ނޭޕާލުގައި މިހާރު ކުރިއަށްދާ ސަރަހައްދީ އެންމެ ބޮޑު ގޭމްސް ކަމަށްވާ ސައުތް އޭޝިއަން ގޭމްސްގެ އަންހެން ވޮލީގައި ރާއްޖޭގެ މައްޗަށް ތިން ސެޓުން ކުރިހޯދައި އަވައްޓެރި ސްރީ ލަންކާއިން ގްރޫޕުގެ އެއްވަނަ ހޯދުމުން މުބާރާތުގެ ސެމީ ފައިނަލުގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރަން ޖެހިއްޖެ އެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ތުރީޕުރޭޝްވޯރު ހޯލުގައި އިއްޔެ ކުޅުނު މެޗުގައި ލަންކާ އަތުން ރާއްޖެ ބަލިވީ 15-25 އަދި 18-25 ގެ އިތުރުން 14-25 އިންނެވެ. މި މޮޅާއެކު އެއްވަނަ ޓީމުގެ ގޮތުގައި ލަންކާ ސެމީއަށް ދަތުރު ކުރި އިރު ރާއްޖެ ވަނީ ދެވަނައިގައި ސެމީ އިން ޖާގަ ހޯދައިފަ އެވެ.

މި ގުރޫޕުގައި ދެން ހިމެނުނު ޕާކިސްތާން ފަހު ވަގުތު މުބާރާތުން ވަކިވުމުން ލަންކާ މެޗަށް ނުކުތް އިރުވެސް ރާއްޖެ އަށް ވަނީ ސެމީގެ ޖާގައެއް ޔަގީންވެފަ އެވެ. ރާއްޖޭން ވަނީ 2016 ވަނަ އަހަރު އިންޑިއާގެ ގުވަހާޓީގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ޕާކިސްތާން ބަލިކޮށް ސެމީން ފުރުސަތު ހޯދައިފަ އެވެ. އެފަހަރު ސެމީން ރާއްޖެ ބަލިވީ ލަންކާ އަތުންނެވެ.

ރާއްޖެ އާއި އިންޑިއާ ކުޅޭ ސެމީ ފައިނަލް މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިއަދު ހަވީރު 16:15ގަ އެވެ. ރާއްޖޭގެ އަންހެން ޓީމުން މި ފަހަރުގެ ސައުތު އޭޝިއަން ގޭމްސްއާ ކުރިމަތިލީ ރަނގަޅު ނަތީޖާތަކެއް ފާއިތުވެދިޔަ މަހެއްހާ ދުވަހު ނެރުމަށްފަހު އެވެ. އެގޮތުން ދާދި ފަހުން ބަންގްލަދޭޝްގައި ބޭއްވި އޭވީސީ ސެންޓްރަލް ޒޯންސީނިއާ ވިމެންސް ޗެމްޕިއަންޝިޕްގެ ރިހި މެޑަލް ހޯދައި، އަންހެން ވޮލީ ޓީމުން ވަނީ ތާރީހީ ކާމިޔާބީއެއް ހޯދައިފައެވެ.

ރަސްމީކޮށް އަންނަ އާދިއްތަ ދުވަހު ގޭމްސް ފަށާގޮތަށް ހަމަޖެހިފައި އޮތަސް ވޮލީބޯޅަ އިވެންޓް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ފަށައިފައެވެ. އެއީ މިފަހަރުގެ ބާސްކެޓް އަދި ވޮލީ އެއް ކޯޓެއްގައި ކުޅޭތީ ބާސްކެޓް އިވެންޓް ފަށަންވާ އިރަށް ވޮލީ މުބާރާތް ނިންމާލުމުގެ ބޭނުމުގަ އެވެ.

އަންހެން ވޮލީ ޓީމް ސެމީ ފައިނަލުގެ މެޗާއި މިއަދު ހަވީރު ކުރިމަތިލާއިރު ރޭ ލަންކާ އަތުން ބަލިވެ ފިރިހެން ވޮލީ ޓީމަށް ވަނީ މުބާރާތް ނިމިފައެވެ. ފިރިހެން ޓީމުން މުބާރާތް ނިންމާލީ ކުޅުނު ދެ މެޗުން ވެސް ބަލިވެގެންނެވެ.