ކެޕްޓަން ލިއޮނެލް މެސީ ބާސެލޯނާ ޖާޒީގައި ކުޅުނު 700 ވަނަ މެޗުގައި ދެއްކި މޮޅު ކުޅުމާއެކު ބާސާ އިން ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަސް ވަނަ ބުރުގައި ރޭ ކޭމްޕް ނޫގައި ބާސާ އިން ޑޯޓްމަންޑްގެ މައްޗަށް ކުރިހޯދީ 3-1 އިންނެވެ. މި މޮޅާއެކު ބާސާ އަށް ވަނީ ގްރޫޕް އެފްގެ އެއްވަނަ މަގާމް ކަށަވަރުވެފަ އެވެ. މިއީ އެ ކްލަބުން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މި މުބާރާތުގެ ދެވަނަ ބުރުން ޖެހިޖެހިގެން ޖާގަ ހޯދި ރެކޯޑު 13 ވަނަ ފަހަރެވެ.

މިސީޒަނުގެ މުބާރާތުގައި ބާސާ މިހާތާނަށް ކުޅުނު ފަސް މެޗުން އެޓީމަށް 11 ޕޮއިންޓް ލިބިފައިވާއިރު މި ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ގަދަ ސޯޅަ އަށް ކޮލިފައިވާ ޓީމެއް ކަށަވަރު ވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗަށްފަހު އެވެ. ގްރޫޕް އެފްގެ ދެވަނަ އަދި ތިންވަނައިގައި އޮތް އިންޓަ މިލާނާއި ޑޯޓްމަންޑަށް ވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ. ފަހު މެޗުގައި ގްރޫޕްގެ ފުލުގައި 2 ޕޮއިންޓާއެކު އޮތް ސްލާވިއާ ޕްރާހާ އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ޑޯޓްމަންޑް ނުކުންނަ އިރު އިޓަލީގައި އިންޓަ ވާދަކުރާނީ ބާސެލޯނާއާ އެވެ.

ބާސާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެޓީމުން ޑޯޓްމަންޑްގެ ގޯލު ފުރަތަމަ ފަހަރަށް ފޫއަޅުވާލީ ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ލުއިސް ސުއަރޭޒް އެވެ. އޭގެ ތިން މިނެޓު ފަހުން ސުއަރޭޒް ދިން ބޯޅައެއްގައި މެސީ ވަނީ ބާސާގެ ލީޑު ފުޅާކޮށްދީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ ގިނަ ޓީމު ކޮޅަށް ލަނޑު ޖެހި ކުޅުންތެރިއާގެ ޝަރަފް ހޯދައިފަ އެވެ.

ޑޯޓްމަންޑް ކޮޅަށް މެސީ ޖެހި ލަނޑާއެކު އޭނާ މި މުބާރާތުގައި ލަނޑު ޖެހި ޓީމުތަކުގެ އަދަދު ވަނީ 34 އަށް އަރާފައެވެ. ކުރިން މި ރެކޯޑު އޮތީ މެސީ އާއެކު ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއިރެއާލް މެޑްރިޑްގެ ކުރީގެ ކުޅުންތެރިއާ ރައުލް ގޮންޒަލޭޒް އަތުގަ އެވެ.

ބާސާ އިން ދެ ލަނޑުގެ ލީޑެއްގައި އޮވެ ފުރަތަމަ ހާފު ނިންމާލި އިރު އެޓީމުން ޖެހި ތިންވަނަ ލަނޑު ދެވަނަ ހާފުގެ 67 ވަނަ މިނެޓުގައި މެސީ ދިން ބޯޅައެއްގައި ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެންޓޮއިން ގްރީޒްމަން އެވެ. ބާސާގެ ތިން ވަނަ ލަނޑާއެކު އެޓީމުގެ ކުޅުން ތަންކޮޅެއް ދަށްވެގެން ދިޔަތަން ފެނިގެންދިޔަ އިރު މެޗުގެ ފަހު ވިއްސަކަށް މިނެޓުގައި ޑޯޓްމަންޑުން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ބާސާގެ ގޯލަށް ނުރައްކާ ކުރެވޭތޯ މަސަތްކަތްކޮށްފަ އެވެ. އެގޮތުން އެޓީމުން ކުރި މަސަތްކަތުގެ ނަތީޖާއެއްގެ ގޮތުން 77 ވަނަ މިނެޓުގައި ޖޫލިއަން ބްރާންޑްޓް ޖައްސާލި ބޯޅަ އެއްގައި ޖޭޑަން ސާންޗޯ ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްދީފަ އެވެ.

ފުރިހަމަ މޮޅަކާއެކު ބާސާ އިން ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ފުރުސަތު ހޯދިއިރު އެޓީމަށް ކުރިއަށް ދެން އޮތީ ވެސް ވަރުގަދަ މެޗެކެވެ. މިވަގުތު ސްޕެނިޝް ލީގު އެއްވަނައިގައި އޮތް ބާސާ އިން އެ މަގާމު ދެމެހެއްޓުމަށް އަންނަ އާދިއްތަ ދުވަހު ނުކުންނާނީ ވަންޑާ މެޓްރޮޕޮލިޓާނޯގައި ވަރުގަދަ އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށެވެ.