ޔޫރޮޕާ ލީގުގެ ސެމީފައިނަލަށް އާސެނަލް އާއި އެތްލެޓިކޯ މެޑްރިޑް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ސެމީ އަށް އާސެނަލް ދަތުރުކުރީ ކުއާޓާފައިނަލްގެ ދެވަނަ ލެގުގައި ރޭ 2-2 އިން ރަޝިޔާގެ ސީއެސްކޭއޭ މޮސްކޯއާ އެއްވަރުކޮށް، ދެ ލެގުގެ އެގްރިގޭޓުން 3-6 އިން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގު 1-4 އިން ކާމިޔާބުކުރީ އާސެނަލް އިންނެވެ.

ރަޝިޔާގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ސީއެސްކޭ އިންނެވެ. މި ގޯލު މެޗުގެ 39 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޗަލޯވްއެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު ނަބާބަކިން ވަނީ ސީއެސްކޭގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ ސެމީގެ އުއްމީދު އެޓީމަށް އާކޮށްދީފައެވެ.

މި ގޯލާއެކު ސެމީއަށް ދިޔުމަށް ސީއެސްކޭ އަށް ދެން ބޭނުންވެފައި އޮތީ އެންމެ ގޯލެއް ކަމަށްވާއިރު އިތުރު ގޯލެއް ކާމިޔާބުކުރުމަށް އެޓީމުން ދިޔައީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް މެޗުގެ 75 ވަނަ މިނެޓްގައި އާސެނަލްގެ ޑެނީ ވެލްބެކް ކާމިޔާބުކުރި ގޯލާއެކު ސެމީއަށް ދިޔުމުގެ އުއްމީދު ސީއެސްކޭ އަށް ވަނީ ބަންދުވެފައެވެ.

އަދި އާސެނަލްގެ ދެވަނަ ގޯލު މެޗުގެ ފަހުވަގުތުކޮޅު ތެރޭ ކާމިޔާބުކޮށްދިނީ އާރޮން ރަމްސީއެވެ.

މުބާރާތުގެ ސެމީއަށް އެތްލެޓިކޯ މެޑްރިޑް ދަތުރުކުރީ ރޭ ޕޯޗުގަލްގެ ސްޕޯޓިން ލިސްބަން އަތުން 1-0 އިން ބަލިވެ، ދެ ލެގުގެ އެގްރިގޭޓުން 2-1 އިން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގު 1-2 އިން ކާމިޔާބުކުރީ އެތްލެޓިކޯ އިންނެވެ.

ޕޯޗުގަލްގައި ރޭ ކުޅުނު މި މެޗުގެ ހަމައެކަނި ގޯލު ސްޕޯޓިން އަށް މެޗުގެ 28 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މޮންޓޭރޯއެވެ. ނަތީޖާ އެއްވަރުކޮށްލަން މެޗުގެ ފަހުވަގުތުކޮޅު ތެރޭ އެތްލެޓިކޯގެ ގްރިޒްމަން އަށް ވަނީ މުޅިން ހުސް ދެ ފުރުސަތު ލިބި ބޭކާރުވެފައެވެ.

އެތްލެޓިކޯ އާއި އާސެނަލްގެ އިތުރުން ދެން މުބާރާތުގެ ސެމީ އަށް ދަތުރުކުރީ ފްރާންސްގެ މާސޭ އާއި އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގްއެވެ.

ސެމީފައިނަލްގައި ޓީމުތައް ބައްދަލުކުރާނެ ގޮތް އިނގޭނީ މިއަދު ނަގާ ގުރުއަތުލުމުންނެވެ.