތުގެ ޓީމް އިވެންޓުގެ ޗެމްޕިއަންކަން ހޮޅުދޫ ބެޑްމިންޓަން ކްލަބުން ހޯދައިފިއެވެ.

އަތޮޅު ލީގް ބެޑްމިންޓަން މުބާރާތުގެ ޓީމް އިވެންޓުގެ ޗެމްޕިއަންކަން ހޮޅުދޫ ބީޑީސީ އިން ހޯދީ ފައިނަލުގައި އައްޑޫ ސިޓީ ވެލްތު އެންޑް ރެކްރިއޭޝަން ކްލަބާއި ވާދަކޮށް 3-2 ޓައި އިން މެޗު ކާމިޔާބުކޮށްގެންނެވެ. މިއީ 2015 ވަނަ އަހަރުގެ ފަހުން ހޮޅުދޫން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގެ ފުރަތަމަ ޓައި ކާމިޔާބުކުރީ ހޮޅުދޫ އިންނެވެ. މުޙައްމަދު ރަވީނާއި އިބްރާހީމް ސިރާޖުގެ ޕެއާ އިން އައްޑޫ ސިޓީގެ އިބްރާހީމް ނަޝީދާއި އަޙްމަދު ފައްވާޒްގެ މައްޗަށް ކުރިހޯދީ 2 ސެޓު 1 ސެޓުންނެވެ. ފުރަތަމަ ސެޓު ފަސޭހަކަމާއިއެކު 21-12 އިން ރަވީނާއި ސިރާޖުގެ ޕެއާ ކާމިޔާބުކުރި ނަމަވެސް ދެވަނަ ސެޓު ވާދަވެރި ކުޅުމަކަށްފަހު ނަޝީދާއި ފައްވާޒްގެ ޕެއާ އިން ގެންދިޔައީ 23-21 އިންނެވެ. ރަވީނާއި ސިރާޖު ފުރަތަމަ ޓައި ކާމިޔާބުކުރީ ފަހު ސެޓުގައި ފޯރިގަދަ ކުޅުމަކަށްފަހު 21-19 އިން ކުރިހޯދައިގެންނެވެ.

ހޮޅުދޫން ފުރަތަމަ ޓައި ކާމިޔާބުކުރި ނަމަވެސް ދެވަނަ ޓައިގައި މޮޅުވީ އައްޑޫ ސިޓީގެ ޓީމެވެ. އެ ޓީމުގެ ނާތިޖް ޢަލީ އާއި ހޮޅުދޫގެ އައުވާން އިޒްހާމް ވާދަކުރި މެޗު ނާތިޖް ކާމިޔާބުކުރީ 2 ސެޓު 1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 21-11 އިން ގެންދިޔައީ ނާތިޖެއެވެ. ދެވަނަ ސެޓުގައި ދެކުޅުންތެރިންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު މިސެޓު އައުވާން ގެންދިޔައީ 21-19 އިންނެވެ. ނަތީޖާ ނެރުމަށްޓަކައި ކުޅުނު ތިންވަނަ ސެޓު ބޮޑު ލީޑަކާއެކު 21-6 އިން ކުރިހޯދީ ނާތިޖް އެވެ.

ފައިނަލުގެ ތިންވަނަ ޓައިގައި ހޮޅުދޫގެ މުޙައްމަދު ރަވީނާއި އައްޑޫ ސިޓީގެ އިބްރާހީމް ނަޝީދު ވާދަކުރި މެޗު ރަވީން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. ރަވީން ސެޓުތަށް ގެންދިޔައީ 24-22 އަދި 21-13 އިންނެވެ.

މި މެޗު ކާމިޔާބުކޮށް ހޮޅުދޫން އެޑްވާންޓޭޖް ނެގި ނަމަވެސް ހަތަރުވަނަ ޓައިގައި ކުރިހޯދައި އައްޑޫސިޓީގެ ޓީމުން ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކުރި އެވެ. ހޮޅުދޫ ޓީމުގެ ސިރާޖާއި އައުވާމްގެ ޕެއާ އާއި ވާދަކޮށް އައްޑޫގެ ނާތިޖާއި އިބްރާހީމް މުޙައްމަދުގެ ޕެއާ އިން ހަތަރުވަނަ ޓައި ކާމިޔާބުކުރީ ސީދާ ދެސެޓުންނެވެ. މެޗުގެ ސެޓުތަށް އައްޑޫ ޕެއާ އިން ގެންދިޔައީ 21-18 އަދި 21-10 އިންނެވެ.

ހޮޅުދޫން ޓީމް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ފަސްވަނަ ޓައިގައި ކުރިހޯދައިގެންނެވެ. އަޒުހާން އިޒްހާމާއި މުޙައްމަދު އާމިރުގެ ޕެއާ އިން އައްޑޫގެ ފައްވާޒާއި އަޙްމަދު ދީދީގެ ޕެއާ ބަލިކުރީ ސީދާ ދެ ސެޓުންނެވެ. ހޮޅުދޫ ޕެއާ އިން ސެޓުތައް ގެންދިޔައީ 21-16 އަދި 21-19އިންނެވެ.