ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ތަރި އެޑެން ހަޒާޑްގެ ފަޔަށް ލިބިފައިވާ އަނިޔާ ކަންބޮޑުވާންޖެހޭ ވަރަކަށް ސީރަސް ނޫން ކަމަށާއި އަންނަ މަހުގެ 18 ވަނަ ދުވަހު ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ކުޅެން އޮތް އެލް ކްލޭސިކޯ މެޗަށް އޭނާ ފިޓްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރެއާލުން ބުނެފިއެވެ.

މިދިޔަ ޓްރާންސްފާ ބާޒާރުގައި ބޮޑު އަގުގައި ޗެލްސީން ރެއާލަށް ބަދަލުވި އުމުރުން 28 އަހަރުގެ ހަޒާޑުގެ ކަކުލަށް އަނިޔާވީ ޗެމްޕިއަންސް ލީގުގައި ސެންޓިއާގޯ ބޭނެބެއުގައި މިދިޔަ އަންގާރަ ދުވަހުގެރޭ ފްރާންސްގެ ޕީއެސްޖީއާ ވާދަކޮށް 2-2 އިން ރެއާލް އެއްވަރުވި މެޗުގަ އެވެ. އެ މެޗަށް ފަހު ހަޒާޑުގެ އަނިޔާ އާއި ބެހޭގޮތުން ކޯޗު ޒައިނިދީން ޒިދާން ބުނީ ކުޅުންތެރިޔާގެ ހާލަތު އެނގޭނީ ޓެސްޓް ތަކަށްފަހު ކަމަށެވެ. އޭގެ ފަހުން ކްލަބުން ޓެސްޓްތައް ހެދުމަށްފަހު ނެރުނު ބަޔާނެއްގައި ބުނީ ހަޒާޑުގެ އިންޖަރީ ސީރިއަސް ނޫން ކަމަށާއި އޭނާގެ ހާލަތު ހީކުރި ވަރަށްވުރެ އަވަހަށް ރަނގަޅުވާނެ ކަމަށެވެ.

މީޑިއާ އާއި ވާހަކަދައްކަމުން ޒިދާން އިތުރަށް ބުނީ ޕީއެސްޖީއާ ދެކޮޅަށް ހަޒާޑް ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި ކްލަބުގެ ވައްޓަފާޅިއަށް ހޭނުމުގައި ސީޒަނުގެ ކުރީކޮޅު ހަޒާޑަށް ދަތިތަކެއް ކުރިމަތިވި ކަމުގައި ވިޔަސް މަޑުމަޑުން ހަޒާޑްގެ ކުޅުން ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތް އެލް ކްލެސިކޯ އާއި ރެއާލުން ކުރިމަތިލާއިރު ޓީމުގެ ހުރިހާ ކުޅުންތެރިން ފިޓްކޮށް ތިބުން މުހިންމު ކަމަށާއި ބާސާ މެޗުގައި ހަޒާޑު ކުޅޭނެކަމަށް ވަރަށް ބޮޑަށް އުއްމީދުކުރާ ކަމަށެވެ.

ސްޕެނިޝް ލީގުގައި މިވަގުތު ބާސެލޯނާ އެއްވަނައިގައި އޮތްއިރު ރެއާލް އޮތީ ލަނޑުގެ ތަފާތުން ދެވަނައިގަ އެވެ. މި ދެ ޓީމު ބައްދަލުކުރާ ކްލެސިކޯ މެޗަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު އެ މެޗަކަށް އިންތިޒާރުކުރާ ފުޓްބޯޅަ މެޗެވެ.