އަންނަ އާދިއްތަ ދުވަހު ނޭޕާލުގައި ފެށުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ގޭމްސްގެ ބެޑްމިންޓަން އިވެންޓުގެ ޗީފް އަމްޕަޔަރަކަށް ރާއްޖޭގެ ތަޖުރިބާކާރު ބެޑްމިންޓަން ރެފްރީ އަލީ އަބްދުލްކަރީމް ހަމަޖައްސައިފި އެވެ.

ރާއްޖޭގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އަދި އެންމެ ސީނިއާ ބެޑްމިންޓަން ރެފްރީ އަލީ އަބްދުލްކަރީމް ސައުތު އޭޝިއަން ގޭމްސްގެ ބެޑްމިންޓަން ކުޅިވަރުގެ ރެފްރީއަކަށް ހަމަޖައްސާފައިވާކަން ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަނުން ޔަގީންކޮށް ދީފައިވާއިރު މުބާރާތުގެ ޑެޕިއުޓީ ރެފްރީންގެ ގޮތުގައި ހަރަކާތްތެރިވާނީ ނޭޕާލުގެ ދެ ރެފްރީންނެވެ.

މިފަހަރުގެ ގޭމްސްގެ ބެޑްމިންޓަން އިވެންޓުގެ އެންމެ އިސް ޒިންމާ ހަވާލުކޮށްފައިވާ ޢަލީ އަކީ ރާއްޖޭގައި ބޭއްވި އެތައް މުބާރާތެއްގައި އަމްޕަޔަރު ކަން ކޮށްފައިވާ ތަޖުރިބާކާރު ފަރާތެކެވެ. މީގެ އިތުރުން ސަރަހައްދީ ފެންވަރުގައި ވެސް ގިނަ މުބާރާތްތަކުގައި އޮފިޝަލުކަން ކޮށްފައިވާ އަލީ އަކީ ބެޑްމިންޓަން އޭޝިއާ ކޮންފެޑެރޭޝަން ލައިސަންސް ލިބިފައިވާ ރެފްރީ އެއްގެ އިތުރުން އަމްޕަޔަރެކެވެ.

މި އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބެޑްމިންޓަން އިވެންޓްގައި ވެސް އަންޕަޔަރުކަން ކުރި އަލީ ވަނީ މި މަހުގެ ކުރީކޮޅު ޕާކިސްތާނުގައި ބޭއްވި ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސިރީސް ބެޑްމިންޓަން މުބާރާތުގެ ރެފްރީކަން ވެސް ކޮށްފައެވެ.

އަލީ އަކީ އޮލިމްޕިކްސްގައި ޓެކްނިކަލް އޮފިޝަލެއްގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު މިހާތަނަށް ލިބުނު ހަމައެކަނި ދިވެހި ރެފްރީ އެވެ. އެއީ 2016 ވަނަ އަހަރު ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ބޭއްވި އޮލިމްޕިކްސްގަ އެވެ.

13 ވަނަ ސާފް ގޭމްސްގެ ބެޑްމިންޓަން އިވެންޓު ކުރިޔަށް ދާނީ ޑިސެމްބަރު މަހުގެ އެއް ވަނަ ދުވަހުން ހަތް ވަނަ ދުވަހުގެ ނިޔަލަށް ނޭޕާލުގެ ޕޮކާރާގައެވެ. މި ފަހަރުގެ ގޭމްސްގައި ރާއްޖެ އިން ބައިވެރިވެފައިވަނީ ހަމައެކަނި އަންހެން ޓީމެވެ.

ގައުމީ އަންހެން ޓީމުގައި ހިމެނެނީ އައިމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާގެ އިތުރުން ނީލާ ނަޖީބާއި އައިމިނަތު ޝަހުރުނާޒް މޫސާ އާއި އައިމިނަތު އަހުމަދުދީދީ އާއި މައިސާ ފަތުހުﷲ (މައި) އަދި މާޝާ ރަޝީދު އެވެ. ގޭމްސް އަށް ތައްޔާރުވުމަށް އަންހެން ޓީމު މިވަގުތު ދަނީ އިންޑިއާގައި ތަމްރީންތައް ފުރިހަމަ ކުރަމުންނެވެ.